މި ސަރުކާރުގައި ގައުމަށް ލިބޭ ކުރިއެރުމާއި ކާމިޔާބީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހަޖަމުނުވެގެން އުޅުއްވާ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މިއަދު، ޔާމީނަށް ރައްދުދެއްވައިފިއެވެ.
ފަލާހު މިފަދައިން ވިދާޅުވީ، އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓަކާއި މެރީނާ މަޝްރޫއެއް ރަސްމާލޭގައި ތަރައްގީކުރުމަށް ވި އެއްބަސްވުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފު އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން ދެން އަންނަ ސަރުކާރަކުން ބަލައިގަންނަން ނުޖެހޭނެ ކަމަށް ރޭ ޔާމީން ވިދާޅުވުމުންނެވެ.
އެ ވާހަކައަށް ރައްދުދެއްވަމުން ފަލާހު އެކްސްގައި ލިޔުއްވާފައި ވަނީ، ކުރިން ޔާމީން ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށާއި ބޭކާރު ޚަރަދެއް ކަމަށެވެ.
އެކަމަކު، ރާއްޖޭގައި ދުވަހަކު ވެސް ހިންގާފައިނުވާ ފަދަ ބިޔަ މަޝްރޫއެއް ފަށަން ނިންމާފައިވާތީ، ޔާމީނަށް އަވަހާރަފުޅުލައްޕަވަން ދަތިވެގެން މިހާރު އުޅުއްވާ ކަަމަށް ފަލާޙު ވިދާޅުވިއެވެ.
ފަލާހު: އޭނާ ވަނީ ޔާމީނަށް ރައްދުދެއްވާފައި -- ފޮޓޯ/ މަޖިލިސް"ތި ކަހަލަ ޤަޢުމުގެ ޚަޒާނާ ކާލައިގެންހުރި މީހަކަށް ދެން ވެރިކަމުގެ ވަސް ވެސް ދުވާ ހިސާބަކަށް ނާދެވޭނެ. އިންޝާﷲ އަދި ތި ރާވާ ނުބައި އެއްވެސް ރޭވުމެއް ކާމިޔާބެއްނުވާނެ. އަމިއްލައަށް ވެރިކަންކުރިގޮތް ހަނދާންކޮށްލާފަ ކަރުދާސްކޮޅެއްގައި ރައީސްގެ ނަންޖަހާލައިގެން ބޯދަށަށް ލައިގެން ނިދާލާ،" ފަލާހު ލިޔުއްވާފައިވެއެވެ.
މީގެއިތުރުން، ޔާމީން އުޅުއްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގައުމަށް ލިބޭ ކުރިއެރުމާއި ކާމިޔާބީ އެއްގޮތަކަށް ވެސް "ހަޖަމުނުވެން" ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ.
ޔާމީނަށް ފަލާހު ރައްދުދެއްވިއިރު، އޭނާއަކީ ކުރިން ޔާމީންގެ އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެކަމަކު، ޔާމީންގެ ތާއިދާއެކު ވެރިކަމަށް އައި ރައީސް މުއިއްޒުގެ ސަރުކާރު ފެށުނުތާ ދުވަސްކޮޅެއްނުވެ، ގުޅުން ވަނީ ގޯސްވެފައެވެ. އެ ގުޅުމާއެކު، ޔާމީން ޕީޕީއެމުން ވަކިވެޑައިގެން އާ ޕާޓީއެއް އުފެއްދެވިއެވެ. އެއަށް ފަހު، ސަރުކާރުގެ އެކި ކަންކަމަށް ޔާމީން އަންނަނީ ފާޑުވިދާޅުވަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށާއި، 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ނަމަވެސް، އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މަޝްރޫއާ ގުޅުންހުރި އީގަލް ހިލްސް ކުންފުންޏަކީ އަބޫދާބީގެ ލުލު އައިލެންޑާއި، އަލްބޭނިއާގެ 2.5 ބިލިއަން ޑޮލަރުގެ މެރީނާ އަދި ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއު ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް މިހާރުވެސް ތަރައްގީކުރަމުން އަންނަ ފަރާތެކެވެ.