ބޮޑެތި ވަޅުގަނޑުތައް ހެދި ވަރަށް ބޮޑަށް ގެއްލުންވެފައިވާ، އައްޑޫ ސިޓީގެ ލިންކް ރޯޑް ހަދައި، ފުޅާ ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
އައްޑޫ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން އެއްގަމު މަގުން ގުޅާލާ ލިންކް ރޯޑް އަލުން ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ.
އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބާއި ރޯޓައިމް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގްއެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން، ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް ދެ ލޭނުން ހަތަރު ލޭނަށް ފުޅާކޮށް، އެ މަގުގެ 12.3 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރާނެއެވެ.
ރާއްޖޭގައި މަޝްރޫއުތައް ހިންގުމަށް މީގެ ކުރިން ވެސް ރޯޓައިމް އިންޖިނިއަރިންއާ މަސައްކަތްތައް ހަވާލުކޮށްފައިވެއެވެ. އެގޮތުން، ހުޅުމާލޭގެ މަގުތަައް ހެދުމުގެ މަސައްކަތް ވެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެ ކުންފުންޏާ ހަވާލުކުރިއެވެ.
އައްޑޫގެ ލިންކް ރޯޑަކީ އެ ސިޓީގެ ގިނަ ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ މަގެކެވެ. ނަމަވެސް އެ މަގުގެ އެކި ސަރަހައްދުތަކުގައި ހެދިފައިވާ ބޮޑެތި ވަޅުގަނޑުތަކުގެ ސަބަބުން ދުއްވާ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް އަންނަނީ ލިބެމުންނެވެ. އޭގެ ސަބަބުން ދުއްވާ މީހުންނަށް އަނިޔާތައް ލިބުމުގެ އިތުރުން، ވިޔަފާރި މުދާ އުފުލުމުގައި ދިމާވާ ލަސްތަކުގެ ސަބަބުން މުޅި ސިޓީގެ އިގްތިޞާދަށް ނޭދެވޭ އަސަރުތައް ކުރެއެވެ.
ލިންކް ރޯޑް މަރާމާތުކުރުމުގެ މަޝްރޫޢުތައް އެކި ފަހަރު މަތިން އިއުލާނު ކުރި ނަމަވެސް، އަމަލީ ގޮތުން ދާއިމީ ހައްލެއް ލިބޭނެ މަސައްކަތެއް ދިގު މުއްދަތުގައި ކޮށްފައިނުވެއެވެ.
މީގެ އިތުރުން، މި މަސްތެރޭގައި ކުރި ވިއްސާރައިގައި ފެންބޮޑުވެ، އައްޑޫ ލިންކް ރޯޑުގެ ހާލަތު ގޯސްވެފައިވާތީ ކޮންމެހެން ދަތުރުކުރަންޖެހިގެން ނޫން ގޮތަށް އެ މަގު ބޭނުން ނުކުރުމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކުރިއެވެ.