ރޭސިން ސައިކަލު މޫދަށް ވެއްޓި އަނިޔާވި ޒުވާނާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ

އެކްސިޑެންޓުވި ސައިކަލާއި، އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ -- ފޮޓޯ: ޓިކްޓޮކް ލައިވް

ލ. ގަމުގައި ކުރިއަށްދިޔަ ރޭސިން މުބާރާތެއްގެ ތެރެއިން ސައިކަލާއެކު މޫދަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވި ނަމަވެސް، އަދިވެސް އޭނާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ ކަމަށާއި އިތުރު ފަރުވާ އަވަސްކުރުން މުހިންމު ކަމަށް ބުނެފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ގަމުގައި ބޭއްވި "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގެ ތެރެއިން ހިނގި މި ނުރައްކާތެރި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ޒުވާނަކަށެވެ. އެ މުބާރާތުގައި ބައިވެރިވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ދުއްވަން އިން ޒުވާނާއާއެކު މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެ ދުވަހުގެ ހެނދުނު 09:54 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވި ޒުވާނާއަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފެށީ ޖެހިގެން އައި ދުވަހެވެ.

އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަ އެ ޒުވާނާގެ ހާލު މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވީ ނަމަވެސް، އަދިވެސް ރަނގަޅަށް ވާހަކަ ނުދެއްކޭތީ އިތުރު ފަރުވާ ވީހާވެސް އަވަސްކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާ ކަމަށް އާއިލާއާ ހަވާލާދީ މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށާއި، މި ކަމާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް