ދެހާސްބާވީސްވަނަ އަހަރު ނިމުނުއިރު، ކުނި މެނޭޖުކުރާ ސަރުކާރު ކުންފުނި ވެމްކޯއަށް 127.88 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް، އޮޑިޓް އޮފީހުން އާންމުކުރި މާލީ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
މިއަދު އާންމުކުރި ވެމްކޯގެ 2022ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ އަހަރު އެ ކުންފުންޏަށް 215.43 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ 2021ވަނަ އަހަރު ވެމްކޯއަށް ލިބުނު 174.98 މިލިއަން ރުފިޔާގެ އާމްދަނީއަށް ވުރެ 23.1 އިންސައްތަ އިތުރު އަދަދެކެވެ.
ނަމަވެސް އިދާރީ ޚަރަދުތަކަށް ވެމްކޯއިން އެކަނި ވެސް 2022ވަނަ އަހަރު 281.62 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ޚަރަދެއްކުރީ މުވައްޒަފުންގެ މުސާރައަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރައަށް އެކަނި ވެސް 217.57 މިލިއަން ރުފިޔާ ވެމްކޯއިން 2022ވަނަ އަހަރު ޚަރަދުކުރިއެވެ. މުސާރަ ހިމެނޭހެން 234.67 މިލިއަން ރުފިޔާ ޚަރަދުކުރިކަމަށް އޮޑިޓު ރިޕޯޓުގައިވާ މާލީ ބަޔާންތަކުން ހާމަވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ މާލީ ބަޔާންތަކުން އެނގޭ ގޮތުގައި 2022ވަނަ އަހަރު 105.20 މިލިއަން ރުފިޔާ ސަރުކާރުން ވެމްކޯއަށް އިންޖެކްޓްކޮށްފައިވެއެވެ. ހަމަ އެ އަހަރުގެ ނިޔަލަށް ވެމްކޯއަށް ލިބުނު ޖުމުލަ ގެއްލުން 486.23 މިލިއަން ރުފިޔާއަށް އަރައެވެ.
ދެހާސް އެކާވީސްވަނަ އަހަރު ނިމުނުއިރު ވެމްކޯގެ ޖުމުލަ ގެއްލުން ހުރީ 358.11 މިލިއަން ރުފިޔާ ކަމަށް ވެސް އެ ރިޕޯޓުގައިވާ މާލީ ބަޔާންތަކުން ދައްކައެވެ.
ރިޕޯޓުގައިވާ ގޮތުން 2022ވަނަ އަހަރު ވެމްކޯ ހިންގަމުން އައީ 123.84 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ. ޓެކުހަށް ކެނޑުމުން 2022ވަނަ އަހަރު ވެމްކޯއަށް ލިބުނު ގެއްލުން 127.88 މިލިއަން ރުފިޔާއަށް އަރައެވެ.
ސަރުކާރުގެ ކުންފުނިތަކަށް ދައުލަތުން ބޮޑު ޚަރަދެއް ކުރާއިރު، ގެއްލުމުގައި ހިންގާ ގިނަ ކުންފުނިތަކެއް ހިމެނެއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިދިޔަ އަހަރު އާންމުކުރި ރިޕޯޓަކުން ވަނީ އެ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނި ވެސް ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް ޖުމުލަ 280 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ދައްކައިފައެވެ.
ސަރުކާރު ކުންފުނިތަކުން ދައުލަތަށް ބަރޯސާވުން ކުޑަކުރުމަށް، އެ ކުންފުނިތައް އިސްލާހު ކުރުމަށް ބޭރުގެ އިދާރާތަކުން ވެސް މީގެ ކުރިން ތަކުރާރުކޮށް ގޮވާލައިފައިވެއެވެ. އަދި މި ސަރުކާރުން ކުންފުނިތައް އިސްލާހުކުރަން ފިޔަވަޅުތައް އަޅަން ނިންމި ނަމަވެސް، މުހިންމު އިންތިޚާބުތަކަކާ ދިމާކޮށް އެ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމުން، ސަރުކާރަށް ތުހުމަތުތައް އަމާޒުވިއެވެ.