އުވާލަން ނިންމައިފައިވާ ފެނަކައިގެ އެމްޑީ ކަމުން އަފީފު ވަކިކޮށްފި

ފެނަކައިގެ އެމްޑީ އަފީފް: އޭނާވަނީ މަގާމުން ވަކިކޮށްފައި --- ފޮޓޯ: ފެނަކަ

ސަރުކާރުން އުވާލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވީ ނިމުނު ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު ޕީސީބީގެ ރައީސް މުޙައްމަދު ނިޒާރު މިއަދު ވިދާޅުވީ، ފެނަކައިގެ އެމްޑީގެ މަގާމުން އަފީފް ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަކިކުރީ ވަކި ސަބަބަކާ ގުޅިގެން ނޫންކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.

https://sun.mv/221186

ފެނަކަ އުވާލުމަށް ފަހު، އެ ކުންފުނީގެ ޒިންމާތައް ހަވާލުކުރަން ނިންމައިފައިވަނީ ސްޓެލްކޯއަށެވެ. އަދި އަފީފް މަގާމުން ވަކިކޮށްފައިވަނީ، ފެނަކައިގެ މަސައްކަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަފީފް އައްޔަންކުރީ މި އަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގައެވެ. އަފީފަކީ މި ސަރުކާރުން ފެނަކައަށް އައްޔަންކުރި ތިންވަނަ އެމްޑީއެވެ. އެގޮތުން އެންމެ ފުރަތަމަ ފެނަކައަށް އައްޔަންކުރި މުއާޒު މުޙައްމަދު ރަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމުން، އެ މަގާމަށް މުޙައްމަދު ނަޖާޙް އައްޔަންކުރީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.

އަފީފަކީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް