ރާއްޖެއިން ހިފެހެއްޓި އިންޑިއާގެ މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފި

މީގެ ކުރިން އަތުލައިގެންފައިވާ މަސް ބޯޓެއްގެ ޑްރޯން ފޮޓޯއެއް-- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް ދިވެހި ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ އިންޑިއާގެ 26 މަސްވެރިންނާއި އެ މީހުންގެ އުޅަނދުތައް މިނިވަންކުރުމަށް ގާނޫނީ ހަމަތަކުގެ މަތިން މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ހިންދޫ" ގައި ރިޕޯޓުކޮށްފައިވާ ގޮތުން، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން ވަނީ މަސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ފިޝަމެން ޑިވެލޮޕްމެންޓް ޓްރަސްޓް (އިންފިޑެޓް) އަށް ފޮނުއްވި އީމެއިލެއްގައި މިކަން ޔަގީންކޮށްދެއްވާފައެވެ.

އެ މެއިލްގައި ހައިކޮމިޝަނަރު ވިދާޅުވީ، ހައްޔަރުކޮށްފައިވާ މަސްވެރިންނާއި އުޅަނދުތައް ގާނޫނީ އިޖުރާއާތުތަކަށް ފަހު ދޫކޮށްލުމަށް އެދި ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރާއްޖޭގެ ބޯޑަރުން ގާތްގަނޑަކަށް 180 ނޯޓިކަލް މޭލު އެތެރޭގައި، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގެ އިން ފަހަނައަޅައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ދިވެހި ސިފައިން ހިފަހައްޓާފައިވަނީ އިންޑިއާގެ ރާމަނާތަޕޫރަމް، ސޫތުކުޅީ، އަދި ވިއްލުޕޫރަމް ޑިސްޓްރިކްޓަށް ނިސްބަތްވާ ތިން ބޯޓަކާއި 26 މަސްވެރިންނެވެ.

https://sun.mv/229065

އިންފިޑެޓްގެ ރައީސް ޖަސްޓިން އެންތަނީ ވިދާޅުވީ، މި މަސްވެރިންނަކީ ކަނޑުގެ ފުން ސަރަހައްދުތަކުގައި ކަންނެލީގެ މަސްވެރިކަން ކުރާ އާދައިގެ ނިކަމެތި މަސްވެރިން ކަމަށެވެ. އަދި އެ މީހުން ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ ގަސްތުގައި ނޫން ކަމަށާއި، އެއީ ކަނޑުގެ ގަދަ އޮއިވަރާއި ވައިގެ ސަބަބުން ކޮންޓްރޯލުން ނެއްޓިގެން ހިނގި ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ މީހުންނަށް ޖޫރިމަނާއެއް ނުކޮށް، އުޅަނދުތައް ދައުލަތަށް ނުނަގައި، އެ މީހުން ސަލާމަތްކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި އެހީތެރިވެދިނުމަށް އެ ޖަމިއްޔާއިން ވަނީ އިންޑިއާ ސަރުކާރަށް ގޮވާލާފައެވެ.

މީގެ އިތުރުން، އިންޑިއާގައި ތިބި މަސްވެރިންގެ އާއިލާތަކުން މިހާރު ވަނީ އެ މީހުން މިނިވަންކޮށްދިނުމަށް އެދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުން ވެސް އެދިފައެވެ. އާއިލާތަކުން ބުނާ ގޮތުގައި މި މަހުގެ އެއްވަނަ ދުވަހު މަހަށް ފުރި މި މަސްވެރިންނަކީ އެ އާއިލާތަކުގެ ހަމައެކަނި އާމްދަނީ ލިބޭ ފަރާތްތައް ކަމަށްވުމުން، އެ މީހުންނާއި އުޅަނދުތައް ހިފެހެއްޓުމުން އާއިލާތައް ވަނީ ނިކަމެތި ހާލަތަކަށް ވެއްޓިފައެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ، ހިފަހައްޓާފައިވާ ބޯޓުތައް މާލެ ގެނައުމުން ކޮންސިއުލާ އެކްސެސް ހޯދައި، މަސްވެރިންގެ ހާލުއަހުވާލު ބަލައި، އެ މީހުންގެ ގާނޫނީ ހައްގުތައް ކަށަވަރުކުރުމަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަންނަ ބޭރުގެ މަސްބޯޓުތައް ދިވެހި ކޯސްޓްގާޑުން އަތުލައިގަތުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. މީގެ ކުރިން ވެސް ސްރީލަންކާ އާއި އިންޑިއާގެ ގިނަ އަދަދެއްގެ މަސްބޯޓުތައް ގަވާއިދާ ޚިލާފަށް ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ދިވެހި ސިފައިން ވަނީ އަތުލައިގެންފައެވެ.

comment ކޮމެންޓް