ސައުދީ އަރަބިއްޔާއަކީ ހަމައެކަނި ތަރައްގީގެ އެހީދޭ ގައުމެއްގެ ގޮތުގައި ނުބަލައި، އިންވެސްޓްމަންޓާއި ވިޔަފާރީގެ ދާއިރާއިން ދެގައުމުގެ އިގްތިސާދީ ބައިވެރިވުން އިތުރަށް ފުޅާކުރުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އިންތިޒާމުކޮށްގެން ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާގައި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ޙަސަން އަލް ޤަހްތާނީ އަދި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ސަފީރު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްގީއަށް ސައުދީ ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައޫދަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، ސައުދީގެ އިންވެސްޓްމަންޓްތަކަށް ރާއްޖެއިން ފުރިހަމައަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސައުދީ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ހަރުދަނާ ސިޔާސަތުތައް އެކަށައަޅަމުންދާ ކަމަށެވެ. އަދި ފަތުރުވެރިކަމާއި، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ބޯހިޔާވަހިކަމާއި، ސިއްހީ ދާއިރާއާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ލޮޖިސްޓިކްސް ދާއިރާއިން އިންވެސްޓް ކުރުމުގެ ބޮޑެތި ފުރުސަތުތަކެއް ރާއްޖޭގައި އެބަހުރި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ ތަރައްގީގެ އެކި ދާއިރާތަކަށް ލިބެމުންދާ އެހީތަކަށާއި، ކިންގ ސަލްމާން މިސްކިތް ފަދަ ދެގައުމުގެ ރަމްޒީ ބިނާތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ސަލާމަތީ ދާއިރާއިން ދާދިފަހުން ސޮއިކުރެވުނު މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ޗާޓަރާއި، ރިޔާޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެކްސްޕޯ 2030" ގައި ރާއްޖެއިން ބައިވެރިވުމަކީ ދެގައުމުގެ ޒަމާންވީ ބައިވެރިވުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.