އެމެރިކާއިން އިތުރަށް ޙަމަލާދީފިނަމަ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތައް ހަލާކުކޮށްލާނަން: އީރާން

ހޯރުމުޒު ކަނޑުއޮޅީގެ އަޑީގައިވެސް އެތައް ބައިވަރު ކޭބަލެއް ވަނީ އަޅާފައި ---

އެމެރިކާއިން އީރާނާ ދެކޮޅަށް އިތުރަށް އުދުވާނީ ޙަމަލާތަކެއް ދީފިނަމަ، އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ދެ ޓްރިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރުގެ އަގުހުރި ވަސީލަތްތަކަށް ޢަމާޒުކޮށް ރައްދު ޙަމަލާތައް ދީފާނެކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ވެރިޔާ މުޙުސިން ރެޒާއި އިންޒާރު ދެއްވައިފިއެވެ.

ހޯރްމުޒް ކަނޑުއޮޅީގެ އަޑީގައި މަދުވެގެން ހައެއްކަ މުހިންމު އިންޓަނެޓް ކޭބަލް އަޅާފައިވެއެވެ. އޭގެ ތެރޭގައި 25،000 ކިލޯމީޓަރުގެ ދިގު މުވާސަލާތީ ނެޓްވޯކެއް ކަމަށްވާ "އޭޝިއާ-އޭފްރިކާ-ޔޫރަޕް 1" (އޭއޭއީ-1) އާއި، ފްރާންސުން ފެށިގެން ސިންގަޕޫރާ ހަމައަށް ގުޅުވާލަދޭ "ސައުތު އީސްޓް އޭޝިއާ-މިޑްލް އީސްޓް-ވެސްޓަން ޔޫރަޕް 5" (އެސްއީ-އޭ-އެމްއީ-ޑަބްލިއު-އީ 5) ކޭބަލް ހިމެނެއެވެ.

އެއާއެކު ކަނޑުއަޑީގައި އަޅާފައިވާ އިންޓަނެޓް ކޭބަލްތަކާއި، ޑޭޓާ ސެންޓަރުތަކުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންފްރާސްޓްރަކްޗަރަށް ޢަމާޒުކުރުން ހިމެނެއެވެ.

https://sun.mv/210998

މީގެ އިތުރުން ފާލްކަން، ގަލްފް ބްރިޖް އިންޓަނޭޝަނަލް (ޖީބީއައި)، ޓާޓާ ޓީޖީއެން-ގަލްފް އަދި ޕާޝިއަން ގަލްފް އޮޕްޓިކަލް އިންޓަނެޓް ފަދަ ކޭބަލްތަކަކީ ގަލްފުގެ ގައުމުތަކާއި އިންޑިއާ، އެފްރިކާ، ޔޫރަޕް އަދި އޭޝިއާގެ ގައުމުތައް އެއެއްގައުމުގެ އަނެއްގައުމާ ގުޅުވާލަދޭ މުހިންމު ވަސީލަތްތަކެކެވެ.

ޢަރަބި ގަލްފާއި ހޯރްމުޒް ކަނޑުއޮޅީގެ އެވަރެޖް ފުންމިނަކީ 50 އާއި 100 މީޓަރާ ދެމެދުގެ ފުންމިނެކެވެ. މިފަދަ ފުން ކަނޑުއަޑީގައި ހުންނަ ކޭބަލްތަކަށް ގެއްލުން ދިނުމަށްޓަކައި އީރާނުން ތަފާތު ވަސީލަތްތައް ބޭނުންކޮށްފާނެއެވެ. އޭގެ ތެރޭގައި އަޑިން ދުއްވާ ރިމޯޓް ކޮންޓްރޯލް ކުރެވޭ އުޅަނދުފަހަރާއި (ޔޫޔޫވީ)، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ފީނުންތެރިންނާއި، ކަނޑުއަޑީގައި ވަޅުލާ ޚާއްޞަ މައިންތަކުގެ އިތުރުން، ބޮޑެތި އުޅަނދުފަހަރުގެ އެންކަރު ކަނޑުއަޑީގައި ދަމައިގެން ކޭބަލްތައް ބުރިކޮށްލުން ފަދަ އުކުޅުތައް ހިމެނެއެވެ.

އީރާނަށް ތާއީދުކުރާ ޔަމަނުގެ އަންޞާރުﷲ (ޙޫޘީ) ޖަމާޢަތުން މި ހަނގުރާމައިގެ ތެރެއަށް ވަދެ، ކޭބަލްތަކަށް ޙަމަލާދީފިނަމަ ލިބޭނެ ގެއްލުން އެތައް ގުނައަކަށް ބޮޑުވެގެންދާނެއެވެ. އެގޮތުން ޔޫރަޕާއި އޭޝިއާއާ ދެމެދު ބަދަލުކުރެވޭ ޑޭޓާގެ 90 އިންސައްތައަށް އަސަރުކުރާނެ ކަމަށާއި، މުޅި ދުނިޔޭގެ އިންޓަނެޓް ޓްރެފިކްގެ ގާތްގަނޑަކަށް 15 އިންސައްތައަށް ބުރޫއަރާނެކަމަށް ލަފާކުރެވެއެވެ. މިފަދަ ޙަމަލާއެއްގައި ރަތްކަނޑުގެ ސަރަހައްދަށް ނިސްބަތްވާ ނެޓްވޯކްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ.

ބާބު އަލްމަންދަބް ކަނޑުއޮޅީގެ އެވަރެޖް ފުންމިނަކީ 100 އާއި 185 މީޓަރާ ދެމެދުގެ ފުންމިނެކެވެ. ޙޫޘީންގެ އަތުގައި އީރާން ފަދަ ކުރިއަރާފައިވާ ކަނޑުގެ އަސްކަރީ ނެޓްވޯކެއް ނެތްކަމުގައި ވީނަމަވެސް، އެމީހުން އަމިއްލައަށް އުފައްދާފައިވާ ނުވަތަ އީރާނުން ފޯރުކޮށްދީފައިވާ ޔޫޔޫވީތަކާއި، ކަނޑުއަޑީގައި ބަހައްޓާ މައިންތަކާއި، އުޅަނދުފަހަރުގެ އެންކަރު ކައްސުވައިގެން ކޭބަލްތައް ހަލާކުކޮށްލުމުގެ ގާބިލުކަން އެމީހުންނަށް ވެސް ލިބިފައިވެއެވެ.

މި ސަރަހައްދުގެ ކަނޑުއަޑީގެ ކޭބަލްތަކަށް ގެއްލުންވެ ޚިދުމަތް މެދުކެނޑިއްޖެނަމަ، އެ ތަކެތި މަރާމާތުކުރުމަކީ އިންތިހާއަށް ދަތިކަމަކަށް ވާނެއެވެ. ސަބަބަކީ މަސްރަހު ނުތަނަވަސްވެ ހަނގުރާމަ ކުރިއަށްދާހާ ހިނދަކު، ކޭބަލް މަރާމާތުކުރާ އުޅަނދުފަހަރަށް އެ ސަރަހައްދަށް ވަނުމުގެ ފުރުސަތު އީރާނާއި ޔަމަނުގެ ހަނގުރާމަވެރިން ނުދޭނެތީއެވެ.

މެދުއިރުމަތީގައި އުފެދިފައިވާ އަސްކަރީ ނުވަތަނަވަސްކަމުގެ ތެރެއިން އެމެރިކާއާއި އިސްރާއީލުން އީރާނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން ދެމުންދާ އިންޒާރުތަކުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދާއި ޓެކްނޮލޮޖީގެ ސިނާއަތަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.

ޚާއްޞަކޮށް ވައިގެ މަގާއި ކަނޑުގެ މަގުގެ އިތުރުން ޑިޖިޓަލް ވަސީލަތްތަކަށް ދެވޭ މިފަދަ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށާއި މުވާސަލާތީ ޚިދުމަތްތަކަށް އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިގެންދާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް