ތުރުކީގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ "ހާލްކް ޓީވީ"ގެ އިސްތަންބޫލްގައި ހުންނަ މައި އޮފީހަށް އެ ގައުމުގެ ފުލުހުން ވަދެ، އެ ސްޓޭޝަންގެ ލައިވް ބްރޯޑްކާސްޓްތައް ހުއްޓުވައިފިއެވެ.
މިއަދުގެ ހެނދުނު ފުލުހުން ހިންގި މި އޮޕަރޭޝަނާ ގުޅިގެން، އެ ސްޓޭޝަންގެ މުވައްޒަފުންނަށް އިމާރާތަށް ނުވަދެވޭ ކަމަށާއި، ޗެނަލް ހިންގުމަށް އާ މެނޭޖަރަކު އައްޔަންކޮށްފައިވާ ކަމަށް ހާލްކް ޓީވީން ބުނެފައިވެއެވެ. ފުލުހުންގެ މި އޮޕަރޭޝަނާއެކު މިއަދުގެ ހެނދުނު އެ ސްޓޭޝަންގެ ނިއުސް ޗެނަލާއި ޔޫޓިއުބް ޕޭޖުން ދޫކުރަމުންދިޔަ ލައިވް ބްރޯޑްކާސްޓްތައް ވަނީ މެދުކެނޑިފައެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މާލީ ކުށްތައް ތަހުގީގުކުރާ ފުލުހުން އެ އިމާރާތް ބަލައިފާސްކޮށްފައިވާއިރު، ޗެނަލްގެ ވެރިފަރާތާ ގުޅުންހުރި 11 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހާލްކް ޓީވީގެ ޗެއާމަން ޖާފަރް މަހިރޯގްލޫ ހިމެނޭ ގޮތަށް 17 މީހަކު ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ކަމަށް ޕްރޮސިކިއުޓަރުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ. އެ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރަނީ ރިޝްވަތު ދިނުމާއި، ޓެންޑަރުތައް އޮޅުވާލުމާއި، މަނީ ލޯންޑަރިންގެ މައްސަލަތަކެވެ.
ފުލުހުން ސްޓޭޝަނަށް ވަން ވަގުތު ގައުމުން ބޭރުގައި ހުންނެވި ކަމަށް ރިޕޯޓުކޮށްފައިވާ މަހިރޯގްލޫ ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، އެ ޗެނަލަކީ ތުރުކީގެ ރައްޔިތުންގެ މިލްކެކެވެ. އަދި އެތަން އަތުލައި، ޓްރަސްޓީއަކާ ހަވާލުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހާލްކް ޓީވީއަކީ ތުރުކީގެ އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އާ ގާތް ގުޅުމެއް އޮންނަ ސްޓޭޝަނެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޗެނަލެކެވެ. އަދި އެ ޗެނަލުން އާންމުގޮތެއްގައި ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ވެރިކަންކުރާ އޭކޭ ޕާޓީއަށް ފާޑުކިޔައެވެ. މިދިޔަ މެއި މަހު ތުރުކީގެ ކޯޓަކުން ވަނީ ސީއެޗްޕީ ހިންގުމާ ހަވާލުވެތިބި އިސްވެރިން އެ މަގާމުތަކުން ދުރުކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިއީ އުރުދުގާންގެ ބާރު އިތުރަށް ގަދަކުރުމަށް އެޅި ފިޔަވަޅެކެވެ.
މީގެ އިތުރުން، އުރުދުގާންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިސްތަންބޫލްގެ މޭޔަރު އަކްރަމް އިމާމޯގްލޫ ވެސް ހުންނެވީ ޖަލުގައެވެ. ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭނާ ޖަލުގައި ހުންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާ ވަނީ އެ ހުރިހާ ތުހުމަތުތަކަކަށް އިންކާރުކުރައްވާފައެވެ.