ކޮންމެ ދުވަހެއްގެ ހެނދުނުހެނދުނާ، މާލޭގެ މަގުތަކުން ފެންނަނީ އެއް މަންޒަރެކެވެ. އޮފީސްތަކަށާއި ވަޒީފާތަކަށް ދިއުމަށް އަވަސްވެގަނެގެން އުޅޭ މީހުންނެވެ. އަހަރެމެންގެ ހަޔާތުގެ އެންމެ ދުޅަހެޔޮ އަދި އެންމެ ޒުވާން ދުވަސްތައް ހޭދަކުރަނީ ފައިސާ ހޯދުމުގެ ރޭހުގައެވެ. ލިބޭ ފައިސާ ރައްކާތެރިކުރުމަށް ވަގުތުތައް ހޭދަކުރާއިރު، އުމުރުގެ ބާކީ އޮންނަ ބައިގައި އަހަރެމެންނަށް ކުރެވެނީ ހިތާމައެވެ. ދިރިއުޅުމުގެ އުފާ ހާސިލުނުކުރެވުނީތީއެވެ. މުއްސަނދިކަމުގެ ހަގީގީ މިންގަނޑަކީ އަހަރެމެން އެއްކުރާ ފައިސާއެއް ނޫނެވެ. އެއީ އަހަރެމެންނަށް ކުރެވޭ ތަޖުރިބާތަކާއި، އެހެން މީހުންނާ ހިއްސާކުރާ އުފާވެރި ވަގުތުތަކާއި، ދުނިޔެ ދޫކޮށް ދާއިރު ދޫކުރާ ހަނދާންތަކެވެ.
ދިވެހިރާއްޖޭގައި ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑެވެ. ރާއްޖޭގައި އެކަނި އުޅޭ މީހެއްގެ މަހެއްގެ ހަރަދު، ކުއްޔާއެކު ގާތްގަނޑަކަށް ތޭވީހަކަށް ހާސް ރުފިޔާއަށް އަރައެވެ. އަދި ހަތަރު މީހުންގެ އާއިލާއަކަށް ނަމަ މި އަދަދު ބައިލައްކައެއްހާ ރުފިޔާއަށް އަރައެވެ. މާލެ ސަރަހައްދުގައި ކުލީގެ އަގުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ގިނަ އާއިލާތަކަށް މަޖުބޫރުވެފައިވަނީ ދެމަފިރިން ވަޒީފާއަށް ދިއުމަށެވެ.

މީގެ އިތުރުން، ރަސްމީ ވަޒީފާގެ ބޭރުން އާމްދަނީ ހޯދުމަށްޓަކައި އޮންލައިންކޮށް ތަކެތި ވިއްކުމާއި، ފްރީލާންސް މަސައްކަތްތައް ކުރުން ފަދަ ކަންކަން ކުރުމަކީ މިއަދު ދިވެހިންގެ އާންމު ދިރިއުޅުމުގެ ބަޔަކަށް ވަނީ ވެފައެވެ. މި މާލީ ފިއްތުންތަކާއެކު، ގިނަ ބަޔަކަށް މަޖުބޫރުވެފައިވަނީ ދިރިއުޅުމުގެ އުފާތަކަށް ވުރެ ފައިސާ ހޯދުމަށް އިސްކަންދިނުމަށެވެ. މުސްތަގުބަލު އުޖާލާކުރުމަށްޓަކައި މިއަދު ގުރުބާންކުރާއިރު، އަހަރެމެންނަށް އަމިއްލަ ނަފުސާ މި ސުވާލު ކުރެވެނީ މަދު ފަހަރަކުއެވެ. އަހަރެމެން މި ފައިސާ ރައްކާކުރަނީ ކޮން ދުވަހަކަށްޓަކައި ހެއްޔެވެ؟
ވަޒީފާގެ މާހައުލަށް ބަލާއިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި އެ މީހުންނާ ނުލައި އޮފީހުގެ މަސައްކަތްތައް ކުރިއަކަށް ނުދާނެއެވެ. ސިވިލް ސަރވިސްގެ ރަސްމީ ގަޑިއަކީ އަށްގަޑިއިރު ކަމުގައިވިޔަސް، އަމިއްލަ ކުންފުނިތަކުގައި ކޮންމެ ދުވަހަކު ދިހަ ބާރަ ގަޑިއިރުވެސް މީހުން މަސައްކަތްކުރެއެވެ. ސަރުކާރުގެ އޮފީސްތަކުގައި ވެސް، ހާއްސަކޮށް ޕްރޮކިއުމަންޓް ނުވަތަ ފައިސާއާ ގުޅޭ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރޭގަނޑު ދަންވަންދެން އަދި ހޮނިހިރު ދުވަހު ވެސް އޮފީހުގައި ވަގުތު ހޭދަކުރެއެވެ. ގިނަ ބަޔަކު އާއިލާއާއެކު ހޭދަކުރަން އޮންނަ ޗުއްޓީތައް ފަސްކޮށް، އަމިއްލަ ހުވަފެންތައް ދޫކޮށްލަނީ ކެރިއަރުގައި ކުރިއެރުން ހޯދުމަށެވެ.
ނަމަވެސް ހަގީގަތަކީ، ކުއްލިއަކަށް ދިރިއުޅުމަށް އަންނަ ބަދަލަކުން ތިމާ ވަޒީފާއިން ވަކިވާން ޖެހިއްޖެނަމަ، އެ މަގާމަށް އެހެން މީހަކު ގެންނާނެކަމެވެ. ތިމާއަށް ލިބެމުންދިޔަ މުސާރަ އެހެން މީހަކަށް ލިބެން ފަށާނެއެވެ. މިއީ މަސައްކަތަށް ފަރުވާކުޑަކުރުމަށް ބުނާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް، އެއްވެސް މީހަކީ އަބަދު އެއްގޮތަކަށް، ބަދަލުނުވެ ހުންނާނެ މީހެއް ނޫންކަން ހަނދާންކޮށްދިނުމެވެ.

މި ދުވެލީގައި އެންމެ ބޮޑު އަގެއް ދައްކަންޖެހެނީ އަހަރެމެންގެ މައިންބަފައިންނަށާއި އާއިލާއަށެވެ. ރާއްޖޭގެ އާބާދީ އަންނަނީ ހަލުވިކަމާއެކު ދޮށީވަމުންނެވެ. މިހާރު ކޮންމެ 20 މީހަކުން އެކަކީ އުމުރުން 65 އަހަރުން މަތީގެ މީހެކެވެ. އަދި 2050 ވަނަ އަހަރާ ހަމައަށް އަންނައިރު، ކޮންމެ އަށް މީހަކުން އެކަކީ އުމުރުން ދުވަސްވީ މީހަކަށް ވާނެކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ އާއިލީ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާއެކު، ބޮޑެތި އާއިލާތައް ރޫޅި، ކުދި އާއިލާތަކަށް ވަނީ ބަދަލުވެފައެވެ. ވަޒީފާއާއި ތައުލީމަށްޓަކައި ޒުވާނުން މާލެ ސަރަހައްދަށް ހިޖުރަކުރުމުން، ރަށްރަށުގައި ތިބި މައިންބަފައިންނަށް ވަނީ އެކަނިވެރިކަމާ ކުރިމަތިލާން ޖެހިފައެވެ. އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމުގެ ބުރަ އާންމުގޮތެއްގައި އުފުލަންޖެހިފައިވަނީ އަންހެނުންނަށެވެ. ފިރިހެނުންވެސް އެބަތިއްބެވެ. ވަޒީފާ އަދާކުރަމުން، ދަރިން ބަލަމުން، އަދި މައިންބަފައިންނަށް އަޅާލުމަކީ އަންހެނުންނަށް މިއަދު އުފުލަންޖެހިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ.
އަހަރެމެން ކުޑައިރު، މައިންބަފައިން އެ މީހުންގެ އެންމެ އަގުހުރި ވަގުތުތައް އަހަރެމެންނަށްޓަކައި ހޭދަކުރި ނަމަވެސް، މިއަދު އެ މީހުންނަށް ލިބެނީ އަހަރެމެންގެ ވަޒީފާއާއި އެހެނިހެން ކަންކަމުން "ބާކީވާ" ވަގުތުކޮޅެވެ. ފޯނުކޯލުތައް ފަސްކުރެވެއެވެ. އާއިލީ ބައްދަލުވުންތައް ކެންސަލްކުރެވެއެވެ. އަހަރެމެން އަމިއްލަ ނަފުސަށް ވިސްނައިދެނީ، މައިންބަފައިންނަށް އަހަރެމެންގެ ބުރަކަން އިހުސާސްވާނެ ކަމަށެވެ. އެ މީހުންނަށް އެކަން އިހުސާސްވި ނަމަވެސް، މައިންބަފައިންނަށް ވެސް ވަގުތު އޮތީ މަދުވެފައެވެ. އުމުރުން ދުވަސްވާ ވަރަކަށް، އެ މީހުންނާއެކު ހޭދަކުރެވޭ އާދައިގެ ވަގުތުކޮޅުތަކަކީ ވެސް އަގުނުކުރެވޭނެ ފަދަ މުހިންމު ހަނދާންތަކަކަށް ވެގެންދެއެވެ.
އިސްލާމްދީނުގައި މުދާ ހޯދުމާއި މުއްސަނދިވުމަކީ މަނާކަމެއް ނޫނެވެ. ނަމަވެސް، ފައިސާއާއި މުދަލަށް ދަހިވެތިވެ، އެއީ ދިރިއުޅުމުގެ ހަމައެކަނި މަގުސަދު ކަމުގައި ހެދުމަށް ދީނުގައި ވަނީ އިންޒާރުދެއްވާފައެވެ. ކީރިތި ގުރުއާނުގެ ސޫރަތުލް ތަކާސުރުގައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. “މުދާ ގިނަކުރުމުގެ ވާދަވެރިކަން ތިޔަބައިމީހުން ޣާފިލުކޮށްފިއެވެ. ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާންދެނެވެ.” މީގެ މާނައަކީ، މުދާ އެއްކުރުމުގެ ރޭހުގައި އިންސާނާ އުޅެނިކޮށް، މަރު އައިސް އޭނާއާ ބައްދަލުކުރާ ކަމެވެ. ދުނިޔަވީ މުދަލަކީ ވަގުތީ އެއްޗެއްކަމާއި، އާހިރަތުގެ ބާއްޖަވެރިކަން އޮތީ ހެޔޮ އަމަލުތަކުގައިކަން މި އާޔަތްތަކުން ހަނދާންކޮށްދެއެވެ.
ހަގީގީ މުއްސަނދިކަމަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ކީރިތި ރަސޫލާ ﷺ ހަދީސްކުރައްވާފައިވެއެވެ. “މުދާ ގިނަވުމަކީ މުއްސަނދިކަމެއް ނޫނެވެ. އެހެނެއްކަމަކު ހަގީގީ މުއްސަނދިކަމަކީ ފުދުންތެރިކަމެވެ.” މި ހަދީސުން އެނގޭ ގޮތުގައި، އިންސާނާގެ ހިތުގައި ފުދުންތެރިކަން ނެތް ނަމަ، ކިތަންމެ ގިނަ ފައިސާއެއް ހުއްޓަސް އޭނާއަކީ ފަގީރެކެވެ. މުދާ އެއްކުރުމުގެ ބަދަލުގައި، ލިބިފައިވާ މިންވަރަށް ޝުކުރުވެރިވެ، އެއިން ހެޔޮ ގޮތުގައި ހޭދަކުރުމަކީ އިސްލާމްދީން ބާރުއަޅާ ގޮތެވެ. މުޖުތަމައުގައި ތިބި ނިކަމެތިންނަށް އެހީތެރިވުމާއި، ޒަކާތާއި ސަދަގާތް ދިނުމަކީ މުދަލުގައި ބަރަކާތް ލައްވާ ކަމެކެވެ. މުދާ ޖަމާކޮށްގެން ބެހެއްޓުމުގެ ބަދަލުގައި، އެއިން މުޖުތަމައަށް ފައިދާކުރަނިވި ގޮތުގައި ހޭދަކުރުމަކީ ހަގީގީ ކާމިޔާބީއެވެ.

މިއަދުގެ މުޖުތަމައުގައި ފެންނަ އަނެއް މައްސަލައަކީ، އާމްދަނީ އިތުރުވާ ވަރަކަށް ދިރިއުޅުމުގެ ހަރަދުތައް ވެސް ބޮޑުކުރަމުން ދިއުމެވެ. ކުޑަ ގެއެއްގައި އުޅެފައި، މުސާރަ ބޮޑުވުމުން ބޮޑު ގެއަކަށް ބަދަލުވެއެވެ. އާދައިގެ ސައިކަލެއްގެ ބަދަލުގައި އަގުބޮޑު ކާރެއް ގަނެއެވެ. މިގޮތަށް ގޮސް، ފައިސާއަކީ އަހަރެމެންނަށް ހިދުމަތްކުރާ އެއްޗެއްގެ ބަދަލުގައި، އަހަރެމެންނަކީ ފައިސާގެ އަޅުންނަށް ވެއެވެ. ބޮޑެތި ލޯނުތައް ނަގައި، އެ ލޯނުތައް ދެއްކުމަށްޓަކައި އިތުރަށް މަސައްކަތްކުރަން މަޖުބޫރުވެއެވެ. މީގެ ސަބަބުން ނަފުސާނީ ހާސްކަމާއި ނުތަނަވަސްކަން އިތުރުވެ، ދިރިއުޅުމުގެ ހަމަޖެހުން ގެއްލިގެންދެއެވެ. ފައިސާގެ ފަހަތުން ދުވުމުގެ ސަބަބުން، އަމިއްލަ ނަފުސަށް ދޭންޖެހޭ އަޅާލުމާއި، ސިއްހަތަށް ދޭންޖެހޭ ސަމާލުކަން ކުޑަވެގެންދެއެވެ.
މި މުޖުތަމައުގައި ފެންނަ އަނެއް ތަފާތަކީ، ކާބޯތަކެއްޗާއި ޑައިޓްކުރުމާ ދެމެދު އޮންނަ ތަފާތެވެ. އެއް އާއިލާއަކަށް އެންމެ ބޮޑު ފިކުރަކަށް ވެފައި އޮންނަނީ މާދަމާ ކާނެ އެއްޗެއް ހޯދާނެ ގޮތެކެވެ. ނަމަވެސް އަނެއް އާއިލާއަކަށް އެންމެ ބޮޑު ފިކުރަކަށް ވަނީ، ކެވޭލެއް ގިނަވެގެން ބަރުދަން ލުއިކުރާނެ ގޮތެކެވެ. މި ދެ ކަންބޮޑުވުމަކީ ވެސް ހަގީގަތެއް ނަމަވެސް، މިއީ މުޅިން ތަފާތު ދެ ހާލަތަކުން އުފެދޭ ދެ ކަމެކެވެ. މިކަމުން ހަނދާންކޮށްދެނީ، މާލީ ތަނަވަސްކަން ހުރުމުން އިންސާނާއަށް ކުރިމަތިވާ މައްސަލަތަކުގެ ބާވަތް ބަދަލުވެގެންދާ ކަމެވެ. އެހެންކަމުން، ތަނަވަސްކަން ހުރި މީހުން، އެ މީހުންނަށް ވުރެ ދަށް ފަންތީގެ މީހުންނަށް އިހުތިރާމްކޮށް، އެހީތެރިވުމަކީ މުހިންމު ކަމެކެވެ. ފަގީރުކަމަކީ ކަންނެތްކަމުގެ ނަތީޖާ ކަމުގައި ނުދެކި، މުޖުތަމައުގެ އެންމެންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަން ޖެހެއެވެ.
މީގެ އިތުރުން، ސިއްހީ ކުއްލި ހާލަތްތަކަކީ ވެސް މާލީ ގޮތުން އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިކުރުވާ ކަމެކެވެ. ރާއްޖޭގައި އާސަންދައިގެ ހިދުމަތް އޮތް ނަމަވެސް، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހުމާއި، ބައެއް ބޭސްތަކާއި ފަރުވާތަކަށް އަމިއްލަ ޖީބުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހެއެވެ. އެތައް އަހަރެއް ވަންދެން އެއްކުރި ފައިސާކޮޅު، ކުއްލިއަކަށް ދިމާވާ ސިއްހީ މައްސަލައަކާ ގުޅިގެން ހުސްވެގެން ހިނގައިދާނެއެވެ. އެހެންކަމުން، މުސްތަގުބަލަށް ފައިސާ ރައްކާކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، ހަމައެކަނި ފައިސާއިން ހުރިހާ ކަމެއް ހައްލުނުކުރެވޭނެކަން ގަބޫލުކުރަންޖެހެއެވެ. ސިއްހަތަށް ފަރުވާތެރިވުމާއި، އާއިލީ ގުޅުންތައް ބަދަހިކުރުމަކީ ވެސް މުސްތަގުބަލަށް ކުރެވޭ އެންމެ މުހިންމު އެއް އިންވެސްޓްމަންޓެވެ.
މުއްސަނދިންނާއި ފަގީރުންގެ ތަފާތަކީ ހަމައެކަނި ބޭންކު އެކައުންޓުގައި ހުންނަ ފައިސާގެ އަދަދެއް ނޫނެވެ. މުއްސަނދިންނަށް ފައިސާ ދީފައި "ވަގުތު" ގަނެވެއެވެ. ގޭތެރޭގެ މަސައްކަތްތައް ކުރުމަށާއި، ދަތުރުފަތުރުކުރުމަށް އެހެން މީހުންގެ އެހީތެރިކަން ހޯދައި، އެ މީހުންގެ އަމިއްލަ ވަގުތުތައް އާއިލާއާއެކު ހޭދަކުރުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، އާދައިގެ އާމްދަނީއެއް ލިބޭ މީހާއަށް މަޖުބޫރުވަނީ އޭނާގެ ވަގުތުތައް ވިއްކައިގެން ފައިސާ ހޯދާށެވެ. މި ތަފާތު އޮތް ނަމަވެސް، މުއްސަނދިންގެ ތެރޭގައި ވެސް ލިބިފައިވާ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފޭ މީހުން މަދެއް ނޫނެވެ. ވިޔަފާރި ފުޅާކުރުމާއި ވާދަވެރިކަމުގެ ތެރޭގައި އުޅެން ހަދައިގެން، އާއިލާއަށް ދޭނެ ވަގުތެއް އެ މީހުންނަކަށް ވެސް ނުވެއެވެ. މިއީ މުއްސަނދިކަމުގެ ހަގީގީ ފައިދާ ނުލިބުން ކަމުގައި ބެލެވިދާނެއެވެ.
