އީރާން ކިޔަމަން ކުރުވުމަށްޓަކައި "މަދާ އޮފް އޯލް ބޮންބްސް" އަޅަން އެމެރިކާއިން ތައްޔާރުވަނީ

މަންމަ ބޮން ގޮއްވާލުމުން އުފެދިގެންދާ އަލިފާންގަނޑު --

ވޮޝިންޓަން (15 އޮކްޓޯބަރު 2026): އެމެރިކާއިން އީރާންއާ ދެކޮޅަށް "މަދާ އޮފް އޯލް ބޮންބްސް" ނުވަތަ މަންމަ ބޮން ބޭނުންކުރަން ތައްޔާރުވަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އެމެރިކާގެ އިންފޯމެޑް ސޯސްތަކާ ހަވާލާދީ ސީއެންއެންއިން ބުނިގޮތުގައި މަންމަ ބޮން ބޭނުންކުރަން ތައްޔާރުވަމުންދަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް އެއްކޮށް ފުނޑާލުމަށެވެ. އެމެރިކާ އުފައްދާފައިވާ މަންމަ ބޮމަކީ ނިއުކްލިޔާ ބޮން ފިޔަވައި ދެން އެމެރިކާގެ އަސްކަރިއްޔާގައިވާ އެންމެ ބާރުގަދަ ބޮމެވެ. މިބޮމަށް ކިޔަނީ ޖީބީޔޫ-43/ބީ އެވެ.

މި ބޮމުން ހަމަލާދިނުމަށް ބޭނުންކުރާ މަތިންދާ ބޯޓުތަކަކީ ބީ-ވަންގެ ބޯޓުތަކާއި ބީ-52 ގެ ބޯޓުތަކާއި ބީ-2 ގެ ބޯޓުތަކެވެ. މަންމަ ބޮމަކީ 90 މީޓަރުގެ ބޯމިނުގައިވާ ފަރުބަދަތައް ފޫއަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ ބޮމެއްކަމަށް މައުލޫމާތު ލިބެއެވެ. މަންމަ ބޮމަކީ އެމެރިކާއިން މިހާތަނަށް އެންމެ ފަހަރަކު ބޭނުންކޮށްފައިވާ ބޮމެކެވެ. އެ ބޮން ފުރަތަމަ ފަހަރަށް ވެސް ބޭނުންކުރީ ޓްރަމްޕްގެ ކުރީގެ ރިޔާސީ ދައުރުގައި 2017 ވަނަ އަހަރު އަފްޣާނިސްތާނުގެ ފަރުބަދައެއްގެ ތެރޭގައިވާ އަލްގާއިދާގެ އަމާޒަކަށެވެ. އެފަހަރު އެބޮމުގެ ސަބަބުން އެމެރިކާ ހަލާކުކޮށްލަން ބޭނުންވި އަމާޒު ހަލާކުކޮށްލެވުނުކަން ނުވަތަ ނޫންކަން ސާފުވެފައެއް ނުވެއެވެ.

އެމެރިކާ އުފައްދާ "މަންމަ ބޮން" --

އެމެރިކާގެ ކުރީގެ އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި މަންމަ ބޮމަކީ ފަރުބަދަތަކުގެ އަޑީގައިވާ ތަންތަން ގޮއްވާލުމަށް އެހާ އިފެކްޓިވް ބޮމެއް ނޫނެވެ. ނަމަވެސް މިއީ ބިންމަތީގައިވާ އިމާރާތްތައް ހަލާކުކޮށްލުމަށް ވަރަށް އިފެކްޓިވް ބޮމެކެވެ. މި ބޮމުގައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ އަޑީގައި ނުވަތަ ފަރުބަދަތަކުގެ އަޑީގައިވާ ތަންތަން ވާސިލްވުމުގެ ގާބިލްކަން ކުޑަކަމެވެ. ބާރުގަދަ ހިލަތަކާއި ބިމުގެ ފަށަލަތައް ތޮރުފާލުމާއި ފޫއަޅުވާލުމުގެ ގާބިލްކަން މިބޮމުގައި ކުޑަވުމެވެ. ނަމަވެސް ބިންމަތީގައިވާ ތަންތަން މިބޮމުން ވަރަށް ފަސޭހައިން ފުނޑާލެވޭކަމަށްވެއެވެ. މިއާއެކު މިބޮމަކީ ބިންމަތީގައި ހުންނަ ތަންތަނަށް އެޅުމުން ވަރަށް ގިނައިން މީހުން މަރާލުމުގެ ގާބިލްކަން ވެސް ބޮޑު ބޮމެއް ކަމަށް ވެއެވެ.

އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ހަރަކާތްތައް ހިންގާ މަރުކަޒުގެ ގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ޝައްކުކުރާ ހައްސާސް ނިއުކްލިޔާ މަރުކަޒު ހުންނަކަމަށް ވަނީ އެ ގައުމުގެ "ޖަބަލުލްފައުސް" ގެ ގާތްގަނޑަކަށް 300 ވަރަކަށް މީޓަރު އަޑީގައެވެ. މި ފަރުބަދައަކީ ގްރެނައިޓް ހިލައިގެ ވަރަށް ބިޔަ ފަރުބަދައެކެވެ. ގްރެނައިޓް ހިލައަކީ ހިލަތަކުގެ ތެރެއިން ވެސް އެންމެ ހަރު ހިލައެވެ.

