ކުޑަކުދިންނަށް ޖެހޭ ޓައިފޮއިޑް ހުން: އަލާމާތްތަކާއި، ސަބަބުތައް އަދި ރައްކާތެރިވުމުގެ ފިޔަވަޅުތައް

ކުޑަކުދިން ހުންއައުމަކީ އާންމު އިންފެކްޝަނެއްގެ ގޮތުގައި ބަލައި ގިނަފަހަރަށް ފަރުވާކުޑަކޮށްލެވޭ ކަމެކެވެ. ނަމަވެސް، ހުން ނުފިލައި ގިނަދުވަސްވުމާއެކު ބަނޑުގައި ރިއްސުމާއި، ވަރުބަލިވުމުގެ އިތުރުން ބަނޑުހަރުވުން ފަދަ ކަންކަން ދިމާވާނަމަ، ބެލެނިވެރިން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

އިންޑޮނޭޝިއާގެ އީއެމްސީ ގްރަހާ ކެޑޯޔާ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ. ބަރްތާ ސޮއެގިއާޓޯ ފާހަގަކުރައްވާ ގޮތުގައި މިފަދަ ޙާލަތްތަކުގައި ޝައްކުކުރަންޖެހޭ އެއް ބައްޔަކީ ޓައިފޮއިޑް ހުން (ނުވަތަ ޓައިފަސް)އެވެ.

ޓައިފޮއިޑް ހުން ޖެހެނީ "ސަލްމޮނެއްލާ ޓައިފީ" ކިޔާ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. އޭޝިއާގެ ވަރަށް ގިނަ ޤައުމުތަކުގައި އަދިވެސް އާންމު މި ބައްޔަކީ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށްވެސް ޖެހޭ ބައްޔެކެވެ. ޑރ. ބަރްތާ ބަޔާންކުރައްވާ ގޮތުގައި މި ބަލި ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ޖަރާސީމު އެކުލެވޭ ނުސާފު ކާބޯތަކެތި ބޭނުންކުރުމެވެ.

ހަށިގަނޑަށް ބެކްޓީރިއާ އެތެރެވުމަށްފަހު އޭގެ އަދަދު އިތުރުވެ، އެކި ކަހަލަ އުނދަގޫތައް ކުރިމަތިވާން ފަށައެވެ. ކުޑަކުދިންގެ ފަރާތުން ފެންނަ އަލާމާތްތައް ތަފާތުވުން އެކަށީގެންވާއިރު، އޭގެ ތެރޭގައި ހުންއައުމާއި، ވަރުދެރަވުމުގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމަށް މައްސަލަތައް ދިމާވުން ހިމެނެއެވެ. މި އަލާމާތްތަކަކީ އެހެން އާންމު ބަލިތަކާވެސް އެއްގޮތް އަލާމާތްތަކަކަށް ވާތީ، ސީދާ ބަލި ދެނެގަނެ ރަނގަޅު ފަރުވާ ދިނުމަށްޓަކައި ލެބޯޓްރީ ތަހުލީލުތައް ހެދުން މުހިންމު ކަމަށް ޑޮކްޓަރު އިރުޝާދު ދެއްވައެވެ.

ނުދޮވެ ހުންނަ އަތުން ކާބޯތަކެތީގައި އަތްލުމުންނާއި، ޖަރާސީމު ހުރި ފެން ބޭނުންކުރުމުން ނުވަތަ ކާބޯތަކެތި ރައްކާތެރިނޫން ގޮތުގައި ބެހެއްޓުމުން އޭގައި ހުންނަ ޖަރާސީމުތައް ފަސޭހައިން ފެތުރެން މަގުފަހިކޮށްދޭ--ފޮޓޯ/ޕިންޓްރެސްޓް

މި ބަލީގެ އެންމެ މައިގަނޑު އަލާމާތަކީ ގިނަ ދުވަސްތަކަކަށް ހުން ނުފިލައި ހުރުމެވެ. ނަމަވެސް މިއީ ހަމައެކަނި ހަށިގަނޑު ހޫނުވުން ނޫންކަން ޑރ. ބަރްތާ ފާހަގަކުރައްވައެވެ. މީގެ އިތުރުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ގިނަ ދުވަހަށް ދެމިގެންދާ ގަދަ ހުން، މާބޮޑަށް ވަރުބަލިވެ ކަންނެތްވުން، ބޮލުގައި ރިއްސުމާއި ބަނޑުގައި ރިއްސުން، މޭނުބައިކުރުމާއި ހޮޑުލެވުން، ކާހިތްނުވުން، ބަނޑުހިންގުން ނުވަތަ ބަނޑުހަރުވުން އަދި ބައެއް ހާލަތްތަކުގައި ކެއްސުން ހިމެނެއެވެ.

ހުރިހާ ކުދިންގެ ފަރާތުން އެއް އަލާމާތްތަކެއް ނުފެނިދާނެތީ، ކުއްޖާގެ ބަލިހާލަތު ބަދަލުވަމުންދާ ގޮތަށް ބެލެނިވެރިން ފަރުވާތެރިކަމާއެކު ބެލުމަކީ މުހިންމު ކަމެއް ކަމަށް ޑރ. ބަރްތާ އިރުޝާދު ދެއްވައެވެ.

