ރާއްޖެއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ރާއްޖޭގެ ބޮޑު އާބާދީއެއް ކަމަށްވާ ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގޭބިސީތަކަށް ފެން ވަދެ، އެކިވަރުގެ ގެއްލުން ލިބިއްޖެއެވެ.
މިކަމާ ގުޅޭ ގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން އެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ފެން ބޮޑުވުމުގެ ސަބަބުން މިހާތަނަށް 140 ގެއަކުން އެކިވަރުގެ ގެއްލުންތައް ލިބިގެން ކައުންސިލަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ބައެއް ވިޔަފާރިތަކަށް ވެސް އެކިވަރުގެ ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާކަމަށް ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.
ޑެޕިއުޓީ މޭޔަރު ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަކީ ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު ވެސް ވަރަށް ބޮޑަށް ފެން ބޮޑުވާ ސިޓީއެއްކަމުން ފެން ހިންދާ ނިޒާމަށް އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބެލުމަށް ކުރި މަސައްކަތުގެ ތެރެއިން އެއް ސަރަހައްދުން ބްލޮކުވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން ހަ ޕަމްޕެއް މެދުވެރިކޮށް އެކި ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެ ބައެއް ސަރަހައްދުތަކުގައި މޫދަށްވާ ގޮތަށް ކޯރު ކަނޑައިގެން ވެސް ފެން ހިންދަމުންދާކަމަށް ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ޢަބްދުﷲ ވިދާޅުވިއެވެ.
އެ ސިޓީގައި ވަރަށް ބޮޑަށް ފެން ބޮޑުވެ، ގިނަ ގެތަކެއްގެ އިތުރުން ފިހާރަތަކަށް ގެއްލުންވަމުން ދާތީ، ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މިދަފަ ހާދިސާތައް ރިޕޯޓުކުރުމަށް ވަގުތީ ހޮޓްލައިނެއް ހުޅުވާލާފައެވެ. ސިޓީ ކައުންސިލުން ހިއްސާކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 6527211 އެވެ.
ވިއްސާރައިގައި ނޮޅިވަރަންފަރުގައި ފެން ބޮޑުވެފައި--ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ނޮޅިވަރަންފަރަށް ވެސް މި ވިއްސާރައިގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެ ރަށަށް ލިބިފައިވާ ގެއްލުންތަކުގެ މައުލޫމާތު "ސަން" އާ ހިއްސާކުރައްވަމުން ކައުންސިލުގެ ރައީސް ޢަބްދުﷲ ނަދީމް ވިދާޅުވީ، މިހާތަނަށް 20 ވަރަކަށް ގެއަށް އެކި ވަރުގެ ގެއްލުން ލިބިގެން ކައުންސިލަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން 10 ގެއެއް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ހާލަަތަށް ގޮސްފައިވާއިރު، ނުވަ ގެއެއްގެ ފާޚާނާ ނިޒާމަށް ގެއްލުންވެފައިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ނޮޅިވަރަންފަރަށް މިހާރު ވެސް ވާރޭ ވެހެމުންދާއިރު، ހަތަރު ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ރަށު ކައުންސިލުގެ ރައީސް، ޢަބްދުﷲ ނަދީމް މައުލޫމާތުދެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް، އެކިވަރުގެ ގެއްލުންތައް ލިބެމުންދާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މިއަދުގެ 10:00 އިން ފެށިގެން 15:00 އާ ހަމައަށް، ހއ. އަތޮޅުން އދ. އަތޮޅާ ހަމައަށް ހުދު ސަމާލެއް ނެރެފައެވެ. މި ވަގުތުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.