މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް ހަމަލާދީ ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ބަލަނީ

މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެެދު މާރާމާރީ ހިންގައި ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި --

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް ހަމަލާދީ، އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އިއްޔެ 06:04 އެހައިކަންހާއިރު، ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކާއި ފިރިހެނަކާ ދެމެެދު މާރާމާރީ ހިންގައި އަދި އަންހެން މީހާގެ އަތުން ފައިސާ ފޭރުނު މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި ހާދިސާއާ ގުޅިގެން 'ސަން' އަށް މައުލޫމާތުދެމުން މަޑުއްވަރީ ކައުންސިލުން ބުނީ މާރާމާރީ ހިންގައި ފައިސާ ފޭރުނީ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީއެއް ކަމަށެވެ. އަދި ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ދިނެވެ.

ސޯޝަލް މީޑިއާގައި ހާދިސާއާ ގުޅޭ ވީޑިއޯއެއް ދައުރުވަމުންދާއިރު އެ ވީޑިއޯއިން ފެންނަނީ ބިދޭސީ ފިރިހެން މީހާ ބިދޭސީ އަންހެން މީހަކު ބިންމައްޗަށް ވައްޓާލައި، އޭނާގެ ގައި މައްޗަށް އަރައި އިން މަންޒަރެވެ. އަދި އަންހެން މީހާގެ އަނގަމަތީ އަތް އަޅައި ބާރުކުރާ މަންޒަރު ފެނެއެވެ. އަދި މަގުމައްޗަށް ގިނަ އަދަދެއްގެ ރުފިޔާ ވަޔަށް ބުރައިގެން ގޮސްފައި ހުރި މަންޒަރު ފެނެއެވެ.

comment ކޮމެންޓް