އިންޓަނެޓް ބޭނުންކުރާ ގިނަ ފަރާތްތަކުން އަދިވެސް އެކި އެކައުންޓްތަކުގެ ޕާސްވޯޑްތައް ހަނދާން ބެހެއްޓުމަށްޓަކައި ކަރުދާސްކޮޅުތަކުގައި (ސްޓިކީ ނޯޓްސް) ނުވަތަ ފޮތްފޮތުގައި ލިޔެގެން ބޭނުންކުރަމުންދެއެވެ. އަދި އާންމުކޮށް ބޭނުންކުރާ ޕާސްވޯޑްގެ ފަހަތަށް "!123" ނުވަތަ "!2026" ފަދަ ނަންބަރުތަކެއް އިތުރުކޮށްލައިގެން ބޭނުންކުރުމަކީ ވެސް އާންމު ކަމެކެވެ.
ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، ޕާސްވޯޑް މެނޭޖަރެއް ބޭނުންކުރަން ފެށުމަކީ މަދު މިނެޓުކޮޅެއްގެ ތެރޭގައި މިހާރު ކުރެވިދާނެ، އަދި ސެކިއުރިޓީ ވަރުގަދަކޮށްދޭނެ ފަސޭހަ ކަމެކެވެ. މިއީ "ފޮގޮޓް ޕާސްވޯޑް" އަށް ފިތަން ނުޖެހި، ރައްކާތެރިކަމާއެކު އޮންލައިން އެކައުންޓްތައް ބެލެހެއްޓުމަށް އެހީތެރިވެދޭނެ ވަސީލަތެކެވެ.
ޕާސްވޯޑް މެނޭޖަރެއް ބޭނުންކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅަކީ އެމީހަކާ އެންމެ ގުޅޭ އެޕްލިކޭޝަނެއް އިޚްތިޔާރުކުރުމެވެ. ރަނގަޅު ޕާސްވޯޑް މެނޭޖަރެއްގައި ވަރުގަދަ މާސްޓާ ޕާސްވޯޑެއް ނުވަތަ ޕާސްވޯޑްލެސް ލޮގިން މެތަޑެއް ބޭނުންކުރެވެއެވެ.
ތަފާތު އެތައް ގިނަ ޕާސްވޯޑް މެނޭޖާ އެޕްތައް މިހާރު ލިބެންހުރޭ ----މީގެ އިތުރުން، ކުއްލި ޙާލަތެއްގައި އާއިލާގެ މެންބަރުންނަށް އެކައުންޓްތަކަށް ވަދެވޭނެ "ޑިޖިޓަލް ލެގަސީ" ފީޗާއާއި، އެކައުންޓެއް ހެކްވެއްޖެނަމަ ނުވަތަ މައުލޫމާތު ލީކުވެއްޖެނަމަ އެކަން އަންގައިދޭ ނޮޓިފިކޭޝަން ފީޗާ ހުންނަ އެޕްތައް ހޯދުން މުހިންމެވެ.
ޓެކްނޮލޮޖީ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ޕީސީމެގް އިން ފާހަގަކުރާ ގޮތުގައި، އެންމެ ރަނގަޅު އެޕްތަކުގެ ތެރޭގައި ނޯޑްޕާސް އާއި ޕްރޮޓޯން ޕާސް ހިމެނެއެވެ. ނޯޑްޕާސްއަކީ އަގުހެޔޮ، އަދި ކްރެޑިޓް ކާޑާއި އީމެއިލް އެޑްރެސް ލީކުވެފައިވޭތޯ ބަލައިދޭ އެޕެކެވެ. ޕްރޮޓޯން ޕާސްއިން ހިލޭ ދޭ ޕްލޭންގައި އީމެއިލް އެލިއަސްތަކާއި އިންބޮކްސްތައް ހިމެނެއެވެ. މީގެ އިތުރުން ޑޭޝްލޭން، ލާސްޓްޕާސް އަދި ރޮބޯފޯމް އަކީވެސް ފާހަގަކޮށްލެވޭ އެޕްތަކެކެވެ. އަދި އާދައިގެ ފީޗާތަކާއެކު އެޕަލްގެ ފްރީ ޕާސްވޯޑްސް އެޕް އަދި ގޫގަލް ޕާސްވޯޑް މެނޭޖާ މެދުވެރިކޮށްވެސް މި ޚިދުމަތް ހޯދިދާނެއެވެ.
ދެވަނަ ފިޔަވަޅަކީ އެޕްލިކޭޝަން ޑައުންލޯޑްކުރުން ނުވަތަ ބްރައުޒަރު އެކްސްޓެންޝަން އިންސްޓޯލްކުރުމެވެ. މިގޮތަށް އިންސްޓޯލްކުރުމަށްފަހު، ބްރައުޒަރުގައި ކުރިން އިނގޭ ޑިފޯލްޓް ޕާސްވޯޑް މެނޭޖާ ނިއްވާލަން ޖެހިދާނެއެވެ. އެއަށްފަހު އެކައުންޓަށް ވަދެ، ސެޓިންގްސްއިން މަލްޓި-ފެކްޓަރ އޯތެންޓިކޭޝަން އޮންކުރަންޖެހެއެވެ. މިއީ މާސްޓާ ޕާސްވޯޑް އެހެން މީހަކަށް އެނގުނުކަމުގައި ވިޔަސް، އެކައުންޓަށް ނުވަދެވޭނެހެން އިތުރު ރައްކާތެރިކަމުގެ ފަށަލައެއް ފޯރުކޮށްދޭ ކަމެކެވެ.
ތިންވަނަ ފިޔަވަޅަކީ ޕާސްވޯޑްތައް އޮޓޯއިން ސޭވްވުމަށް ދޫކޮށްލުމެވެ. ކުރިން ބްރައުޒަރެއްގައި ނުވަތަ ސްޕްރެޑްޝީޓެއްގައި ޕާސްވޯޑްތައް ސޭވްކޮށްފައިވާނަމަ، އެ މައުލޫމާތުތައް ސެޓިންގްސް މެދުވެރިކޮށް އައު އެޕަށް އިމްޕޯޓް ކުރެވިދާނެއެވެ. އަދި އަލުން ފަށާ ފަރާތްތަކުން، ޕާސްވޯޑް މެނޭޖާ ބެކްގްރައުންޑްގައި ހިންގަމުން އެކައުންޓްތަކަށް ލޮގިންވުމުން، އެޕުން އަމިއްލައަށް މައުލޫމާތުތައް ސޭވްކޮށްދޭނެއެވެ. މީގެ ފަހުން ޔޫޒާނޭމް ނުވަތަ ޕާސްވޯޑް އަތުން ލިޔަން ނުޖެހޭނެއެވެ.
ޕާސްވޯޑް މެނޭޖަރެއް ބޭނުންކުރަން ފެށުމުން ފުރަތަމަކޮޅު ކުޑަ ބަދަލެއް އައިސްފައިވާ ކަމަށް އިހުސާސް ކުރެވުނު ނަމަވެސް، މިއީ އޮންލައިން އެކައުންޓްތަކަށް ވަނުން އަވަސްކޮށްދީ، ރައްކާތެރިކަން އިތުރުކޮށްދޭނެ ކަމެކެވެ.
މީގެ އެންމެ ބޮޑު ފައިދާއަކީ ކުރިއަށް އޮތް ތަނުގައި ހަނދާން ބަހައްޓަން ޖެހޭނީ އެންމެ ވަރުގަދަ މާސްޓާ ޕާސްވޯޑެއް އެކަނި ކަމަށްވުމެވެ.