އިންޑޮނޭޝިއާގައި 19 ފޫޓުގެ ބޮޑު ހަރުފައަކާ ކުރިމަތިލި "ޓާޒަން" ސަލާމަތްވެއްޖެ

"ރިއަލް ޓާޒަން"ގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ އިންފްލުއެންސަރ މައިކް ހޮލްސްޓަން، އިންޑޮނޭޝިއާގައި 5.8 މީޓަރުގެ ދިގު ޕައިތަން ހަރުފައަކާ ކުރިމަތިލައި އެ ސޮރުގެ ކިބައިން ސަލާމަތްވެއްޖެއެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ހޮލްސްޓަން މަސައްކަތްކުރީ އެ ބޮޑު ހަރުފައިގެ ބޮލުގައި ހިފައި ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް ހަރުފަ ކުއްލިއަކަށް ހަރަކާތްކޮށް، އޭނާގެ ގައިގައި އޮޅާލަން މަސައްކަތް ކުރުމުން އޭނާއަށް ބެލެންސް ހިފަހައްޓަން އުނދަގޫވި މަންޒަރު ފެނެއެވެ. ބިންމައްޗަށް ވެއްޓިގެން ދިޔަ މި ކުރިމަތިލުމުގައި އޭނާ ސަލާމަތްވީ ހަރުފައިގެ ބޯ ކޮންޓްރޯލްކޮށްގެންނެވެ.

މި ހާދިސާއަށް ފަހު ވާހަކަދައްކަމުން ހޮލްސްޓަން ބުނީ، އޭނާއަކީ މާޝަލް އާޓްސްގެ ބާވަތެއް ކަމަށްވާ ޖިއު-ޖިޓްސޫގެ ބްލޫ ބެލްޓެއް އޮންނަ މީހެއް ކަމަށެވެ. "އަހަންނަކީ ޖިއު-ޖިޓްސޫގެ ބްލޫ ބެލްޓެއް. އެކަމަކު މި ހަރުފައަކީ ޖަންގަލީގެ ބްލެކް ބެލްޓް. އަހަރެނއ ސަލާމަތްވީ ވަރަށް ހަނި ގޮތަކަށް،" އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، މި ހަރުފައިގެ ދިގުމިނުގައި 19 ފޫޓު އަދި ބަރުދަނުގައި ގާތްގަނޑަކަށް 91 ކިލޯ ހުރި ކަމަށް ބުނެފައިވެއެވެ.

ވަލުޖަނަވާރުންނާއެކު ނުރައްކާތެރި ކަންކަން ކުރުމަށް މަޝްހޫރު ހޮލްސްޓަންގެ މި ވީޑިއޯއާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލު ވަނީ ދެކަފިވެފައެވެ. ބައެއް މީހުން އޭނާގެ ހިތްވަރަށް ތައުރީފުކުރި ނަމަވެސް، އަނެއް ބަޔަކު ވަނީ މިފަދަ ގޮތަކަށް ވަލުޖަނަވާރުންނާ ގާތްވުމަކީ އިންސާނުންނާއި ޖަނަވާރުންނަށް ވެސް އޮތް ބޮޑު ނުރައްކާއެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.

މިކަމާ ގުޅިގެން މާހިރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮޑެތި ޕައިތަން ހަރުފަތަކަކީ ވިހަނުލިކަމުގައިވިޔަސް އޭގެ ވަރުގަދަ މަސްގަނޑުގެ ބޭނުންކޮށްގެން ޝިކާރަކުރާ އެއްޗެހީގެ ގައިގައި އޮޅާލައިގެން ފިއްތާލައި މަރާލުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެއްސެވެ. އެހެންކަމުން ޕްރޮފެޝަނަލް އެހީތެރިކަމާ ނުލައި މިފަދަ ބޮޑެތި ހަރުފަތަކާ ގާތްނުވުމަށް އެ ފަރާތްތަކުން އިންޒާރުދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު