ހަ މީހުންނާއެކު ބޮސްޓަންއަށް ދަތުރުކުރި މެޑިކަލް ޖެޓެއް ވެއްޓިއްޖެ

ވެއްޓުނު މަތިންދާ ބޯޓު ހޯދުމުގެ މަސައްކަތް ކުރަނީ --

ބާމިއުޑާއިން ފުރައިގެން އެމެރިކާގެ ބޮސްޓަންއަށް ދަތުރުކުރި މެޑިކަލް ޓްރާންސްޕޯޓް (އެއާ އެމްބިއުލާންސް) ޖެޓެއް ގެއްލި، އޭގެ ބައެއް ބައިތައް އެމެރިކާގެ މެސެޗޫސެޓްސްގެ ނެންޓަކެޓްގެ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެއެވެ.

ސީއެންއެންގައިވާ ގޮތުން، އެމެރިކާގެ ކޯސްޓްގާޑުން މައުލޫމާތު ދޭ ގޮތުގައި، އިއްޔެ ފަތިހުގެ ވަގުތެއްގައި ގެއްލުނު "ގަލްފްސްޓްރީމް ޖީ-100" މަރުކާގެ މި ބޯޓުން ދަތުރުކުރި ހަ މީހުން ހޯދުމުގެ މަސައްކަތް މަތިންދާބޯޓާއި، ހެލިކޮޕްޓަރު އަދި ކަނޑު އުޅަނދުފަހަރު ބޭނުންކޮށްގެން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. ފެނިފައިވާ ބައިތަކަކީ އެ ބޯޓުގެ ބައިތައް ކަމަށް ކޯސްޓްގާޑުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ފްލައިޓްއަވެއާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި ބޯޓު 24،000 ފޫޓު މަތިން އުދުހެމުން ދަނިކޮށް، އެންމެ ދެ މިނެޓުގެ ތެރޭގައި ވަނީ 13،000 ފޫޓަށް ތިރިވެފައެވެ. އަދި ބޯޓާ ގުޅުން ކެނޑުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އެއާ ޓްރެފިކް ކޮންޓްރޯލަރާއެކު ދެކެވުނު ވާހަކަތަކުން ބޯޓަށް މައްސަލަތަކެއް ދިމާވެގެން އުޅުނުކަން ވަނީ އެނގިފައެވެ.

ކެނެޑާގެ "ލެޓިޓިއުޑް އެއާ އެމްބިއުލާންސް" ކުންފުންޏަށް ނިސްބަތްވާ މި ބޯޓުގައި ތިބީ ކެނެޑާގެ ދެ ޕައިލެޓުންނާއި ސިއްހީ ދެ ހިދުމަތްތެރިންގެ އިތުރުން، ބާމިއުޑާއިން ފަރުވާއަށް ގެންދިޔަ ބަލިމީހަކާއި އޭނާގެ އާއިލާގެ މީހެކެވެ.

މި ހާދިސާއާ ގުޅިގެން ކެނެޑާގެ ޓްރާންސްޕޯޓް މިނިސްޓަރު ސްޓީވަން މެކްކިނަން އަދި ބާމިއުޑާގެ ޕްރިމިއާ ޑޭވިޑް ބާޓް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކަށް ތައުޒިޔާ އާއި ހެޔޮދުއާ ފޮނުއްވާފައެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި ބޯޓު ހޯދުމުގެ އޮޕަރޭޝަން ވަރުގަދައަށް ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް