އދ. ގެ ސަލާމަތީ މަޖިލީހުގައި އޮންނަ ވީޓޯ ކުރުމުގެ ބާރު އުވާލައި، އެ ޖަމިއްޔާގެ އެންމެ އިސް މަގާމު ކަމަށްވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު އިސްކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށް ދިވެހިރާއްޖޭން ގޮވައިލައިފިއެވެ.
އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފުގެ ތަޤުރީރުގައި ބައިނަލްއަޤްވާމީ ނިޒާމު އިޞްލާޙުކުރުމާއި ހަމަހަމަކަން ޤާއިމުކުރުމުގެ މައްޗަށް ބާރުއަޅުއްވައި ވަކާލާތު ކުރެއްވިއެވެ.
އދ. ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ސަލާމަތީ މަޖިލިސް އިސްލާހުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިއަދުގެ ދުނިޔޭގެ މައްސަލަތައް ނިންމުމުގައި މާޒީވެފައިވާ ނިޒާމަކަށް ބަރޯސާވެވެން ނެތް ކަމަށެވެ. އެގޮތުން، ސަލާމަތީ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ދާއިމީ އަދި ދާއިމީ ނޫން ގޮނޑިތައްވެސް އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"މިއަދުގެ ދުނިޔެއަށް ގޮތްތައް ނިންމުމުގައި، 1945 ވަނަ އަހަރުގެ ދުނިޔެ ސަލާމަތީ މަޖިލީހުން ރަމްޒުކޮށްދީގެން ނުވާނެ. ދާއިމީ އަދި ދާއިމީ ނޫން މެންބަރުންގެ ގޮތުގައިވެސް މަޖިލިސް ފުޅާކުރަންޖެހެ. ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް އޮންނަންޖެހެ. އެފްރިކާއަށް ޒަމާނުއްސުރެ ނިގުޅައިގަނެވިފައިވާ ތަމްސީލުވުން ލިބެންޖެހޭ. އަދި ވީޓޯ ކުރުމުގެ ބާރު އުވާލަންޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އދ. ގެ އެންމެ އިސް ލީޑަޝިޕްގައި އަންހެނުންގެ ދައުރު އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްގެ ޚިދުމަތަށް ޝުކުރު އަދާކުރެއްވުމަށްފަހު، ދެން އަންނަ ދައުރަކަށް އަންހެން ބޭފުޅަކު އައްޔަންކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
"ވޭތުވެދިޔަ އަށް ވިހި އަހަރަށްވުރެ ގިނަ ދުވަހު، ކޮންމެ ސެކްރެޓަރީ ޖެނެރަލަކީވެސް ފިރިހެން ބޭފުޅެއް. މިއީ މި ޖަމްޢިއްޔާގެ އިސްވެރިޔަކަށް އަންހެން ބޭފުޅަކު އައްޔަންކުރަންވީ ވަގުތު. އެއްވެސް އިސްތިސްނާއެއް ނެތި އދ. ގެ ޗާޓަރު ދިފާޢުކުރައްވާނެ ލީޑަރެކެވެ. އިސްލާޙުތައް ޙަޤީޤީ ނަތީޖާއަކަށް ބަދަލުކޮށްދެއްވާނެ ލީޑަރެއް. އަދި އެންމެ ކުދި ޤައުމުތައް ހިމެނޭހެން، ހުރިހާ މެންބަރު ޤައުމުތަކުގެ އަޑުއައްސަވާނެ ލީޑަރެއް،" ނައިބު ރައީސް ވިދާޅުވިއެވެ.
ކުދި ގައުމުތަކުގެ ޙައްގުގައި ވަކާލާތު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ނިންމުންތައް ނިންމާ މޭޒުދޮށުގައި ތިބެނީ ކޮން ބައެއްކަން އެއީ މުހިންމު ކަމެއް ކަމަށާއި، ކުދި ޤައުމުތަކަކީ ހަމައެކަނި ނިންމުންތައް ބަލައިގަންނަ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އެގޮތުން، ރާއްޖެއިން އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (2027-2029) އަދި ހިއުމަން ރައިޓްސް ކައުންސިލް (2028-2030) ގެ އިތުރުން، ސަލާމަތީ މަޖިލީހުގެ (2033-2034) ދައުރަށް ވާދަކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެކަމުގައި ހުރިހާ ޤައުމުތަކެއްގެ އެއްބާރުލުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.