ނެޓްފްލިކްސްއިން އިތުރު 800 މުވައްޒަފުން ވަކިކުރަން ނިންމައިފި

ނެޓްފްލިކްސް ކުންފުނީގެ ވަޒީފާތަކުން ޖުމްލަ މުވައްޒަފުންގެ ފަސް އިންސައްތަ ވަކިކުރުމަށް އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނޭ-

ދުނިޔޭގައި އެންމެ މަޤްބޫލު ސްޓްރީމިންގް ޚިދުމަތް ފޯރުކޮށްދޭ ނެޓްފްލިކްސް ކުންފުނީގެ ވަޒީފާތަކުން ގާތްގަނޑަކަށް 800 މުވައްޒަފުން ނުވަތަ ޖުމްލަ މުވައްޒަފުންގެ ފަސް އިންސައްތަ ވަކިކުރުމަށް އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި، މި ނިންމުން ކުރިއަށް އޮތް ހަފުތާގެ ކުރީކޮޅު ރަސްމީކޮށް އިޢުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ޕަކް ނިއުސް"އިން އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި، މިއީ އެ ކުންފުނީގެ ހިންގުމުގެ އޮނިގަނޑަށް ގެންނަ މުހިންމު އިޞްލާޙީ ބަދަލުތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ނެޓްފްލިކްސްއިން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި މި ބަދަލުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ކޮން ދާއިރާތަކެއްގެ ވަޒީފާތަކަށް ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި 16،000 އެއްހާ ދާއިމީ މުވައްޒަފުން މަސައްކަތްކުރަމުން ދިޔައިރު، އޭގެ ތެރެއިން 68 އިންސައްތަ (10،900 މުވައްޒަފުން) ޚިދުމަތްކުރަމުން ދިޔައީ އެމެރިކާ އަދި ކެނެޑާގައެވެ.

ނެޓްފްލިކްސްގެ މުވައްޒަފުންތަކެއް މަސައްކަތުގައި--ފޮޓޯ/ބީބީސީ

މީގެ ކުރިން ނެޓްފްލިކްސްއިން ބޮޑު އަދަދަކުން މުވައްޒަފުން ވަކިކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސަބްސްކްރައިބަރުންގެ އަދަދު 200،000އިން ދަށަށް ދިއުމާ ގުޅިގެން 450 މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި އޭގެ ފަހުން މި އަހަރުގެ ކުރީކޮޅު ވެސް އެ ކުންފުނީގެ ގްލޯބަލް ޕްރޮޑަކްޓް ޓީމުގެ ބައެއް މަޤާމުތައް ވަނީ މަދުކޮށްފައެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުން އެ ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ވިޔަފާރީގެ ކުރިއެރުން އިތުރަށް އަވަސްކުރުމަށްޓަކައި އެތެރޭގެ އޮނިގަނޑު ހަރުދަނާކުރުމަށް ނެޓްފްލިކްސްއިން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިދިޔަ މަހު ލޮސް އެންޖެލިސްގައި ބޭއްވުނު "ބްލޫމްބާގް ސްކްރީންޓައިމް" ކޮންފަރެންސްގައި ވާހަކަދައްކަވަމުން، ނެޓްފްލިކްސްގެ ކޯ-ސީއީއޯ ޓެޑް ސަރަންޑޯސް ވިދާޅުވީ، ދެވަނަ ކުއާޓަރުގައި ހުރިހާ ސަރަޙައްދަކުން ވެސް އާމްދަނީ ދެގުނައަށް އިތުރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ކުންފުނީގެ ލަނޑުދަނޑިއަކީ މިހާރަށްވުރެ މާ ހަލުވި ދުވެއްޔެއްގައި ކުރިއަށްދިއުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރަންޑޯސް އިތުރަށް ވިދާޅުވި ގޮތުގައި، ކުންފުނީގެ ކުރިއެރުމުގެ ދުވެއްޔާމެދު އޭނާ ފުރިހަމައަށް ހިތްހަމައެއްނުޖެހެއެވެ. ޚާއްޞަކޮށް، ޚިދުމަތް ބޭނުންކުރާ ފަރާތްތަކުން ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތު އިތުރުވާ މިންވަރު މަޑުޖެހިފައިވާތީ އެކަމަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. "ވެރައިޓީ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ނެޓްފްލިކްސް ބޭނުންކުރި މިންވަރު އިތުރުވެފައިވަނީ އެންމެ ދޭއް އިންސައްތައަށެވެ.

ލައިވް ޕްރޮގްރާމްތަކަށް ކުރާ ޚަރަދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަރަންޑޯސް ފާހަގަކުރެއްވީ، ލައިވް އިވެންޓްތަކަށް ކުންފުނީގެ ބަޖެޓުގެ ފަސް އިންސައްތަ ހޭދަކުރި ނަމަވެސް، ބެލުންތެރިންގެ ނިސްބަތުން އެއިން ޙާޞިލުކުރެވެނީ އެންމެ އިންސައްތައެއް ކަމަށެވެ.

ނެޓްފްލިކްސްގެ ދެވަނަ ކުއާޓަރުގެ އާމްދަނީ އަންދާޒާކުރި މިންވަރަށް ލިބުނު ކަމުގައި ވިޔަސް، ތިންވަނަ ކުއާޓަރުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ދަށްވުމާ ގުޅިގެން ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ އަގުތަކަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެ ކުންފުނީގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ޢާންމުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

comment ކޮމެންޓް