އޯޕޯގެ އެންމެ ފަހުގެ ކަލައޯއެސް 17 އޭއައި ފީޗާތަކާއެކު ދުނިޔޭގެ ބާޒާރަށް ނެރެފި

އެންޑްރޮއިޑް 17 އަށް ބިނާކޮށްފައިވާ މިއޯއެސްގައި އޭއައިގެ ގިނަ ފީޗާތަކެއް ހިމެނޭނެ ---

އޯޕޯގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް "ކަލާއޯއެސް 17" އެންޑްރޮއިޑް 17 އަށް ބިނާކޮށް ދުނިޔޭގެ އެކި ބާޒާރުތަކަށް އަންގާރަ ދުވަހު ނެރެފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާގައި އެންމެ ފުރަތަމަ ތަޢާރަފުކުރި މި އަޕްޑޭޓަކީ އޯޕޯގެ އިތުރުން ވަންޕްލަސް އަދި ރިއަލްމީގެ އެކި މޮޑެލްތަކުގެ ފޯނުތަކާއި ޓެބްލެޓްތަކަށް ވެސް ލިބޭނެ އަޕްޑޭޓެކެވެ.

މިއީ "ލިވިންގް ފްލޯ ޑިޒައިން" އާއެކު ބޭނުންކުރާފަރާތްތަކަށް އާ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ސޮފްޓްވެއާއެކެވެ.

މި އޮޕަރޭޓިން ސިސްޓަމްގައި ހިމެނޭ "ލިވިންގް ފްލޯ ޑިޒައިން" ބެހިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ "ލޫމިނަސް އިފެކްޓް"، "ފްލުއިޑް މޯޝަން" އަދި "ފްލެކްސިބަލް ފީޑްބެކް" އެވެ. ލޫމިނަސް އިފެކްޓްގެ ސަބަބުން ސްކްރީންގެ ވިޜުއަލްތައް ފެންނަލެއް ސާފުވެ، އަލިކަމުގެ ބަދަލުތައް އޮމާންކޮށް ފެނިގެންދާއިރު، ބޭނުންކުރާފަރާތުގެ ސަމާލުކަން ހޯދުމަށް އެހީތެރިވެދެއެވެ. ފްލުއިޑް މޯޝަން މެދުވެރިކޮށް ޔޫޒާ އިންޓަފޭސްގެ އެކި ބައިތައް އެކަތިން އަނެކަޗަށް ބަދަލުވުމުގައި މެދުކެނޑުމެއްނެތް އޮމާންކަމެއް ގެނެސްދެއެވެ. އަދި ފްލެކްސިބަލް ފީޑްބެކްގެ ސަބަބުން ސްކްރީނަށް ފިތާލުމުން ބަޓަންތަކާއި ޓޫލްބާތައް ދެމިގެންގޮސް އަނބުރާ އިއާދަވާ ގޮތަށް، ވަގުތުން އިޙްސާސް ކުރެވޭފަދަ އިޖާބައެއް ލިބިގެންދެއެވެ.

އެންޑްރޮއިޑްގެ ގިނަ ފޯނުތަކަކަށް މި އޯއެސް ލިބޭނެ ---

ކަލާއޯއެސް 17 ގައި ހިމެނޭ "ޔުނިފައިޑް ރެންޑަރިން އާކިޓެކްޗާ" ގެ ސަބަބުން ފޯނުގެ ހިންގުމުގެ ދުވެލި ވަރަށް ބޮޑަށް އަވަސްވެގެންދެއެވެ. "ލޫމިނަސް ރެންޑަރިން އެންޖިން" ގެ މައްޗަށް ބިނާކޮށްފައިވާ މި ނިޒާމުން ވަކިވަކި ރެންޑަރިން މަސައްކަތްތައް އެއް ނިޒާމަކަށް ބަދަލުކޮށް، ބޭކާރު މަސައްކަތްތައް މަދުކޮށްދެއެވެ. މީގެ ސަބަބުން ރެންޑާ ކުރުމަށް ދާ ލޯޑު 30 އިންސައްތައަށް ކުޑަކޮށްދޭއިރު، އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ ކަލާއޯއެސް 16 އާ އަޅާބަލާއިރު ރެންޑަރިންގ އަށް ބޭނުންކުރާ ރޭމްގެ މިންވަރު 25 އިންސައްތައަށް މަދުކޮށްދެއެވެ.

މީގެ އިތުރުން ސިސްޓަމްގެ މަސައްކަތްތައް އިންތިޒާމުކޮށްދޭ "ލެމިނާ ފްލޯ އެންޖިން" ގެ އާ އަޕްޑޭޓާއެކު ސިސްޓަމްގެ އިޖާބަދިނުން އިތުރަށް އަވަސްވެގެންދެއެވެ. އޯޕޯގެ "އެޑެޕްޓިވް ޝެޑިއުލިން އާކިޓެކްޗާ" ގެ މައްޗަށް އެކުލެވިގެންވާ މި އެންޖިންގެ ސަބަބުން އެޕްލިކޭޝަންތައް ހުޅުވުމުގެ ހަމަޖެހުން 55 އިންސައްތައަށް އިތުރުވެ، ގެލެރީގެ ތަމްބްނެއިލްތައް ލޯޑުވާ ދުވެލި 50 އިންސައްތައަށް އަވަސްވެގެންދެއެވެ. އަދި އޯޕޯގެ އޭއައި ސޫޓް ފުޅާކޮށް، "އޭޖެންޓް މޯޑް"، "އޭއައި ފޮޓޯ އޭޖެންޓް"، "އޭއައި މައިންޑް ސްޕޭސް" އަދި "އޭއައި މައިންޑް ސަޖެސްޓް" ފަދަ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ވަނީ ހިމަނާފައެވެ.

މި އޮޕަރޭޓިން ސިސްޓަމް ލިބޭނެ ފޯނުތަކަކީ އޯޕޯގެ ފައިންޑް، ރެނޯ، ކޭ، އެފް އަދި ޕެޑް ސީރީޒްގެ އިތުރުން ވަންޕްލަސްގެ ނަންބަރު ސީރީޒް، ނޯޑް ސީރީޒް، އޯޕަން އަދި ޕެޑް ސީރީޒް، އަދި ރިއަލްމީގެ ޖީޓީ، ނަންބަރު ސީރީޒް، ޕީ ސީރީޒް، ނާޒޯ އަދި ނޯޓް ސީރީޒްގެ ފޯނުތަކާއި ޓެބްލެޓްތަކެވެ.

comment ކޮމެންޓް