ޙަރަމްފުޅުގެ އިމާމް ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ

މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ޑރ. ޔާސިރް އައްދައުސަރީ ---

މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިކަން ރަސްމީކޮށް އިޢުލާންކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

މި ކަން އިއުލާންކުރައްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއީ ރާއްޖެއަށް އަދި ވަކިން ޚާއްސަކޮށް ޤުރުއާން ކިޔަވާ ކުދިންނާއި ޒުވާން ޚަތީބުންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ޤުރުއާން ކިޔަވާކުދިންނާއި ޒުވާން ޚަތީބުންނަށް އުފާވެރި ވާހަކައެއް މިއީ. މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމް ޑރ. ޔާސިރް އައްދައުސަރީ އިރާދަކުރެއްވިއްޔާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ،" ވަޒީރު ވިދާޅުވިއެވެ.

ޝައިޚް ޑރ. ޔާސިރް އައްދައުސަރީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައިވަނީ ޒުވާން ޚަތީބުންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެ މަހާސިންތާ އޮންނަ ދުވަހަށް އެމަނިކުފާނަށް ވަޑައިނުގެންނެވުނު ނަމަވެސް، މިހާރު ކުރިއަށްދާ އޯލެވެލް އިމްތިހާން ނިމުމުން، ދަތުރުފުޅު ކުރިއަށް ގެންދާނެ ވަކި ތާރީޚެއް ހަމަޖައްސަވާނެއެވެ.

އުމުރުފުޅުން އެންމެ 15 އަހަރުގައި ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކުރެއްވި ޑރ. ޔާސިރް އައްދައުސަރީ އުފަންވެވަޑައިގަތީ 1981 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ރިޔާޟަށެވެ. އެމަނިކުފާނު ޤުރުއާން ހިތުދަސްކުރެއްވީ ޝައިޚް ބަކްރީ ޠަރާބީޝީ އަދި ޝައިޚް އިބްރާހީމް އަލްއަޚްޟަރު ފަދަ އިސްލާމީ ދުނިޔޭގެ މަޝްހޫރު ޤާރީންނާއި އިލްމުވެރިންގެ އަރިހުންނެވެ.

އިމާމު މުޙައްމަދު ބިން ސަޢޫދު އިސްލާމިކް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމަށްފަހު، އެ ޔުނިވާސިޓީގެ ހަޔާ ޖުޑީޝަލް އިންސްޓިޓިއުޓުން އެމަނިކުފާނު ވަނީ ފިޤުހުގެ އަޅައިކިޔުމުގެ ދާއިރާ ނުވަތަ ކޮމްޕެރެޓިވް ޖުރިސްޕްރުޑެންސް ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.

ޝައިޚް ޑރ. ޔާސިރް އައްދައުސަރީއަކީ އެމަނިކުފާނުގެ ހިތްގައިމު އަދި އަސަރުގަދަ ގުރުއާން ކިޔެވުމުގެ ޚާއްސަ ހުނަރާއި، އިމާމުވެ ނަމާދުކުރެއްވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގްބޫލުކަމަކާއި ލޯތްބެއް ހޯއްދަވާފައިވާ މަޝްހޫރު ޝަޚްސިއްޔަތެކެވެ.

comment ކޮމެންޓް