ޔޫއޭއީގެ ސްކޫލްތަކުގައި ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާއަށް ލުން މަނާ: ޤަވާޢިދާ ޚިލާފުވާނަމަ ބޮޑު ޖޫރިމަނާއެއް!

ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ގިނަ ސްކޫލްތަކެއްގައި ދަރިވަރުންގެ ފޮޓޯ ނުވަތަ ވީޑިއޯ ނެގުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރުން ވަނީ މަނާކޮށްފައި--ފޮޓޯ/ގަލްފްނިއުސް

ދަރިވަރުންގެ ރައްކާތެރިކަމާއި ނިވާކަން ކަށަވަރުކުރުމަށްޓަކައި، ހުއްދައާ ނުލައި ފޮޓޯ ނެގުމާއި ވަޓްސްއެޕް ގްރޫޕްތަކުގައި ހިއްސާކުރުން ހުއްޓުވުމަށް ދުބާއީ އާއި ޝާރްޖާގެ ސުކޫލުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

ދުބާއީ އާއި ޝާރްޖާގެ ގިނަ ސުކޫލުތައް ހިމެނޭހެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގިނަ ސުކޫލުތަކެއްގެ ގޭޓު ކައިރިންނާއި ސުކޫލު ގޯތިތެރޭގައި ދަރިވަރުންގެ ފޮޓޯ ނުވަތަ ވީޑިއޯ ނެގުމާއި، އެހެން ދަރިވަރުން ހިމެނޭ ފޮޓޯތައް ސޯޝަލް މީޑިއާ އާއި ވަޓްސްއެޕް ގްރޫޕްތަކުގައި ހިއްސާކުރުން މަނާކޮށް އާ އެންގުންތަކެއް ވަނީ ނެރެފައެވެ.

ޝާރްޖާގައި ހުންނަ 'ޖެމްސް އަވަ އޯން އިންގްލިޝް ހައި ސުކޫލު'ގެ ބޯއީސް ބްރާންޗުން ބެލެނިވެރިންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ދަރިވަރުންގެ ނިވާކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސުކޫލުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެހެންކަމުން ޔޫއޭއީގައި އަމިއްލަ ނިވާކަން ރައްކާތެރިކުރުމުގެ ޤާނޫނުތަކާއި ސުކޫލުތަކަށް ދެވިފައިވާ އިރުޝާދުތަކާ އެއްގޮތަށް، އެހެން ދަރިވަރުންނާއި ސުކޫލުގެ މުވައްޒަފުންގެ ހުއްދައާ ނުލައި ފޮޓޯ ނުވަތަ ވީޑިއޯ ނުނެގުމަށް އެ ސުކޫލުން ވަނީ އެދިފައެވެ.

މިއެންގުމުގެ ތެރޭގައި ކްލާސްރޫމްތަކާއި، ގޯތިތެރެ އާއި، ދަރިވަރުން ކުޅޭ ސަރަހައްދުތަކުގެ އިތުރުން އެ ދަރިވަރުން ސުކޫލަށް ގެންދާ އަދި ބަލާ އަންނަ ވަގުތުތައްވެސް ހިމެނެއެވެ. ދުބާއީގެ ޖެމްސް ވިންޗެސްޓަ ސުކޫލުންވެސް ވަނީ މިއާ އެއްގޮތް އުސޫލުތަކެއް އަންގައި ބެލެނިވެރިންނަށް ސާކިއުލާ ފޮނުވާފައެވެ.

ޝާރްޖާގެ އިންޓަނޭޝަނަލް ސުކޫލް އޮފް ޗޫއިފާތުން ވަނީ މިކަމުގައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެ ސުކޫލުން ފާހަގަކުރި ގޮތުގައި، ސުކޫލު ގޯތިތެރޭގައި އަމިއްލަ ކުދިންނާއި އެހެން ކުދިންގެ ފޮޓޯ ނަގައި ވަޓްސްއެޕް ގްރޫޕްތަކުގަ އާއި ސޯޝަލް މީޑިއާގައި ހިއްސާކުރާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އާންމު ސުކޫލު ދުވަސްތަކުގައި ފޮޓޯ ނެގުމަކީ މުޅިން މަނާކަމެއްގެ ގޮތުގައި އެ ސުކޫލުން ވަނީ ކަނޑައަޅާފައެވެ.

