ވެރިކަންކުރާ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މުސްތަގުބަލު އޮތީ ކޮން މިސްރާބަކަށްކަން މިހާރު ވަނީ ސާފުކޮށްދީފައެވެ. ސަން އޮންލައިންގެ އެޑިޓަރުންގެ ވަށްމޭޒު ޕްރޮގްރާމުގައި މި ހަފުތާގައި އެންމެ ބޮޑަށް އަލިއަޅުވާލީ، ދާދި ފަހުން ޕީއެންސީން ބޭއްވި ކޮންގްރެސްގައި ނުސީދާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިން ވަރުގަދަ ސިޔާސީ މެސެޖުގެ މައްޗަށެވެ. އެޑިޓަރުން ފާހަގަކުރި ގޮތުގައި، މި ކޮންގްރެސްއަކީ ހަމައެކަނި ޕާޓީގެ އެތެރޭގެ އިންތިހާބުތަކާއި މަގާމުތައް ހަމަޖެއްސުމަށް ބޭއްވި އާދައިގެ ބައްދަލުވުމެއް ނޫނެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ބާރުވެރިކަން ދައްކާލައި، ޕާޓީގެ ތެރެއިން އެހެން ފަރާތަކަށް ޖާގަ ނެތްކަން ސާބިތުކޮށްދިން މުހިންމު ހަރަކާތެކެވެ. ޕާޓީގެ އެތެރޭގެ ކޮންޓްރޯލް އޮތީ ކޮން ބައެއްގެ އަތުގައިކަން މި ކޮންގްރެސްއިން ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެއެވެ.
ފަހަކަށް އައިސް ރައީސް ޔާމީން ގެންދަވަނީ، ރައީސް މުއިއްޒާއެކު ދެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން އާންމުންނަށް ވިސްނައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ޕީއެންސީގެ އާންމު މެންބަރުންނަކީ އެމަނިކުފާނުގެ ސަޕޯޓަރުން ކަމަށް ވިދާޅުވެ، ޕާޓީގެ ތެރެއިން ތާއީދު ހޯއްދެވުމަށް އެމަނިކުފާނު ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ޕީއެންސީން މިދިޔަ ހަފުތާގައި ބޭއްވި ކޮންގްރެސްގައި 1،119 މަންދޫބުން ބައިވެރިވެ، ޕާޓީގެ އެއްބައިވަންތަކަން ވަނީ ވަރަށް ސާފުކޮށް ދައްކާލާފައެވެ.
އެޑިޓަރުން ފާހަގަ ގޮތުގައި، ހާހަކަށްވުރެ ގިނަ މީހުންނާއެކު ބޭއްވި މި ބޮޑު އެއްވުމަކީ، ޔާމީންގެ ވާހަކަތަކަށް ޕީއެންސީން ދިން އަމަލީ ރައްދެކެވެ. މި ކޮންގްރެސްގެ ތެރެއިން ޔާމީނަށް އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައިވާއިރު، މިއީ ޕާޓީގެ ބިންގާ އޮތީ ރައީސް މުއިއްޒާއެކުކަން ސާބިތުކޮށްދިން މަންޒަރެއް ކަމަށް ޕްރޮގްރާމުގައި ފާހަގަކުރިއެވެ. ޕާޓީގެ ގްރާސްރޫޓް އޮތީ ޔާމީނާއެކު ކަމަށް ބުނެ ދައްކަމުންދިޔަ ވާހަކަތަކަށް މި ކޮންގްރެސްއިން ވަނީ ނިމުމެއް ގެންނަން މަސައްކަތް ކޮށްފައެވެ.
މި ކޮންގްރެސްގެ އެންމެ މުހިންމު އެއް ނިންމުމަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު ކަމަށް ކަނޑައަޅައި، ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް އެރުވުމެވެ. މަންދޫބުންގެ ފަރާތުން އަބްދުﷲ އިބްރާހީމް ހުށަހެޅުއްވި މި ގަރާރު، ކޮންގްރެސްގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުން ފާސްކުރުމަކީ، އެޑިޓަރުން ސިފަކުރި ގޮތުގައި، ޔާމީނަށް ކުރިމަތިކުރުވި ސިޔާސީ "ބްލޮކޭޑެ"ކެވެ. ޕީއެންސީގެ މި ގޭމަކީ އެ ޕާޓީގެ ތެރެއިން ޔާމީނަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ދެއްކުމެވެ. ކުރިއާލައި ޓިކެޓް ކަށަވަރުކުރުމުން، ޕާޓީގެ އެތެރޭގެ ލީޑާޝިޕަށް އަތްގަދަކުރުމަށް އެހެން ފަރާތްތަކަށް އޮތް މަގުތައް ބަންދުވާނެއެވެ. މިއީ ޕާޓީގެ އެތެރޭގެ ކޯޅުންތައް ހުއްޓުވައި، ސީދާ އެއް އަމާޒަކަށް މިސްރާބު ހިފުމަށް އެޅި ވަރަށް ސްޓްރެޓީޖިކް ފިޔަވަޅެއް ކަމަށް އެޑިޓަރުންގެ ވަށްމޭޒުގައި ބައިވެރިވި އެޑިޓަރުން ފާހަގަކުރިއެވެ. މި ނިންމުމާއެކު، ޕާޓީގެ އެތެރޭގައި އިތުރު ފެކްޝަނެއް އުފެދުމުގެ ފުރުސަތު ވަނީ ހަނިކޮށްފައެވެ.
މި ނިންމުމުގެ ސިޔާސީ މުހިންމުކަން ގުޅިފައިވަނީ ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީހާއެވެ. ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނާކާމިޔާބުވި މައިގަނޑު އެއް ސަބަބަކީ، އިންތިހާބަށް ދެތިން މަހަށް ވެފައި ވަނިކޮށް އެމްޑީޕީގެ ތެރޭގައި އުފެދުނު ބޮޑު ބައިބައިވުމެވެ. އެޑިޓަރުން ފާހަގަކުރި ގޮތުގައި، ރައީސް މުއިއްޒު 2028 ގެ ރިޔާސީ ޓިކެޓް ކުރިއާލައި މި ޔަގީންކުރެއްވީ، އެފަދަ ފުރުސަތެއް ޕީއެންސީގެ ތެރެއިން އިންތިހާބާ ގާތްކޮށްފައި ނުދެއްވުމަށެވެ. ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކީ ގިނަ ފަހަރަށް ޕާޓީ ދެކަފިވެ، ވާދަވެރިކަން އުފެދޭ ކަމަކަށް ވާއިރު، އެ މަރުހަލާ ކަނޑާލުމުން 2028 ގެ ކެމްޕެއިނަށް ޕާޓީ އޮންނާނީ އެއްބައިވަންތަކަމާއެކު ތައްޔާރަށެވެ. މި ފިޔަވަޅާއެކު، ޕީއެންސީން މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ސަފުތައް ރުކުރުވާލައި، އެތެރޭގެ ހަމަނުޖެހުންތަކަށް ޖާގަ ނުދޭނެކަން އަމަލީ ގޮތުން ސާބިތުކޮށްދޭން މަސައްކަތް ފަށައިފައެވެ. މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ، ޕީއެންސީގެ މި ވަރުގަދަ ނިންމުމާއެކު، ރައީސް ޔާމީން ދެން އަޅުއްވާނެ ސިޔާސީ ފިޔަވަޅަކީ ކޮބައިތޯއެވެ.