ވިލުފުށިން ދޫކުރާ 100 ހައުސިން ޔުނިޓަށް ހުށަހެޅި ފޯމުތަކަށް ޕޮއިންޓުދީ، ޝަކުވާއަށް ހުޅުވާލައިފި

ތ.ވިލުފުށީގައި އިމާރާތްކޮށްފައިވާ ގެތައްކެއް... ފޮޓޯ/ އަދަދު

ތ. ވިލުފުށީގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓު ދޫކުރުމުގެ އުސޫލާ އެއްގޮތަށް، އެ ޔުނިޓުތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމުތައް ވެރިފައިކޮށް ނިންމައި ޕޮއިންޓް ދީފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ފޯމު ހުށަހެޅި ފަރާތްތަކުން 'ހިޔާވެހި ޕޯޓަލް' އަށް ލޮގިންވުމުން، ހުށަހެޅި ފޯމަށް ލިބިފައިވާ ޕޮއިންޓު މިހާރު ފެންނަން ހުންނާނެއެވެ.

ލިބިފައިވާ ޕޮއިންޓާ ގުޅިގެން ނުވަތަ އިތުރު މައްސަލައަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.

އެގޮތުން އިއުލާނުގައިވާ ގޮތުން ޝަކުވާ ހުށަހެޅުމަށް ރަސްމީ 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 10 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ.

އެ ވުޒާރާއިން ބުނީ ހިޔާވެހި ޕޯޓަލް ނޫން އެހެން އެއްވެސް ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށެވެ. އަދި ހައުސިން ޔުނިޓުތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އިއުލާނުކުރާނީ ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހުގައިކަމަށް ވަނީ ބުނެފައެވެ.

އެއްހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ވިލުފުށީގައި ހިންގާ މި މަޝްރޫއުގައި ފްލެޓަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްކަމަށާއި ފޯމުތައް ރިވިއުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، ވުޒާރާއާއި ވިލުފުށިން ހޮވާލެވުނު ޓީމެއް ހިމެނޭ ގޮތަށް އެކުލަވާލި ޚާއްސަ ކޮމިޓީއަކުން ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.

ވިލުފުށީގައި 100 ހައުސިން ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2014 ވަނަ އަހަރެވެ. ނަމަވެސް ކޯޓު މަރުހަލާތަކަކާ ގުޅިގެން ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު މަސައްކަތް އަލުން ފެށީ 2019 ގައެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރި ހުރިހާ ރޯހައުސްތަކުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާއިރު، މި ޔުނިޓުތަކަށް ކުރިމަތިލުމަށް މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި 200 އަށްވުރެ ގިނަ ފަރާތުން ވަނީ ކުރިމަތިލާފައެވެ.

comment ކޮމެންޓް