އައިފޯން ޑުއޯގެ ސްކްރީންތަކުގައި މައްސަލަޖެހި، ގިނަ އަދަދެއްގެ ފޯނު ހަލާކުވާން ފަށައިފި

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކުރަމުންދާ ފޮޓޯތައް ---

އެޕަލް ކުންފުނިން އަލަށް ބާޒާރަށް ނެރުނު ފަށްޖަހައިލެވޭ ފޯނު "އައިފޯން ޑުއޯ" ބޭނުންކުރަން ފެށިތާ ދެ ދުވަސް ތެރޭގައި، އެ ފޯނުތަކުގެ އެތެރޭގެ ސްކްރީން ހަލާކުވެ ބޭނުންނުކުރެވޭ މައްސަލަތަކެއް ފެންމަތިވާން ފަށައިފިއެވެ.

ބާޒާރަށް ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ އާންމުން ދަނީ ފޯނުގެ ސްކްރީން ފޯލްޑްކުރާ ހިންޖާ ދިމާލުން ރޫއެރުމާއި، ރެނދުލުމުގެ އިތުރުން މުޅި ސްކްރީން ހަލާކުވަމުންދާ ކަމަށް ބުނެ ޝަކުވާކުރަމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ރިޕޯޓްތަކަށް ބަލާއިރު، ޖަޕާން، ޗައިނާ، އޮސްޓްރޭލިއާ އަދި އެހެނިހެން ގައުމުތަކުން ފޯނު ގަތް ގިނަ ބަޔަކަށް ވަނީ މި މައްސަލައާ ކުރިމަތިލާންޖެހިފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ފޯނު ބޭނުންކުރަން ފެށިތާ ކުޑައިރުކޮޅެއް ނުވަތަ ގާތްގަނޑަކަށް ދެ ދުވަސް ތެރޭގައި ފޯނުގެ ސްކުރީނުގެ މެދުން، ހިންޖާ ދިމާލުން ކަޅު ކުލައިގެ ރޮނގެއް ވެސް ދެމި، ނުވަތަ އަލިގަދަ ރޮނގުތަކެއް ފާޅުވެ ސްކްރީން މަސައްކަތްކުރުން ހުއްޓެއެވެ.

ބައެއް ގައުމުތަކުގެ އެޕަލް ސްޓޯރުތަކުގައި އާންމުންނަށް ދެއްކުމަށް ބަހައްޓައިފައި ހުރި "ޑެމޯ" ފޯނުތަކުގެ ސްކްރީން ވެސް ބޭނުންކުރަމުން ދަނިކޮށް ހަލާކުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އޮސްޓްރޭލިއާގެ އާންމު ފަރާތަކުން ބުނެފައިވާ ގޮތުގައި، 2,000 ޑޮލަރަށް ގަތް މި ފޯނު 20 ފަހަރަށްވުރެ މަދުން ހުޅުވައި ލެއްޕިތަނާ ހިންޖާ ދިމާލުން އަޑެއް ކިޔައި، މުޅި ސްކްރީން ވަނީ ހަލާކުވެފައެވެ.

އައިފޯން ޑުއޯގެ ސްކްރީނު މެދަށް ހުންނަ ބައިގެ މަޑުކަމާއި، އެ ސަރަހައްދުގައި ފިއްތާލުމުން ރޫޖެހޭ މައްސަލަވެސް ޓެކްނޮލޮޖީ ދާއިރާގެ ރިވިއުކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި ޗައިނާގެ ވޭބޯ އާއި ރެޑިޓް ފަދަ މަންސަތަކުގައި އާންމުވަމުންދާ ފޮޓޯތަކުން ފެންނަނީ އެކި މީހުންގެ ފޯނުތަކަށް ސީދާ އެއް ސަރަހައްދަކުން، ހިންޖާ ދިމާލުން އެއްގޮތްތަކަކަށް ގެއްލުންވަމުންދާ ތަނެވެ.

މި މައްސަލައާ ގުޅިގެން ޝަކުވާ ހުށަހެޅި ބައެއް ކަސްޓަމަރުންނަށް އެޕަލް އޮފިޝަލް ސްޓޯރުތަކުން ވަނީ ވަގުތުން އާ ފޯނެއް ބަދަލުގައި ދީފައެވެ. ނަމަވެސް، މިއީ ފޯނު އުފެއްދުމުގައި ދިމާވި ހާއްސަ މައްސަލައެއް ކަމެއް ނުވަތަ ވަކި ބެޗެއްގެ ފޯނުތަކަށް ދިމާވި މައްސަލައެއްކަން އެޕަލްއިން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް