ބައްޕައިން ކުރާ ކުޑަކުޑަ ކަމަކުން 'ތަޢުރީފުގެ އެވޯޑު' ދިނުމުގެ ސަގާފަތަށް ނިމުމެއް އަންނަންޖެހޭ ކަމަށް ޕަރިނީތީ ބުނެފި

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އަމިއްލަ ދަރިފުޅު ބެލެހެއްޓުމަކީ ވަގުތީ ގޮތުން ކުރާ "ބޭބީސިޓިން" މަސައްކަތެއް ނޫން ކަމަށާއި، ބައްޕައެއްގެ އަސާސީ ޒިންމާ އަދާކުރުމުން އެކަމަށް އަތްޖަހައި ސާބަސް ދިނުން ހުއްޓާލަންޖެހޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ ބުނެފިއެވެ.

އަދި އޭގެ ބަދަލުގައި، ކުދިން ބެލުމުގެ ތެރޭގައި އަމިއްލަ ޝަޚްޞިއްޔަތާއި، ކެރިއަރާއި، މާލީ މިނިވަންކަން ޤުރުބާންކުރާ މައިންނަށް ޙައްޤުވާ އެއްބާރުލުން ދޭންޖެހޭ ކަމަށް ޕަރިނީތީ ފާހަގަކުރިއެވެ.

'ހޯޓަފްލައި'އަށް ދިން އިންޓަވިއުއެއްގައި ޕަރިނީތީ ބުނީ، މުޖުތަމަޢުގައި ބައްޕައިންނަކީ ވަގުތީ ގޮތުން ކުދިން ބަލައިދޭ ބައެއްގެ ގޮތުގައި ދެކި، އެ މީހުން ކުރާ ކުޑަކުޑަ ކަމަކުން ސާބަސްދޭ މަންޒަރު ފެނުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މަންމައަކު އޭނާގެ ވަރުބަލިކަން ދުރުކޮށްލުމަށް ކުޑަ އަރާމުކޮޅަކަށް އެދުނު ނަމަވެސް، އެއީ އަމިއްލަ އެދުން ބޮޑުވުން ކަމަށް ދެކޭއިރު، ދަރިފުޅުގެ ހުރިހާ ޒިންމާއެއް އުފުލުމަކީ ހަމައެކަނި މަންމަގެ ޒިންމާއެއް ކަމަށް މުޖުތަމަޢުން ދެކޭ ކަމަށް ދާދިފަހުން މަންމައަކަށްވި ބަތަލާ ވަނީ ބުނެފައެވެ.

ކުއްޖަކު ލިބުމާއެކު ކުއްލިއަކަށް ބޮޑު ޒިންމާއަކާ ކުރިމަތިލާންޖެހި، ހޯމޯންސްތަކަށް އަންނަ ބަދަލުތަކާއެކު ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އިންތިހާއަށް ވަރުބަލިވެފައިވާ މަންމައަކަށް މިއީ ވަރަށް ހިތްދަތި ތަޖުރިބާއެއްކަން ފާހަގަކުރަމުން ޕަރިނީތީ ބުނީ، މި ސަބަބާހުރެ ގިނަ މައިންގެ އަމިއްލަ ވަންތަކަމާއި، ވަޒީފާ އާއި އަދި މާލީ މިނިވަންކަން ވެސް ގެއްލިގެންދާ ކަމަށެވެ.

ޕަރިނީތީ ފިރިމީހާ ރާގަވް ޗައްދާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި މައުޟޫއާ ގުޅޭގޮތުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ "ދި އާންސަ ރޫމް'ގެ ލައިސަންސްޑް ރީހެބިލިޓޭޝަން ކައުންސެލަރު އަދި ސައިކޯތެރަޕިސްޓް ސޯނާލް ޚަންގާރޯތު ވިދާޅުވި ގޮތުގައި، ބެލެނިވެރިއަކަށް ވުމަކީ ހަމައެކަނި ކުއްޖަކު ދުނިޔެއަށް އުފަންވުމެއް ނޫނެވެ. އެއީ މުޅިން އާ ޝަޚްޞިއްޔަތެއް ނުވަތަ އައިޑެންޓިޓީއެއް އުފަންވުމެވެ.

ނަފްސާނީ ގޮތުން ބަލާއިރު، މި ބަދަލާއެކު ޒިންމާދާރުކަމާއި، އީޖާބީ ސަމާލުކަމާއި، އަދި ކުއްޖާއަށް އޮންނަ ލޯތްބާއި ގުޅުން އިތުރުވެގެންދެއެވެ. އަދި އަމިއްލަ ނަފްސަށްޓަކައި ދިރިއުޅުނު ދިރިއުޅުން ބަދަލުވެ، އެހެން އިންސާނެއްގެ މުޅި ދިރިއުޅުމުގެ ޒިންމާ އުފުލަންޖެހޭ ކަމުގެ އިޙްސާސް ފުންކޮށް ހިތަށް ވަދެގެންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސޯނާލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ މައުޟޫޢުތަކަށް ފުޅާދާއިރާއެއްގައި ބަޙުޘްކުރުމަކީ ބެލެނިވެރިކަމުގެ ޙަޤީޤީ އިޙްސާސްތަކާއި ގޮންޖެހުންތައް ބަލައިގަތުމަށް މަގުފަހިވާ ކަމެކެވެ. މީގެ ތެރޭގައި ކުދިންގެ ދިރިއުޅުމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި، އަޅާލުމާއި ސަމާލުކަމާއެކު ޒިންމާ އުފުލުމުގެ މުހިންމުކަން ހިމެނެއެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން ކުދިން ބެލުމަކީ ދެމަފިރިންގެ ހިއްސާ އޮންނަންޖެހޭ ބައިވެރިވުމެއްކަން މުޖުތަމަޢަށް ނަގައިގަންނަން ފަސޭހަވެގެންދެއެވެ.

ޕަބްލިކް ހެލްތް އެނަލިސްޓް ޑރ. ސަމީރު ބާޓީ ވިދާޅުވި ގޮތުގައި، ކުރީގެ ޖީލުތަކާ ޚިލާފަށް، މިހާރުގެ ގިނަ ބައްޕައިންނަކީ ތަޢުލީމީ، އަމިއްލަ ނަފްސަށް ހޭލުންތެރި، އަދި އިޙްސާސްތައް ފާޅުކުރުމަށް ޖެހިލުންނުވާ ބައެކެވެ. މި ބަދަލު އައުމުގައި ސޯޝަލް މީޑިއާ އާއި މަޝްހޫރު އާންމު ފަރުދުން މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

ޑޮކްޓަރު ބާޓީ ޤަބޫލުކުރައްވާ ގޮތުގައި ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން މިއަދު ވަނީ މީހާގެ ދައުރަށް ބަދަލުއަންނަން މަޖުބޫރުވެފައެވެ. ދެމަފިރިންވެސް ވަޒީފާ އަދާކުރާ، އަދި ވަކިން ދިރިއުޅޭ ކުދި އާއިލާތައް އިތުރުވަމުންދިއުމަކީ މި ބަދަލުގެ މައިގަނޑު ސަބަބެވެ. އަދި މިއަދުގެ އާއިލާއެއްގެ ހިންގުން ހަމަމަގުގައި ހިފެހެއްޓެނީ ފިރިހެނުންގެ އަމަލީ ބައިވެރިވުން ލިބިގެން ކަމަށްވާތީ، ފިރިހެނުންވެސް މިހާރު އިސްނަގައިގެން މި ޒިންމާތަކާ ހަވާލުވަމުންދާ ކަމަށް އޭނާ އިތުރަށް ބަޔާންކުރެއްވިއެވެ.

މުޖުތަމަޢުގައި ހުރި މިފަދަ ގޮންޖެހުންތަކާއި ނުރަނގަޅު ވިސްނުންތަކާ މެދު ޕަރިނީތީ ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އޭނާގެ އަމިއްލަ އާއިލީ ދިރިއުޅުމުގައި ފިރިމީހާ ރާގަވް ޗައްދާ އާއި އާއިލާގެ ފަރާތުން ލިބެމުންދަނީ ނަމޫނާ އެއްބާރުލުމެކެވެ. ދަރިފުޅު ނީރް އުފަންވުމަށްފަހު، ކުއްޖާ ބެލެހެއްޓުމުގައި ރާގަވް ވަނީ އަމަލީގޮތުން ބައިވެރިވެ، ކުދިން ބެލުމަކީ ދެމަފިރިންގެ ހަމަހަމަ ޒިންމާއެއްކަން ސާބިތުކޮށްދީފައެވެ. އަދި ވަޒީފާގެ މާހައުލަށް އެނބުރި ނުކުންނައިރު އަންހެނުންނަށް ކުރިމަތިވާ ނަފްސާނީ "މޮމް ގިލްޓް" ނުވަތަ ކުށްވެރިކަމުގެ އިޙްސާސްތަކުން ދުރުވުމަށްޓަކައި، ރާގަވް އާއި އާއިލާއިން އޭނާއަށް ފުރިހަމަ އިތުބާރާއި ހިތްވަރު ދެމުންދިޔަ ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ.

މައިންބަފައިންގެ ދައުރާމެދު މުޖުތަމަޢު ދެކޭ ގޮތް ބަދަލުކުރުމަށްޓަކައި، ރާގަވް އާއި އޭނާ މަސައްކަތް ކުރަނީ ނަމޫނާ ދެމަފިރިންގެ ގޮތުގައިކަން ޕަރިނީތީ ފާހަގަކުރެއެވެ. އެގޮތުން ރާގަވް ވަނީ ޤާނޫނީގޮތުން ބައްޕައިންނަށް ލިބޭ 'ޕެޓާނިޓީ ލީވް' ކަށަވަރުކުރުމަށް ވެސް ވަކާލާތުކޮށްފައެވެ. މިއީ ކުދިން ބެލުމުގެ ޒިންމާއަކީ ހަމައެކަނި މަންމަގެ ޒިންމާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ދެމަފިރިންގެ ހިއްސާ އޮންނަ، އުފާވެރި އަދި ހަމަޖެހޭ އާއިލީ މާހައުލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ޕަރިނީތީ ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް