ޗައިނާގެ ޗެންޑޫއަށް ދަތުރުކުރަން އޮތް މޯލްޑިވިއަންގެ ފުލައިޓު ފުރާ ގަޑި ވަރަށް ބޮޑަށް ލަސްވުމުގެ ސަބަބުން އެ ފުލައިޓުން ފުރަން ތިބި ފަސިންޖަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައިފިއެވެ.
މީސްމީޑިއާގައި އާންމުވި ވީޑިއޯއަކުން ފުރަތަމަ ފެންނަނީ ފުލުހުން ބައެއް ފަސިންޖަރުން ފަހަތަށް ޖައްސާ މަންޒަރެވެ. ފުލުހުން ބުނީ ފުލައިޓެއް ފުރާ ގަޑި ލަސްވުމުގެ ސަބަބުން އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ.
އެމްއޭސީއެލުން 'ސަން'އަށް މިއަދު ބުނީ ލަސްވީ ޗައިނާގެ ޗެންޑޫއަށް ދަތުރުކުރަން ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފުލައިޓެއް ކަމަށެވެ. އެ ފުލައިޓު ލަސްވުމުގެ ސަބަބުން ފަސިންޖަރުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވަނީ ފޯރުކޮށްދެވިފައި ކަމަށް، އެމްއޭސީއެލުން ބުންޏެވެ.
"ފްރަސްޓްރޭޝަންސް ހުންނާނެ ދެއްތޯ ލަސްވާއިރުގައި، މޭޖާ އިންސިޑެންޓެއް ނެތް،" އެމްއޭސީއެލުން ބުންޏެވެ.
މޯލްޑިވިއަނުން 'ސަން'އަށް ބުނީ ލަސްވި ފުލައިޓުގެ ޗެކިން ފަށައިފައިވާ ކަމަށާއި ފުރުން އޮތީ ހަވީރު 4:15ގައި ކަމަށެވެ. ފުލައިޓަށް ދިމާވި މައްސަލަ ހައްލުވެއްޖެ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.