މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމީ ވުޒާރާއާއި އުރީދޫ ގުޅިގެން 'އުރީދޫ މަސްޖިދުނާ' އިފްތިތާޙުކޮށްފި

މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމީ ވުޒާރާއާއި އުރީދޫ ގުޅިގެން 'އުރީދޫ މަސްޖިދުނާ' އިފްތިތާޙުކުރުުގެ ތެރެއިން.. ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަގްސަދުގައި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ޕްރޮގްރާމަކީ އުރީދޫގެ އިޖުތިމާޢީ ޒިންމާ (ސީ.އެސް.އާރު) ގެ ދަށުން، ރާއްޖޭގެ ދީނީ ޢިމާރާތްތަކާއި ވަސީލަތްތައް ހަރުދަނާކުރުމަށާއި، ރަށްރަށުގެ އާބާދީތަކުގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ މަސައްކަތެކެވެ.

"އުރީދޫ މަސްޖިދުނާ" (އަހަރެމެންގެ މިސްކިތް) މަޝްރޫޢު.... ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"އުރީދޫ މަސްޖިދުނާ" ގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ އަމާޒު ހިފާފައެވެ. އަދި މި މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަސް ފެށުމުގެ ކުރިންނެވެ.

މި އިނީޝިއޭޓިވްއަކީ ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްޤީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް އިސްލާމީ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

މި އެއްބާރުލުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް މިސްކިތްތަކަށް ޖަމާވާ މީހުން ގިނަވާތީ، ނަމާދުކުރާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި މާޙައުލެއް ގާއިމުކޮށްދިނުމަށް ޓަކައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއިން އިސްކަމެއް ދީގެން މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރެއެވެ.

އެގޮތުން މިސްކިތްތަކުގެ ފުރާޅުތައް އާ ކުރުމާއި އޭސީ ނުހުންނަ މިސްކިތްތަކުގައި އޭސީ ހަރުކުރުމާއި މިސްކިތްތަކުގެ ޖާގަ ތަނަވަސްކުރުން ފަދަ ކަންކަން ކުރެއެވެ.

comment ކޮމެންޓް