ހަތަރު އަހަރާއި ބައިވީ ރަޝިއާ-ޔޫކްރޭން ހަނގުރާމަ ހުއްޓުވުމުގެ މަގުސަދުގައި، އެމެރިކާއިން އިސްނަގައިގެން ތިންފަރާތް އެކުލެވޭ އައު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ކީވް އާއި މޮސްކޯއިން އެއްބަސްވެއްޖެއެވެ.
މި އަހަރުގެ ކުރީކޮޅު ފެށި މަޝްވަރާތައް މަޑުޖެހުމަށްފަހު އަލުން ފަށަން ނިންމާފައިވާއިރު، މި ބައްދަލުވުންތައް ބޭއްވުމަށް އެމެރިކާއިން ހުށަހަޅާފައި ވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައެވެ.
ޔޫކްރޭނުގެ ރައީސް ވޮލޯޑިމީރު ޒެލެންސްކީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ ފަރާތުން ތިންފަރާތް އެކުލެވޭ ފަންނީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައިވާ ކަމަށާއި، ބައްދަލުވުން ބާއްވާނެ ތާރީޚަކަށް އިންތިޒާރު ކުރައްވަމުންދާ ކަމަށެވެ. ކްރެމްލިންގެ ތަރުޖަމާނު ދިމީތުރީ ޕެސްކޯވް ވެސް ވަނީ މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު ބޮޑުކަން ކަށަވަރުކޮށްދެއްވާފައެވެ.
މި މަޝްވަރާތައް އަލުން ފެށުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރާޑް ކުޝްނާ ވަނީ މި މަހުގެ ކުރީކޮޅު ރަޝިއާއާއި ޔޫކްރޭނަށް ޒިޔާރަތްކުރައްވާފައެވެ.
މަޝްވަރާތަކުގެ ތައްޔާރީތައް ހިނގަމުންދާއިރު، ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.
ޔޫކްރޭނުގެ ވެރިރަށް ކީވްއަށް ރަޝިއާއިން ދިން ހަމަލާއެއްގައި 14 އަހަރުގެ ކުއްޖަކު މަރުވެ، ހަތް މީހަކު ޒަޚަމްވެފައި ވާއިރު، އޮޑެސާ ސަރަހައްދަށް ދިން ހަމަލާތަކުގައި ވެސް މީހަކު ވަނީ މަރުވެފައެވެ. ހަމައެއާއެކު ޔޫކްރޭނުން ދިން ޑްރޯން ހަމަލާތަކެއްގައި ރަޝިއާގެ ނޮވޯޝަހްޓިންސްކް ތެޔޮ ސާފުކުރާ ކާރުޚާނާއަށް ގެއްލުންވެ، އެތަނުގެ މަސައްކަތްތައް ވަނީ ހުއްޓާލަން ޖެހިފައެވެ.
އެމެރިކާގެ ނިއުޔޯކްގައި އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވަމުންދާ ޒެލެންސްކީ ވަނީ، ފިނި މޫސުން އަންނަންވާއިރަށް ރަޝިއާގެ ހަމަލާތައް ވަރުގަދަކުރާނެތީ އެމެރިކާއާއި އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން އެމެރިކާގެ އެހީގައި އެޑްވާންސް "ޕެޓްރިއަޓް" ދިފާއީ މިސައިލް އުފެއްދުމުގެ ހުއްދަ ޔޫކްރޭނަށް ލިބޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށާއި، ކަޅުކަނޑުގެ ކާގޯ އުޅަންދަފަހަރަށް ރަޝިއާއިން ދޭ ހަމަލާތަކާ ގުޅިގެން ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއާއި ތުރުކީފަދަ ގައުމުތަކާއެކު މަޝްވަރާކުރައްވަމުންދާ ކަމަށް ވެސް ޒެލެންސްކީ ހާމަކުރެއްވިއެވެ.