ޔޫއޭއީގެ ސްކޫލެއްގައި މުދައްރިސަކު ދަރިވަރުންނާ އެކު--ފޮޓޯ/އިންސްޓަގްރާމް

ފޮޓޯ ނެގުމުގެ އިސްތިސްނާ ހާލަތެއްގެ ގޮތުގައި ޗޫއިފާތު ސުކޫލުން ކަނޑައަޅާފައިވަނީ، ބެލެނިވެރިންނަށް ޚާއްސަކޮށްގެން ބާއްވާ ރަސްމީ ހަރަކާތްތައް އެކަނި ކަމަށްވާއިރު، އެފަދަ ހަރަކާތްތަކުގައިވެސް އެހެން ދަރިވަރުން ނުހިމެނޭހެން އަމިއްލަ ދަރިފުޅުގެ ފޮޓޯ އެކަނި ނެގުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ކުރިން ނެގިފައިވާ ފޮޓޯއެއްގައި އެހެން ކުއްޖަކު ހިމެނޭނަމަ، ސޯޝަލް މީޑިއާއިންނާއި ބެލެނިވެރިންގެ ގްރޫޕްތަކުން އެ ފޮޓޯތައް ނެގުމަށްވެސް ވަނީ އަންގާފައެވެ.

ޖެމްސްގެ ސުކޫލުތަކުން ބުނެފައިވަނީ، ދަރިވަރުންގެ ޚާއްސަ ވަގުތުތައް ފޮޓޯ އާއި ވީޑިއޯއިން ރައްކާކުރުމަކީ ބެލެނިވެރިން ބޭނުންވާނެ ކަމެއްކަން ޤަބޫލުކުރާ ކަމަށެވެ. އެހެންކަމުން ސުކޫލުގެ ޚާއްސަ ހަރަކާތްތަކުގައި ރައްކާތެރިކަމާއެކު ފޮޓޯ ނެގޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށާއި، ސުކޫލުގެ ރަސްމީ ފޮޓޯގްރަފީ ކުރިއަށްދާނީ ކަނޑައެޅިފައިވާ ރައްކާތެރިކަމުގެ އުސޫލުތަކުގެ ތެރެއިން ކަމަށްވެސް އެ ސުކޫލުތަކުން މައުލޫމާތުދެއެވެ.

މި އުސޫލުތަކަށް ބެލެނިވެރިން އަމަލުކުރުން މަޖުބޫރުވާ އެންމެ ބޮޑު ސަބަބަކީ ޔޫއޭއީގެ ސައިބަކްރައިމް އަދި ޕްރައިވެސީ ޤާނޫނުތަކުގެ ދަށުން މީހެއްގެ ނުވަތަ ކުއްޖެއްގެ ހުއްދައާ ނުލައި ފޮޓޯ އާއި ވީޑިއޯ ނެގުމާއި، ސޯޝަލް މީޑިއާ ނުވަތަ ވަޓްސްއެޕް ފަދަ މަންސަތަކުގައި ހިއްސާކުރުމަކީ ބޮޑު ކުށަކަށްވާތީއެވެ.

މިފަދަ ޤާނޫނީ އިމުން ބޭރުވާ ފަރާތްތަކަށް 150,000 ދިރުހަމް (629,700 ދިވެހި ރުފިޔާ) އާއި 500,000 ދިރުހަމް (ގާތްގަނޑަކަށް 2.1 މިލިއަން ދިވެހި ރުފިޔާ)އާ ދެމެދުގެ ބޮޑު ޖޫރިމަނާއެއް އަންނައިރު، މަދުވެގެން ހަ މަސްދުވަހުގެ ޖަލު އަދަބެއްވެސް ލިބެއެވެ. އަދި ކުށް ސާބިތުވާ ބޭރު ޤައުމުތަކުގެ ރައްޔިތުން އަދަބު ތަންފީޒުކުރުމަށްފަހު ޤައުމުން ޑީޕޯޓްކޮށްލުމުގެ ފުރުސަތު އޮންނާތީ، ސުކޫލުތަކުން ވަނީ ބެލެނިވެރިން ސުކޫލު ގޯތިތެރޭގައި ފޮޓޯ ނެގުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް