ލޮލުގެ ދުޅަހެޔޮކަމަށް އަލިކަމާއި ނިދީގެ މުހިންމުކަން

ލޮލާއި ހަށިގަނޑުގެ އެތެރޭގެ ގަޑިއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ލޮލުގެ ޚާއްސަ ޑޮކްޓަރުން ވިދާޅުވޭ-- ފޮޓޯ/ޕިންޓްރެސްޓް

ރޭގަނޑު ހަމަނިދި ނުލިބި ހޭލަންޖެހިއްޖެނަމަ، އަނެއް ދުވަހު ލޯ ހިކި، ލޮލަށް ވެލިއެޅިފައި ހުންނަ ފަދަ އުނދަގޫ އިހުސާސެއް ކުރެވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތަޖުރިބާކޮށްފައިވާނެ ކަމެކެވެ.

މިއީ ހަމައެކަނި ވަރުބަލިކަމުގެ ނިޝާނެއް ނޫނެވެ. ޞިއްޙީ މާހިރުން ހާމަކުރައްވާ ގޮތުގައި، އަޅުގަނޑުމެންގެ ނިދުމުގެ ނިޒާމާއި، ލޮލުގެ ދުޅަހެޔޮކަމާ އަދި ވަށައިގެންވާ އަލިކަމާ ދެމެދު ވަނީ ނުހަނު ފުން ގުޅުމެއް ޤާއިމުވެފައެވެ. ލޮލަކީ ހަމައެކަނި ބޭރުފުށުގެ މަންޒަރުތައް ދައްކުވައިދޭ ގުނަވަނެއް ނޫނެވެ. އެއީ މުޅި ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑި ނުވަތަ 'ސާކޭޑިއަން ރިދަމް' ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ވަސީލަތެވެ.

އިންސާނާގެ ލޮލުގެ ރެޓިނާގައި ވަރަށް ޚާއްޞަ ސެލްތަކެއް ހުންނަކަން ފާހަގަކުރައްވައި ނެތުރަދާމާ ސުޕަ ސްޕެޝަލިޓީ އައި ހޮސްޕިޓަލުގެ ލޮލުގެ ޚާއްޞަ ޑޮކްޓަރު ޑރ. ސުޕްރިޔާ ސްރީގަނޭޝް ވިދާޅުވީ، މި ސެލްތަކުގައި އެކުލެވޭ 'މެލަނޮޕްސިން' ކިޔާ ފޮޓޯޕިގްމެންޓެއްގެ އެހީގައި ދުވާލުގެ އަލިކަމާއި ރޭގަނޑުގެ އަނދިރިކަން ވަކިކޮށްދޭ ކަމަށެވެ. އަދި މި މައުލޫމާތު ސިކުނޑީގެ މައި ގަޑިއަށް ފޯރުކޮށްދީ، ނިދުމުގެ ނިޒާމު ކޮންޓްރޯލްކުރާ މެލަޓޮނިން ހޯމޯން ދޫކުރުމުގެ މިންވަރު ތަރުތީބުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބެންގަލޫރުގެ ފޯޓިސް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އޮފްތަލްމޮލޮޖިސްޓް ޑރ. ރޭކާ ވެސް މިކަމަށް ތާއީދުކުރައްވަމުން ވިދާޅުވީ، ލޮލާއި ހަށިގަނޑުގެ އެތެރޭގެ ގަޑިއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ޤަވާއިދުން ނިދުމުގެ އާދަ އަށަގެންނެވުމާއި އެކަށީގެންވާ އަލިކަމަށް ހުށަހެޅުމަކީ ލޮލުގެ ޖުމްލަ ސިއްހަތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ހެނދުނުގެ ޤުދުރަތީ އަލިން ހަށިގަނޑުގެ ނިދުމުގެ ނިޒާމު އަލުން ތަރުތީބުވެ، ރޭގަނޑު ފަސޭހައިން ނިދުމަށް މަގުފަހިވާ ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވާ-- ފޮޓޯ/ޕިންޓްރެސްޓް

އަޅުގަނޑުމެން ނިދާފައި އޮންނަ ވަގުތުތަކަކީ ލޯ މެރިފައި އޮތުމުގެ ސަބަބުން، ޖައްވުގައި ހުންނަ ކުނިބުންޏާއި ހިރަފުހުން ލޯ ރައްކާތެރިކޮށްދޭ ވަގުތެއް ކަމަށް ޑރ. ރޭކާ ފާހަގަކުރައްވައެވެ. އަދި ލޮލުގެ ކަރުނައިގެ ފަށަލަ އަލުން އުފެދި ތާޒާކަން ގެނެސްދެނީ ވެސް ނިދާފައި އޮންނަ ވަގުތުގައެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ނިދި ނުލިބޭނަމަ ލޯ ހިކުމާއި، ލޯ ރަތްވުމާއި، ލޮލަށް ވާންވުމުގެ އިތުރުން މަންޒަރުތައް ސާފުކޮށް ފެނުމަށް ދަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ޑރ. ސުޕްރިޔާ ވިދާޅުވީ، ނިދުމުގެ ދައުރަށް ބުރޫއެރުމުން ލޮލުގެ ސަތަހައަށް ގެއްލުންވެ، ލޮލަށް އެއްޗެއް އަޅާފައި ހުންނަ ފަދަ އުނދަގޫ އިހުސާސެއް ކުރެވި، މުޅި ދުވަހު ލޮލުގެ ވަރުބަލިކަމާއި ފުސްކަން ދެމިގެންދާ ކަމަށެވެ.

ހެނދުނުގެ ވަގުތުގައި ބޭރަށް ނުކުމެ ހިނގާލުމަކީ ހަމައެކަނި ސާފު ވައި ހޯދުމަށް ކުރާ ކަމެއް ނޫނެވެ. ޑރ. ސުޕްރިޔާ ބަޔާންކުރައްވާ ގޮތުގައި، ލޮލަށް އެޅޭ އަލީގެ ވަގުތާއި އޭގެ ބާރުމިނަކީ ނިދުމަށާއި ލޮލުގެ ދުޅަހެޔޮކަމަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ޚާއްޞަކޮށް ހެނދުނުގެ ޤުދުރަތީ އަލި ލޮލަށް އެޅުމުން ހަށިގަނޑުގެ ސާކޭޑިއަން ރިދަމް އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. ޑރ. ރޭކާ އިތުރަށް ވިދާޅުވީ، ހެނދުނުގެ ޤުދުރަތީ އަލިން ހަށިގަނޑުގެ ނިދުމުގެ ނިޒާމު އަލުން ތަރުތީބުވެ، ރޭގަނޑު ފަސޭހައިން ނިދުމަށް މަގުފަހިވާ ކަމަށެވެ. އަދި އޮފީސްތަކާއި ގޭތެރޭގެ ބަންދު މާހައުލުގައި ފޮތްތަކާއި ސްކްރީންތަކަށް އެތައް އިރަކު ބަލަން ހުރުމަށްފަހު، ހާމަ ތަނެއްގެ ޤުދުރަތީ އަލީގައި ހޭދަކޮށްލާ ވަގުތަކީ ލޮލުގެ މަސްތަކަށް ލިބޭ ވަރަށް ބޮޑު އަރާމެކެވެ.

ނިދަން އޮށޯންނަ ވަގުތުގައި ފޯނާއި ޓީވީ އަދި ޓެބްލެޓް ފަދަ ތަކެތި ބޭނުންކުރުމުގެ އާދައަކީ ސިއްހީ މާހިރުން އެއްގޮތަކަށްވެސް ތާއީދުކުރައްވާ ކަމެއް ނޫން-- ފޮޓޯ/ޕިންޓްރެސްޓް

ނިދަން އޮށޯންނަ ވަގުތުގައި ފޯނާއި ޓީވީ އަދި ޓެބްލެޓް ފަދަ ތަކެތި ބޭނުންކުރުމުގެ އާދައަކީ ސިއްހީ މާހިރުން އެއްގޮތަކަށްވެސް ތާއީދުކުރައްވާ ކަމެއް ނޫނެވެ. ނިދުމުގެ އެއް ގަޑިއިރު ކުރިން ސްކްރީންތަކާ ދުރުހެލިވުމަށް ޑޮކްޓަރުން ބާރުއަޅުއްވައެވެ. މާހިރުން ހާމަކުރައްވާ ގޮތުގައި، ރޭގަނޑު ދަންވަރު ޑިޖިޓަލް އާލާތްތަކުން ބޭރުވާ ގަދަ 'ބްލޫ ލައިޓް'ގެ ސަބަބުން ސިކުނޑިން މެލަޓޮނިން ދޫކުރުން ހުއްޓުވައި، ނިދި އައުން ލަސްކޮށްލައެވެ. ޑރ. ރޭކާ ފާހަގަކުރެއްވި ގޮތުގައި، ސްކްރީންތަކުގެ ސަބަބުން ސީދާ ލޮލަށް އަނިޔާއެއް ނުވި ނަމަވެސް، މާގިނައިރު ބަލަން ހުރުމުން ލޯ އެސްފިޔަޖަހާ މިންވަރު މަދުވެ، ލޯ ހިކުމާއި ޑިޖިޓަލް އައި ސްޓްރެއިން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

ލޮލުގެ އަރާމާއި ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުދިކުދި އާދަތަކެއް އަށަގެންނެވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. ޑރ. ސުޕްރިޔާ ލަފާދެއްވާ ގޮތުގައި، ސްކްރީން ބޭނުންކުރާ ފަރާތްތަކުން މަސައްކަތުގެ ދެމެދުން އިރުއިރުކޮޅާ ސްކްރީނާ ދުރަށް ބަލާލުމާއި، ކުޑަ ވަގުތުކޮޅަކަށް ލޯ މަރާލައިގެން އިނުމަކީ ލޮލަށް ބޮޑު ލުޔެއް ގެނެސްދޭނެ ކަމެކެވެ. މީގެއިތުރުން އިރުއޮއްސުމަށްފަހު ސްކްރީންގެ އަލި މަޑުކޮށްލުމަށާއި، ނިދަން އޮށޯތުމުގެ ކުރިން ސްކްރީންތަކާ ދުރުވެ ހަމަހިމޭން ވަގުތުކޮޅެއް ހޭދަކުރުމަށް އޭނާ އިރުޝާދު ދެއްވައެވެ.

ދިރިއުޅުމުގެ އާދަތަކަށް މިފަދަ ހެޔޮ ބަދަލުތަކެއް ގެނައުމަށްފަހުގައިވެސް، ލޯ ހިކުމާއި، ކަހައި ދިލަނެގުމާއި، ރަތްވުން ނުވަތަ ފެނުން ފުސްވުން ފަދަ އުނދަގޫތައް މެދުނުކެނޑި ދެމިގެންދާނަމަ، ފަސްނުޖެހި ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދައްކައި އިރުޝާދު ހޯދުމަކީ އެންމެ ރައްކާތެރި ގޮތެވެ. ރަނގަޅު ނިދުމުގެ ނިޒާމަކާއި، ހަމަހަމަ އަލިކަމަކަށް ލޯ ހުށަހެޅުމަކީ ލޮލުގެ ދުޅަހެޔޮކަމާއި ޖުމްލަ ސިއްހަތު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ.

comment ކޮމެންޓް