އަހަރެމެންގެ ދިރިއުޅުމުގެ މިސްރާބު ބަދަލުކުރަން ވެއްޖެއެވެ. ފައިސާ ހޯދުމަށް މަސައްކަތްކުރުން ހުއްޓާލުމަށް އެއްގޮތަކަށްވެސް ބާރެއް ނާޅަމެވެ. އޭގެ ބަދަލުގައި، އިސްކަންދޭ ކަންކަން ތަރުތީބުކުރުމަށް ލަފާދެމެވެ. ފުރަތަމަ ކަމަކަށް، ވަކި މަގުސަދެއް އޮވެގެން ފައިސާ ރައްކާކުރާށެވެ. ދެވަނަ ކަމަކަށް، ތިމާގެ ވަގުތުތައް ހިމާޔަތްކުރާށެވެ. ކޮންމެހެން ކުރަން ނުޖެހޭ ކަންކަން ދޫކޮށްލައި، އާއިލާއާއި ރައްޓެހިންނަށް ވަގުތު ދޭށެވެ. ތިންވަނަ ކަމަކަށް، ސިއްހަތަށް ސަމާލުކަން ދޭށެވެ. ފައިސާ ހޯދަން އުޅުމުގެ ތެރޭގައި ސިއްހަތު ހަލާކުވެއްޖެނަމަ، އެ ހޯދި ފައިސާއިން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ހަތަރުވަނަ ކަމަކަށް، ހަލާލު ގޮތުގައި ހޯދާ ފައިސާއިން އުފާ ހާސިލުކުރާށެވެ. އާއިލާއާއެކު ކާން ދިއުމާއި، ކުޑަ ޗުއްޓީއެއް ހޭދަކޮށްލުމަކީ އިސްރާފެއް ނޫނެވެ. އަދި އެންމެ ފަހު ކަމަކަށް، ތިމާއަށް ލިބިފައިވާ މުއްސަނދިކަމުން އެހެން މީހުންނަށް އެހީތެރިވާށެވެ. ސަދަގާތްކުރުމާއި، މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ މުދަލުގައި ބަރަކާތް ލައްވައި، އާހިރަތުގައި އޭގެ ސަވާބު ލިބޭނެ ކަންކަމެވެ.
ހަގީގީ މުއްސަނދިކަމަކީ ހަމައެކަނި ފައިސާއެއް ނޫނެވެ. އެއީ ފުދުންތެރިކަމާއެކު ދިރިއުޅުމާއި، އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމާއި، ހެޔޮ ސިއްހަތެއްގައި ހުރުމެވެ. މަރުވުމަށްފަހު އަހަރެމެން އެއްކުރި ފައިސާތައް ވާރުތަވެގެން ދާނީ އެހެން ބަޔަކަށެވެ. ވިޔަފާރިތައް ހިންގާނީ އެހެން ބައެކެވެ. އެހެންކަމުން، މާދަމާއަށްޓަކައި ފައިސާ ރައްކާކުރަން އުޅުމުގެ ތެރޭގައި، މިއަދު ލިބިފައިވާ ދިރިއުޅުމުގެ އުފާތައް ނަގާނުލާށެވެ. ފައިސާ ހޯދަންވީ ދިރިއުޅުމަށެވެ. ދިރިއުޅުން ފަސްކޮށް، ހަމައެކަނި ފައިސާ ހޯދުމަށް އުމުރު ހުސްކޮށްލުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ.
މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ނިޒާމަކަށް ޒަމާނީ ހިންގުމުގެ ތެރެއިން ފުރުސަތު ތަނަވަސްވަމުންދާ މި ދަނޑިވަޅު މިއީ ވަޒީފާއާއި އާއިލީ ދިރިއުޅުން ބެލެންސްކުރުމަށް ލިބިގެންދާނެ ފުރުސަތެކެވެ. ނަމަވެސް، މި ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރެވެންދެން، ކޮންމެ މީހަކު ވެސް އަމިއްލައަށް ގޮތްތަކެއް ނިންމަން ޖެހެއެވެ. ފައިސާ ހޯދުމަށް އުމުރު ހުސްކޮށްލާނީތޯ، ނުވަތަ ލިބޭ ވަގުތުކޮޅުގައި އާއިލާއާއެކު ހަގީގީ ދިރިއުޅުމެއް އުޅޭނީތޯ، މިއީ މިއަދު ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ކޮށްލަންޖެހިފައިވާ ސުވާލެކެވެ.