ކޮންޓެންޓް މުއްސަނދިކުރުމަށް، ސަން ސިޔާމް މީޑިއާގެ އެންމެ ފުރަތަމަ ސަރަހައްދީ ބިއުރޯ އައްޑޫ ސިޓީގައި ހުޅުވައިފި

އައްޑޫ ސިޓީގައި ސަން ސިޔާމް މީޑިއާގެ ބިއުރޯ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ

ސަން ސިޔާމް މީޑިއާ (އެސްއެސްއެމް) ގެ ދަށުން ހިންގާ އެސްއެސްޓީވީ، ސަން އޮންލައިން އަދި ސަންޕްލޭގެ ކޮންޓެންޓް އިތުރަށް މުއްސަނދިކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަންނުވެރިންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ގާއިމުކުރާ ސަރަހައްދީ ބިއުރޯތަކުގެ ތެރެއިން، އެންމެ ފުރަތަމަ ބިއުރޯ އައްޑޫ ސިޓީގެ ފޭދޫގައި ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.

އައްޑޫ ސިޓީ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖުގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބިއުރޯ ހުޅުއްވައިދެއްވީ އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ނަދީމެވެ. މި ރަސްމިއްޔާތުގައި ސިޓީގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީގައި ސަން ސިޔާމް މީޑިއާގެ ބިއުރޯ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ

އައްޑޫގައި ފުޅާ ދާއިރާއެއްގައި ކޮންޓެންޓް އުފެއްދުމާއި، ތަފާތު އިވެންޓްތަކާއި ކުޅިވަރު ހަރަކާތްތައް ލައިވް-ސްޓްރީމް ކުރުމުގައި ފާހަގަކޮށްލެވޭ އަމިއްލަ ޕްރޮޑަކްޝަން ހައުސް، "ވަގުތުން ލައިވް" އާ ގުޅިގެން ގާއިމުކުރި މި ބިއުރޯ ވާނީ، މުޅި އައްޑޫ ސިޓީގެ ޚަބަރުތަކާއި ޕްރޮގްރާމްތައް ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަރުކަޒަކަށެވެ. މީގެ އިތުރުން މީޑިއާ އަދި ބްރޯޑްކާސްޓިން ދާއިރާއިން ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް މި ބިއުރޯ މެދުވެރިކޮށް ކުރިއަށްދާނެއެވެ.

އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލް ނަދީމް، އައްޑޫ ސިޓީގައި ސަން ސިޔާމް މީޑިއާގެ ބިއުރޯ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލް ނަދީމް ވިދާޅުވީ، އައްޑޫ ސިޓީއަކީ މީޑިއާގެ ދާއިރާއަށް ބޭނުންވާ ފަދަ ހުނަރުވެރި، ގާބިލު ކުދިން ގިނަ ތަނެއް ކަމަށާއި، މި ބިއުރޯގެ ސަބަބުން އެ ކުދިންނަށް އަގުހުރި ފުރުސަތުތަކެއް ފަހިވާނެ ކަމަށެވެ. އަދި ތައުލީމީ ދާއިރާގެ ތެރެއިން މި ރޮނގަށް ޝައުގުވެރިވާ ދަރިވަރުން ބިނާކުރުމަށް ސްކޫލުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން ސަން ސިޔާމް މީޑިއާގެ ސީއީއޯ މުޙައްމަދު ޢާޞިފް (މޮންދު) ވިދާޅުވީ، އައްޑޫ ސިޓީގެ މުއްސަނދި ސަގާފަތާއި، ތާރީޚާއި، ރައްޔިތުންގެ ވާހަކަތަކަކީ ބެލުންތެރިން ޝައުގުވެރިވާނޭ ފަދަ މޮޅު ކޮންޓެންޓަށް ބަދަލުކުރެވިދާނެ ކަންކަން ކަމަށެވެ. އަދި މި ބިއުރޯގެ ޒަރީއާއިން ފަންނީ ގޮތުން ގާބިލު، ހުނަރުވެރި ދަރިންތަކެއް ކުރިއަށް އޮތްތަނުގައި އުފެއްދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

އެސްއެސްއެމްގެ ސީއީއޯ މުޙައްމަދު ޢާޞިފް (މޮންދު) އައްޑޫ ސިޓީގައި ސަން ސިޔާމް މީޑިއާގެ ބިއުރޯ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ

މި ބިއުރޯ ހިންގުމުގައި އިސްދައުރެއް އަދާކުރާ "ވަގުތުން ލައިވް" ގެ ވެރިޔާ މުޙައްމަދު ވަޙީދު ވިދާޅުވީ، ސަން ސިޔާމް މީޑިއާ ފަދަ ބޮޑު ނެޓްވޯކަކާ ގުޅުމުން، އައްޑޫގެ ކަންކަން ވަގުތުން ގެނެސްދިނުމަށް އެ ފަރާތުން ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރަކާއި ކުރިއެރުމެއް ލިބިއްޖެ ކަމަށެވެ.

ސަން ސިޔާމް މީޑިއާގެ އެސްއެސްޓީވީ އަދި ސަން އޮންލައިނަކީ އަބަދުވެސް އަތޮޅުތެރޭގެ ޚަބަރުތަކާއި ކަންކަމަށް ޚާއްސަ އިސްކަމެއް ދޭ މަންސަތަކެކެވެ. މި ބިއުރޯގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންގެ އަޑު އިހުނަށްވުރެ ބާރަށް ގެނެސްދެވޭނެ ކަމަށް އެ މީޑިއާއިން ބުނެއެވެ. އެގޮތުން އައްޑޫގެ ޚާއްސަ ކެއުންތަކާއި ރަހަތައް ދައްކުވައިދޭ ޚާއްސަ ޕްރޮގްރާމްތަކެއް އުފެއްދުމަށް ސަން ސިޔާމް މީޑިއާގެ ޓީމެއް މިހާރު ވެސް ދަނީ އައްޑޫގައި ހަރަކާތްތެރިވަމުންނެވެ.

އައްޑޫ ސިޓީގައި ސަން ސިޔާމް މީޑިއާގެ ބިއުރޯ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި "ވަގުތުން ލައިވް" ގެ ވެރިޔާ މުޙައްމަދު ވަޙީދު -- ސަން ފޮޓޯ

އައްޑޫގައި ގާއިމުކުރި ބިއުރޯގެ އޮފީހާއި ސްޓޫޑިއޯގެ އެންމެހައި ކަންކަން ހިންގާ ބަލަހައްޓާނީ "ވަގުތުން ލައިވް" ގެ ފަރާތުންނެވެ. އަދި ކޮންޓެންޓާ ގުޅުންހުރި އެކި ފުރުސަތުތަކަށް އެ ފަރާތާ ގުޅުމުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ސަން ސިޔާމް މީޑިއާއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ވެސް މިފަދަ ބިއުރޯތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާނެއެވެ.

comment ކޮމެންޓް