ސާފުތާހިރުކަން ކުޑަ އަދި ރައްކާތެރި ބޯފެން ލިބުން ދަތި ސަރަހައްދުތަކުގައި އުޅޭ ނުވަތަ އެފަދަ ތަންތަނަށް ދަތުރުކުރާ ކުދިންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ހަމައެއާއެކު، ސާފުތާހިރުކަން ކަށަވަރުނުވާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކާބޯތަކެތި ބޭނުންކުރުމާއި، ކެއުމުގެ ކުރިން ރަނގަޅަށް އަތްނުދޮވުމަކީވެސް މި ބެކްޓީރިއާ ހަށިގަނޑަށް ވާސިލުވުމަށް މަގުފަހިވާ މައިގަނޑު ސަބަބުތަކެވެ.

ޓައިފޮއިޑް ހުން އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ބޮޑުކަމުދާ ތަކެތީގައި ހުންނަ ޖަރާސީމު، ނުސާފު ކާބޯތަކެއްޗާއި ފެނުގެ ޒަރީއާއިން އެހެން މީހެއްގެ ހަށިގަނޑަށް ދިއުމުންނެވެ.

މިފަދަ ތަޣައްޔަރުވުމެއް މެދުވެރިވަނީ ނުދޮވެ ހުންނަ އަތުން ކާބޯތަކެތީގައި އަތްލުމުންނާއި، ޖަރާސީމު ހުރި ފެން ބޭނުންކުރުމުން ނުވަތަ ކާބޯތަކެތި ރައްކާތެރިނޫން ގޮތުގައި ބެހެއްޓުމުންނެވެ. އެހެންކަމުން، އަތްދޮވުމާއި، ކާބޯތަކެއްޗާއި ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ހިފެހެއްޓުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅެވެ.

ޓައިފޮއިޑަކީ އެކަށީގެންވާ ފަރުވާދެވިއްޖެނަމަ ފަސޭހަވާ ބައްޔެއް ކަމުން ބަލީގެ ސަބަބުން ދިމާވެދާނެ އިތުރު ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ކުރީކޮޅުގައި ބަލި ދެނެގަނެ ފަރުވާ ފެށުން މުހިންމު--ފޮޓޯ/ޕިންޓްރެސްޓް

ކުއްޖާ ހުން ގަދަވެ ހުން ނުފިލައި ގިނަދުވަސްވާނަމަ، އަދި ވަރުދެރަވުމާއި، ތަކުރާރުކޮށް ހޮޑުލެވުމާއި، ބަނޑުގައި ރިއްސުމާއި، ކާންބޯން ދެކޮޅުހެދުން ފަދަ އަލާމާތްތައް ފެންނަނަމަ ވަގުތުން ޑޮކްޓަރަށް ދައްކަންވާނެއެވެ.

ޚާއްޞަކޮށް ކުއްޖާ މާބޮޑަށް ވާންނުވުމާއި، ހޭލައްވަން އުނދަގޫވުމާއި، ފިޓުޖެހުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ ހަށިގަނޑުން ފެންމަދުވުން (ޑީހައިޑްރޭޓްވުން) ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްނުކޮށް ކުއްލި ފަރުވާ ހޯދަންޖެހެއެވެ.

މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެފުރަތަމަ އަޅަން ފަށަންވާނީ އަމިއްލަ ގޭތެރެއިން ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. އޭގެތެރޭގައި، ކެއުމުގެ ކުރިންނާއި ފާޚާނާ ބޭނުންކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް ކުދިންނަށް އާދަކޮށްދިނުން، ކައްކައި ފިނިކޮށްފައިވާ ރައްކާތެރި ސާފު ބޯފެން ބޭނުންކުރުން، ކާބޯތަކެތި ރަނގަޅަށް ކެއްކުމާއި، ތަރުކާރީ އާއި މޭވާ ސާފު ފެނުން ދޮވެގެން ބޭނުންކުރުން، ބޭރުން ކާތަކެތި ގަންނައިރު ސާފުތާހިރުކަން ކަށަވަރުކުރުން އަދި ޑޮކްޓަރުގެ ލަފައާއެކު ކުއްޖާއަށް ޓައިފޮއިޑް ވެކްސިން ޖެހުން ހިމެނެއެވެ.

ޓައިފޮއިޑަކީ އެކަށީގެންވާ ފަރުވާދެވިއްޖެނަމަ ފަސޭހަވާ ބައްޔެކެވެ. ނަމަވެސް ބަލީގެ ސަބަބުން ދިމާވެދާނެ އިތުރު ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ކުރީކޮޅުގައި ބަލި ދެނެގަނެ ފަރުވާ ފެށުން މުހިންމެވެ. ޑޮކްޓަރެއްގެ އިރުޝާދާ ނުލައި އަމިއްލައަށް އެންޓިބަޔޮޓިކް ބޭނުންކުރުމަކީ ނުރައްކާތެރި ކަމެކެވެ.

ކުއްޖާގެ ހުން ނުފިލައި ދިގުލައިގެންދާނަމަ އަދި ހާލަތު އިތުރަށް ގޯސްވާނަމަ، ލަސްނުކުރައްވައި ވީހާވެސް އަވަހަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކަވައިގެން ލަސްނުކޮށް ފަރުވާ ހޯއްދަވާށެވެ.

comment ކޮމެންޓް