އިންޑިއާއިން ރާއްޖެއަށް ދޭ 507 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއަށް އަމަލުކުރަން ފަށައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު ރައީސް މުއިއްޒު:-- ފޮޓޯ/ ރޮއިޓާސް

އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖެއަށް ދޭ 48.50 ބިލިއަން ރުޕީސް (506.58 މިލިއަން ޑޮލަރު) ގެ ކްރެޑިޓް ލައިންއަށް މިދިޔަ މަހުގެ 27އިން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ބުނެފިއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާރްބީއައި އިން ނެރުނު ސާކިއުލާއެއްގައި ބުނީ މި ފެސިލިޓީގެ ދަށުން ފައިސާ ދޫކުރާނީ ވަކިވަކި މަޝްރޫއުތަކަށް ހަދާ އެއްބަސްވުންތަކެއްގެ ތެރެއިންނެވެ. އަދި ކޮންމެ އެއްބަސްވުމެއްގެ އަގު މަދުވެގެން ފަސް ބިލިއަން ރުޕީސްއަށް އަރަންޖެހޭނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ މުދަލާއި ހިދުމަތުގެ މަދުވެގެން 75 އިންސައްތަ ހޯދަން ޖެހޭނީ އިންޑިއާގެ ކުންފުނިތަކުންނެވެ. ބާކީ 25 އިންސައްތަ އެހެން ގައުމުތަކުން ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން، އެކްސްޕޯޓުކުރުމުގައި އޭޖެންސީތަކަށް ދޭންޖެހޭ ކޮމިޝަން ދިނުމަށް މި ކްރެޑިޓް ލައިންގެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށާއި، އެކަމަށް ފައިސާ ހަމަޖައްސަން ޖެހޭނީ އެކްސްޕޯޓަރުން އަމިއްލައަށް ކަމަށް އާރްބީއައި އިން ބުނެފައިވެއެވެ.

https://www.sun.mv/227670

މި ކްރެޑިޓް ލައިންއަކީ ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމަށްޓަކައި އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް (އެގްޒިމް ބޭންކް) މެދުވެރިކޮށް ދިނުމަށް މިދިޔަ އަހަރުގެ ޖުލައިގައި އިންޑިއާއިން އެއްބަސްވެފައިވާ ފެސިލިޓީއެކެވެ.

މި ފެސިލިޓީއަށް އަމަލުކުރަން ފަށާފައިވާއިރު، ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކާފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލްގެ ފަހު ޕޭމަންޓް މިދިޔަ ހަފުތާގައި ދައްކައި ހަލާސްކޮށްފައެވެ. މިއީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މި ޓީ-ބިލްގެ ފައިސާ ދައްކާފައިވަނީ ތިން ފަހަރެއްގެ މަތިންނެވެ. އެގޮތުން ފުރަތަމަ 50 މިލިއަން ޑޮލަރު ޖެނުއަރީ 2024 ގައި ދައްކާފައިވާއިރު، ދެވަނަ 50 މިލިއަން ޑޮލަރު ދައްކާފައިވަނީ މިދިޔަ މެއި މަހު ގައެވެ. އަދި ފަހު 50 މިލިއަން ޑޮލަރު މި މަހުގެ 17 ގައި ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިންނެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނި ގޮތުގައި، މި ޓީ ބިލްގެ އިންޓަރެސްޓުގެ ގޮތުގައި އަރާ 45 މިލިއަން ޑޮލަރު ދައްކާފައިވަނީ އިންޑިއާ ސަރުކާރުންނެވެ. މި ފައިސާ ދައްކާފައިވަނީ ފަސް އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.

comment ކޮމެންޓް