އިންޑިއާގެ ކަރްނާޓަކާއިން ރާއްޖެއަށް 'ގުލްބަރްގާ ތޫރް ދާލް' އިމްޕޯޓް ކުރަން ފަށައިފި

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގައި ހައްދާ، ޖިއޮގްރަފިކަލް އިންޑިކޭޝަން (ޖީއައި) ޓެގް ލިބިފައިވާ، މުގުގެ ބާވަތެއް ކަމަށްވާ، 'ގުލްބަރްގާ ތޫރް ދާލް' ގެ އެއް މެޓްރިކް ޓަނުގެ ޝިޕްމަންޓެއް ރާއްޖެއަށް އިމްޕޯޓްކޮށްފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ކަނޑުމަގުން ރާއްޖެއަށް ފޮނުވި މި ޝިޕްމަންޓް ފުރާފައިވަނީ އިއްޔެއެވެ. މި އެކްސްޕޯޓަކީ އިންޑިއާގެ އެގްރިކަލްޗަރަލް އެންޑް ޕްރޮސެސްޑް ފުޑް ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (އަޕޭޑާ) ގެ އެހީތެރިކަމާއެކު، ދަނޑުވެރިންނަށް ބައިނަލްއަގުވާމީ މާކެޓުތަކުން ފުރުސަތު ހޯދައިދިނުމަށް ފެށި މަސައްކަތުގެ ދަށުން ފޮނުވި ޝިޕްމަންޓެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެ މައިގަނޑު މަގުސަދަކީ އިންޑިއާގެ ޚާއްސަ އުފެއްދުންތަކަށް ބޭރުގެ މާކެޓުތަކުން ޖާގަ ހޯދައިދިނުމެވެ.

މި އެކްސްޕޯޓުގެ ސަބަބުން އިންޑިއާގެ ދަނޑުވެރިންނަށް މާލީ ގޮތުން ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ. އެގޮތުން، އިންޑިއާގެ އެތެރޭގެ ބާޒާރުގައި މި މުގުގެ ކިލޯއެއް 60 ރުޕީސްއަށް ވިއްކާއިރު، ރާއްޖެއަށް އެކްސްޕޯޓުކުރުމުން ކިލޯއަކުން 82 ރުޕީސް ދަނޑުވެރިންނަށް ލިބޭނެއެވެ. މިއީ އެތެރޭގެ ބާޒާރާ އަޅައި ބަލާއިރު 30 އިންސައްތަ އިތުރު އަދަދެކެވެ. މިނިސްޓްރީން ބުނި ގޮތުގައި މިއީ އެކްސްޕޯޓާ ގުޅިފައިވާ ވެލިއު ޗެއިންގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއީ ފާމާ ޕްރޮޑިއުސަރ އޯގަނައިޒޭޝަން (އެފްޕީއޯ) ތަކުގެ ބްރޭންޑްތައް ކުރިއެރުވުމަށް އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ކުރިއެރުމެއް ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިފަދަ ޖަމިއްޔާތައް މެދުވެރިކޮށް، އުފައްދާ ފަރާތްތަކާއި ބައިނަލްއަގުވާމީ މާކެޓުތަކާ ދެމެދު ސީދާ ގުޅުން ގާއިމުކުރުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

ގުލްބަރްގާ ތޫރް ދާލް އަކީ ކަރްނާޓަކާގެ ކަލަބުރާގީ ސަރަހައްދުގައި އާންމުކޮށް ހައްދާ، ރަހަޔާއި ފެންވަރުގެ ގޮތުން ހާއްސަ ސިފަތަކެއް އެކުލެވޭ ބާވަތެކެވެ. މި ބާވަތަށް 2019 ވަނަ އަހަރު ވަނީ ޖީއައި ރަޖިސްޓްރޭޝަން ލިބިފައެވެ. ކަރްނާޓަކާއަކީ އިންޑިއާގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ސްޓޭޓަށް ވާއިރު، މުގުގެ ބާވަތްތަކަކީ އެ ސްޓޭޓުގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ޚާއްސަކޮށް ކަލަބުރާގީ ސަރަހައްދަކީ މުގު ހެއްދުމުގައި އެ ސްޓޭޓުގެ އެންމެ މުހިންމު އެއް މަރުކަޒެވެ.

އަޕޭޑާގެ ޗެއާމަން އަބީޝެކް ދޭވް ވިދާޅުވި ގޮތުގައި، ރާއްޖެއަށް މި ފެށި އެކްސްޕޯޓުގެ ސަބަބުން އިންޑިއާގެ ޖީއައި ޓެގް ލިބިފައިވާ އުފެއްދުންތަކަށް ބައިނަލްއަގުވާމީ މާކެޓުގައި އޮންނަ މަގުބޫލުކަން އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކަރްނާޓަކާގެ ދަނޑުވެރިންނަށް ރާއްޖެއަށް ގަވާއިދުން މުގު އެކްސްޕޯޓުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވެއެވެ.

މި މަސައްކަތަކީ އަޕޭޑާއިން އިސްނަގައިގެން، ޖީއައި ޓެގް ލިބިފައިވާ އުފެއްދުންތަކާއި އެހެނިހެން ދަނޑުވެރިކަމުގެ ބާވަތްތައް ބޭރު ގައުމުތަކަށް ފޮނުވުން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްގެ ބައެކެވެ. މި ޕްރޮގްރާމްގެ ދަށުން، ވަކި ސަރަހައްދުތަކަށް ޚާއްސަ ދަނޑުވެރިކަމުގެ ބާވަތްތައް ބައިނަލްއަގުވާމީ ވިޔަފާރީގެ ތެރެއިން ކުރިއެރުވުމަށް އަމާޒު ހިފާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

comment ކޮމެންޓް