"ޖަބަލުލްފައުސް" ގެ އަޑީގައިވާ ކަމަށް ބެލެވޭ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު މީގެ 3 މަސްކުރިން ވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ. ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕްގެ މި އިންޒާރާއެކު އީރާނުން ވަނީ "ޖަބަލުލްފައުސް" ގެ މަތީގައި ނުވަތަ އެ ފަރުބަދައިގެ ވަށައިގެން ދަގަނޑާއި ސިމެންތި ހިމެނޭ ގޮތަށް ކޮންކްރީޓްގެ ވަރަށް ބޯ ލޭޔަރެއް އިތުރަށް އަޅައި އެތަން އިތުރަށް ވަރުގަދަކޮށްފައެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ޓްރަމްޕަކީ އޭނާއަކީ ބާރު ލިބިފައިވާ ބާރުގަދަ ލީޑަރެއްކަން ދައްކަން ބޭނުންވާ މީހެކެވެ. އެ ނަފްސާނިއްޔަތުގެ ނޫނީ އެ މެންޓަލިޓީގެ މީހެކެވެ. އެހެންކަމުން އީރާނާ ދެކޮޅަށް މަންމަ ބޮން ބޭނުންކުރުމަށް ރޭވުމުގައި ޓްރަމްޕްގެ ބޭނުމަކީ އޭނާއަށް ލިބިފައިވާ ގަދަބާރު ދައްކާލުމެވެ. މިއީ ނަފްސާނީ ކަމެކެވެ. އެމެރިކާގެ ބާރުގެ ކުރިމަތީގައި އީރާން ކަކޫ ޖައްސުވައިލުމަކީ ޓްރަމްޕްގެ އެންމެ ބޮޑު ބޭނުމެވެ.

އެމެރިކާ އުފައްދާ "މަންމަ ބޮން" --

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށާފައިވާ ޣައިރު ގާނޫނޯ ހަނގުރާމަ ހުއްޓާލަން ޓްރަމްޕް ބޭނުންވާ ކަމަށް ވަނީ އީރާން އޭނާގެ ކުރިމަތީގައި ކުޑަކަކޫ ޖައްސުވައި އީރާން ކިޔަމަން ކުރުވައިފައެވެ. އީރާނުގެ ވެރިކަން ބަދަލުކޮށް އެމެރިކާގެ ޕަޕެޓް ސަރުކާރެއް އީރާނުގައި އުފެއްދުމުގައި ޓްރަމްޕް ވަނީ ފެއިލްވެފައެވެ. އަދި ހަނގުރާމައިގެ ވެސް ހަގީގީ މަގްސަދެއް ޓްރަމްޕަށް ހާސިލް ކުރެވިފައެއް ނުވެއެވެ.

ހަނގުރާމައިގައި އީރާނުގެ ނިއުކްލިޔާ ސައިޓްތައް އެއްކޮށް ހަލާކުކޮށްލެވުނުކަން ޓްރަމްޕް އިއުލާން ކުރި ނަމަވެސް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވައި ނިއުކްލިޔާ މަރުކަޒުތައް ފުނޑާލާނެ ކަމަށް ބުނެ މިހާރު ވެސް ޓްރަމްޕް ގެންދަނީ އިންޒާރުތައް ދެމުންނެވެ. ކުރީގެ ހަމަލާތަކުގައި މިކަން ކުރެވުނުނަމަ މިހާރު މިވާހަކަ ދެއްކުވުމުގެ ބޭނުމެއް އޮތްތޯ ވަނީ ސުވާލު އުފެދިފައެވެ.

ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓްރަމްޕްގެ ކުރިމަތީގައި އީރާން ގޮތް ދޫނުކުރުމެވެ. ނުވަތަ ޓްރަމްޕްގެ ބާރުވެރިކަމަށް އީރާން ތަހައްދީ ކުރުމެވެ. މަންމަ ބޮން ބޭނުންކުރުމުން އީރާން ގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުވުން ނުވަތަ ނުވުމަށްވުރެ ބޮޑަށް ޓްރަމްޕްގެ މަގްސަދަކީ އެބޮން ވައްޓާލުމުން ގޮވާ ބާރުގަދަ ގޮވުންތަކާއި އޭގެ އަލިފާންގަނޑު އީރާނަށާއި ދުނިޔެއަށް ދައްކާލައި ޓްރަމްޕް ދެކެ ބިރުގަންނަ ގައުމަކަށް އީރާން ހެދުންކަމަށް މުހައްލިލުން ސިފަކުރައްވާފައިވެއެވެ. ނަމަވެސް މި ބޮންއަޅައިގެން ވެސް ޓްރަމްޕް ދެކެ އީރާން ބިރުގަންނާނެ ގޮތް ޓްރަމްޕަށް ހެދިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު