ސަރުކާރުން މިދިޔަ މަހުގެ 12ވަނަ ދުވަހު އަލަށް އުފެއްދި ގައުމީ ވަގުފު ކުންފުނި، "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށް، މެނޭޖިން ޑިރެކްޓަރަކަށް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އައްޔަންކޮށްފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމުގެ މަސްއޫލިއްޔަތު އޮންނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް، ދަފްތަރު ނަންބަރު ރސ، 12132، ޢިއްޒުއްދީން ޢަދްނާން ކަމަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކޮށްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ދ. ކުޑަހުވަދޫ، މަތަރަސްމާގެ، ޔާމީން އިދްރީސް ކަމަށް ޕީސީބީން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ފަސް މެންބަރަކު ވަނީ އައްޔަނުކޮށްފައެވެ. އެ ބޭފުޅުންނަކީ:
- ޙުސައިން ޝާމް އާދަމް، ޔާގޫތުގެ / ނ. ފޮއްދޫ (މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު)
- މުޙައްމަދު ޝުޖާއު، މއ. އިބަރަކަ / މާލެ
- މަރްޔަމް ނިހާޔަތު، ވެލަގަލާ / ގދ. ތިނަދޫ
- ޢަބްދުﷲ ޢަލީ، މީނާޒް / ރ. ކަނދޮޅުދޫ
- މުޙައްމަދު ޙިލްމީ، ސައިމާ / ހދ. ވައިކަރަދޫ
https://x.com/pcb_gov/status/2108078124198146272
މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްގެ ބޯޑު އެކުލަވާލާފައިވާއިރު، މި ކުންފުންޏަކީ ރާއްޖޭގެ ދީނީ ކަންކަމަށް އައު ރޫޙަކާއި ދިރުމެއް ގެނެސްދޭނެ ވަސީލަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހުގެ 12ވަނަ ދުވަހު ވަނީ ސިފަކުރައްވާފައެވެ.
ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވަޤުފަކީ އިސްލާމީ ފިޤުހުގައި މަތިވެރި މަޤާމެއް ދެވިފައިވާ، އިގްތިޞާދަށް ވަރުގަދަ ބާރެއް ލިއްބައިދޭ އަދި މުޖުތަމަޢުގެ ފަރުދުންނަށް އޭގެ ހެޔޮ މަންފާ ފޯރުކޮށްދިނުމުގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށެވެ. އަދި ތާރީޚުގައި ވެސް ޢިލްމީ ގާބިލު މީހުން ބިނާކުރުމަށާއި، މިސްކިތްތަކާއި ލައިބްރަރީތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށް ވަޤުފުން ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއަދު އުފެއްދި ގައުމީ ވަގުފު ކުންފުނި ވާނީ ރާއްޖޭގެ އިޖުތިމާޢީ އަދި ޢުމްރާނީ ވެށްޓަށް ލިބޭ ޚާއްސަ ޒީނަތަކަށް ކަމަށާއި، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ތަރައްގީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ މަސައްކަތުގައި ވެސް މި ކުންފުނިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ޒަމާނާ އެއްގޮތަށް މިސްކިތްތައް ބިނާކުރުމާއި، ޝަރުއީ ހަމަތަކުގެ މަތިން ހިންގޭ ވިޔަފާރީގެ ދާއިރާތައް އިތުރަށް ފުޅާކުރުމެވެ.