ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އުއްމީދީ ފިލްމު 'ލަވް އެންޑް ވޯ'އިން ރަންބީރު ކަޕޫރުގެ ފެނިލުމަށްފަހު، ރެޓްރޯ ކެބަރޭ ނެށުންތެރިއެއްގެ ގޮތުގައި އާލިއާ ބަޓް ފެންނަ ފުރަތަމަ ފޮޓޯ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ފެނިލުމުގައި އާލިއާ ފެންނަނީ ރަތްކުލައިގެ ވިދާ ހެދުމަކާއި، ބޮލުގައި ހަރުކޮށްފައިވާ ފަތްތަކެއްގެ ސިފައަށް ހުރި އިސްތަށިގަނޑުގެ ގަހަނާއަކާއެކު، ވަރަށް ފުރިހަމަ ރެޓްރޯ ކެބަރޭ ނެށުންތެރިއެއްގެ ސިފައިގައެވެ.
ކުރީގެ ޒަމާނީ ރީތިކަން ސިފަކޮށްދޭ މި ފެނިލުމުގައި، އާލިއާ ވަނީ އޭނާގެ ހިތްގައިމުކަމުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ފިލްމުގެ މާހައުލާއި ގުޅޭގޮތަށް ފަރުމާކޮށްފައިވާ މި ހެދުމާއި ގަހަނާތަކުން ވަރަށް ފުރިހަމައަށް ފިލްމުގެ ފަންނީ ރީތިކަން ދައްކުވައިދެއެވެ.
މިއީ 2022 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު 'ގަންގޫބާއީ ކަތިއަވާޅީ' އަށްފަހު، ބަންސާލީއާ އެކު އާލިއާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. އާލިއާގެ ކެރިއަރުގައި މިހާތަނަށް އެންމެ މޮޅު އެކްޓިންގް ދައްކާލި ފިލްމު 'ގަންގޫބާއީ' އަކީ ބަތަލާއަށް އެންމެ މޮޅު ބަތަލާގެ ނޭޝަނަލް އެވޯޑް ވެސް ކާމިޔާބުކޮށްދިން ފިލްމެވެ.
ފިލްމު 'ލަވް އެންޑް ވޯ'އިން އާލިއާ ފެންނާނެ ގޮތް ދައްކުވައިދޭ ޕޯސްޓަރު ދައްކާލިއިރު، އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރު މި ފިލްމުން ފެންނާނެ ގޮތް މީގެ އެއް ދުވަސްކުރިން ވަނީ ދެ ޕޯސްޓަރަކުން ހާމަކޮށްފައެވެ. މިއީ 2022 ވަނަ އަހަރު ނެރުނު 'ބުރައްމަސްތުރާ' އަށްފަހު، މި ދެމަފިރިން އެކުގައި ބޮޑުސްކުރީނުން ފެނިގެންދާނެ ދެވަނަ ފަހަރެވެ.
ފިލްމު "ލަވް އެންޑް ވޯ"ގެ ތިން ވަނަ ޕޯސްޓަރު--ފޮޓޯ/ޓެލެގްރާފްއިންޑިއާމީގެ އިތުރުން މިއީ 2007 ވަނަ އަހަރު ނެރުނު 'ސާވަރިޔާ'އިން ބޮލީވުޑަށް ތައާރަފުވި ރަންބީރު، ޑައިރެކްޓަރު ބަންސާލީއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމު ވެސް މެއެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމުގެ މުހިންމު ރޯލަކުން ކާމިޔާބު އެކްޓަރު ވިކީ ކޯޝަލް ވެސް ފެނިގެންދާނެއެވެ. މިއީ ވިކީ، ބަންސާލީއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
ބޮލީވުޑްގެ އެންމެ ފުންނާބު އުސް ބަތަލާއިންގެތެރޭ ގުނާލެވޭ އާލިއާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ ޖުލައި މަހު ރިލީޒްކުރި ފިލްމު 'އަލްފާ'އިންނެވެ.