ޖަޕާނުގެ ޓޮޔާމާ ސިޓީން، އިތުރަށް ފައިސާ ހޯދުމުގެ ބޭނުމުގައި އާބާދީ އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ޖަޕާނުގެ މަރުކަޒީ ސަރުކާރުގެ އިންޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ، މިދިޔަ އަހަރުގެ ގައުމީ ބޯހިމެނުމުގައި ޓޮޔާމާ ސިޓީގެ އޮފިޝަލުން އާބާދީގެ އަދަދަކަށް ދީފައިވަނީ، 2،000 މީހުން އިތުރު އަދަދެއް ކަމަށެވެ. އެގޮތުން، މެއި މަހު އާންމުކުރި ތަފާސްހިސާބުތަކުގައި އެ ސިޓީގެ އާބާދީއަކީ 402،133 ކަމަށް ދައްކާފައިވީ ނަމަވެސް، ހަގީގީ އާބާދީއަކީ 399،197 ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އެ މައްސަލައިގެ ތަހުގީގުން އެނގުނު ގޮތުގައި، އެ ސިޓީގެ އޮފިޝަލުން އަދަދުތަކަށް ބަދަލު ގެނެސްފައިވަނީ ފަޅަށް ހުރި ގޭބިސީތަކުގައި މީހުން އުޅޭކަމަށް ލިޔެކިޔުންތަކަށް ބަދަލުގެނެސްގެންނެވެ. ގައުމީ ބޯހިމެނުމުގެ ނަތީޖާއަކީ ސަރުކާރުން ދޭ ފައިސާގެ އެހީ ކަނޑައެޅުމަށް ބޭނުންކުރާ މިންގަނޑެކެވެ. އަދި ޓޮޔާމާ ސިޓީގެ އޮޅުވާލުމުގެ ސަބަބުން އެ ސިޓީއަށް ހައްގުވާ މިންވަރަށް ވުރެ އިތުރަށް 60 މިލިއަން ޔެން (378،000 ޑޮލަރު) ލިބިފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަކުގައިވެއެވެ.
މި މައްސަލައާ ގުޅިގެން ޓޮޔާމާގެ މޭޔަރު ހިރޮހިސާ ފުޖީ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. ނަމަވެސް އާބާދީގެ އަދަދު އިތުރުކުރުމަށް އިސް އޮފިޝަލުންގެ ފަރާތުން އެއްވެސް އިރުޝާދެއް ދީފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ޖަޕާނުގެ ސްޓެޓިސްޓިކްސް ބިއުރޯގެ އޮފިޝަލުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެ ބިއުރޯގެ ސެންސަސް ޑިވިޝަންގެ ޑިރެކްޓަރު އަކިހިރޯ ޓަމޫރާ ވިދާޅުވި ގޮތުގައި، ގައުމަށް އެންމެ މުހިންމު ތަފާސްހިސާބު ނެގުމުގެ ތެރޭގައި މިފަދަ ކަމެއް ހިނގުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ. ޖަޕާނުގެ ގާނޫނުތައް ބުނާ ގޮތުން، ތަފާސްހިސާބުތައް އޮޅުވާލައިފި މީހަކަށް ޖޫރިމަނާއެއް ނުވަތަ ގިނަވެގެން ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
ޖަޕާނުގައި ކޮންމެ ފަސް އަހަރަކުން އެއް އަހަރު ގައުމީ ބޯހިމެނުމެއް ކުރިއަށްގެންދެއެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނެގި ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން، އެ ގައުމުގައި ދިރިއުޅޭ ބިދޭސީންނާއެކު ޖުމްލަ އާބާދީ ވަނީ ގާތްގަނޑަކަށް 123 މިލިއަނަށް ވެއްޓިފައެވެ. މިއީ 2020 ވަނަ އަހަރާ އަޅައި ބަލާއިރު 2.5 ޕަސެންޓް ނުވަތަ 3.17 މިލިއަން މީހުންގެ ދަށްވުމެކެވެ.
ޖަޕާނުގެ 47 ޕްރިފެކްޗާގެ ތެރެއިން ދެ ސަރަހައްދެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގެ އާބާދީ ދަށްވެފައިވާއިރު، އެ ގައުމަކީ އާބާދީ ދަށްވުމުގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް ހަލުވިކަމާއެކު އިތުރުވަމުންދާ ގައުމެކެވެ. އެގޮތުން، ގައުމުގެ އާބާދީގެ ކޮންމެ 10 މީހުންގެ ތެރެއިން ތިން މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ.