އެމެރިކާގެ ސްޕޭސްއެކްސް ކުންފުނިން އަށް ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ރޭޑިއޯ ސްޕެކްޓްރަމް ލައިސަންސްތަކެއް ގަތުމަށް އެއްބަސްވެއްޖެއެވެ.
މި ނިންމުމާއެކު އެ ކުންފުނީގެ ސްޓާލިންކް މޯބައިލް ސެޓެލައިޓް ޚިދުމަތް އެމެރިކާގެ ބޮޑު މޯބައިލް ނެޓްވޯކް އޮޕަރޭޓަރަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން ސްޕޭސްއެކްސްއިން ހޯދަނީ 800 މެގާހާޓްޒް ބޭންޑުގެ ފްރީކުއެންސީތަކެކެވެ. މިއީ އާންމުކޮށް ސެޓެލައިޓްތަކުގެ ބަދަލުގައި ބިމުގައި ހުންނަ މޯބައިލް ޓަވަރުތަކުން ޚިދުމަތް ދިނުމަށް ބޭނުންކުރާ ފްރީކުއެންސީތަކެކެވެ. މީގެ ސަބަބުން އިމާރާތްތަކުގެ އެތެރެއަށް ވެސް މޯބައިލް ސިގްނަލް ފޯރުކޮށްދިނުމުގެ ގާބިލުކަން ސްޓާލިންކަށް ލިބިގެންދާނެއެވެ.
ސްޕޭސްއެކްސްގެ ވެރިޔާ އިލޮން މާސްކް ވިދާޅުވީ މިއީ އެމެރިކާގެ އެކި ސަރަހައްދުތަކަށް ފޯނުގެ ޚިދުމަތް ފުރިހަމައަށް ފޯރުކޮށްދިނުމަށް ސްޕޭސްއެކްސްއަށް ބޭނުންވި އެންމެ ފަހު އަދި އެންމެ މުހިންމު ބައިކަމަށެވެ. މި ޚިދުމަތް ފުޅާވުމާއެކު އެމެރިކާގެ މާކެޓުގައި ބޮޑެތި މޯބައިލް ކުންފުނިތައް ކަމަށްވާ އޭޓީއެންޑްޓީ އާއި ވެރައިޒަން ފަދަ ކުންފުނިތަކާ ސީދާ ވާދަކުރެވޭނެއެވެ.
ސްޕޭސްއެކްސްއިން ބުނި ގޮތުގައި ސެޓެލައިޓާއި ބިމުގައިވާ ނެޓްވޯކް ގުޅުވާލުމުން، ސެޓެލައިޓް ސިގްނަލް އެތެރެއަށް ލިބެން ދަތިވާ ތަންތަނަށްވެސް އެއްވެސް މެދުކެނޑުމެއްނެތި މޯބައިލް ޚިދުމަތް ލިބޭނެއެވެ. މި އެއްބަސްވުމަށް އަމަލީ ސިފަ އަންނާނީ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) ގެ ހުއްދަ ލިބުމުންނެވެ.
މީގެ އިތުރުން މޯބައިލް ފޯނުތަކަށް ސީދާ ގުޅާލެވޭ ގޮތަށް 2 ގިގާހާޓްޒް ބޭންޑުގައި ސިގްނަލް ފޮނުވާ 15,000 ސެޓެލައިޓް ޖައްވަށް ފޮނުވުމަށް ސްޓާލިންކް މޯބައިލްއިން ހުށަހެޅި ހުށަހެޅުން އެފްސީސީން މިހާރު ވަނީ ފާސްކޮށްދީފައެވެ.
ދުނިޔޭގެ ފެންވަރުގައި ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ސްޕޭސްއެކްސްއިން ސްޓާލިންކް މަޝްރޫއު ފެށީ ދުނިޔޭގެ ތިރި އޯބިޓް (ލޯ އާތު އޯބިޓް) ގައި ހާއްސަ ސެޓެލައިޓްތަކެއް ގާއިމުކޮށްގެންނެވެ.
ފެށުނީއްސުރެ މި ޚިދުމަތް އާންމުކޮށް ފޯރުކޮށްދެމުން އައީ ބިމުގައި ބަހައްޓާ ހާއްސަ ރިސީވަރު ނުވަތަ ޑިޝްއެންޓެނާ ބޭނުންކޮށްގެން ކަމަށްވީ ނަމަވެސް، ފަހަކަށް އައިސް ސްޕޭސްއެކްސްއިން ވަނީ އެއްވެސް އިތުރު އިކުއިޕްމެންޓަކާ ނުލައި އާންމު މޯބައިލް ފޯނުތަކަށް ސީދާ ސެޓެލައިޓުން ސިގްނަލް ގުޅާލެވޭ 'ޑިރެކްޓް-ޓޫ-ސެލް' ޓެކްނޮލޮޖީ ތަރައްގީކުރަން ފަށާފައެވެ.
މީގެ ކުރިން ބައެއް މޯބައިލް ކުންފުނިތަކާއެކު ގުޅިގެން، މޯބައިލް ސިގްނަލް ނުލިބޭ އެކަހެރި ސަރަހައްދުތަކަށް އެމެޖެންސީ މެސެޖިން ފަދަ އެހީތެރިކަން ދިނުމަށް ސެޓެލައިޓްތައް އަޖުމަބެލި ނަމަވެސް، އަށް ބިލިއަން ޑޮލަރުގެ މި ބޮޑު އެއްބަސްވުމަކީ ސެޓެލައިޓް ޚިދުމަތް އެހެން ހުރިހާ މޯބައިލް ނެޓްވޯކްތަކާ އެއްހަމައެއްގައި ފުރިހަމަ މޯބައިލް އޮޕަރޭޓަރެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރިއަށްއެޅި އެންމެ ބޮޑު ފިޔަވަޅެވެ.