ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ފަލަސްތީނުގެ ފުޓްބޯޅަ މެޗުތައް އަލުން ފަށައިފި

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ފަލަސްތީނުގެ ފުޓްބޯޅަ އަލުން ފެށުމުގެތެރެއިން: ފޮޓޯ/ ޑެއިލީ ސަބަހް

ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައިތުލަހަމްގައި ހުންނަ އަލް-ޚަދިރު ސްޓޭޑިއަމްގައި ފަލަސްތީނުގެ ފުޓްބޯޅަ މެޗުތައް އަލުން ފަށައިފިއެވެ.

މިއީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައާއި ހުޅަނގު އައްސޭރިއަށް ދެމުން ދިޔަ ހަމަލާތަކާ ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު، ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ކްލަބްތަކުން ކުޅުނު ފުރަތަމަ ރަސްމީ މުބާރާތެވެ.

މި މެޗުތައް ކުރިއަށް ދަނީ 'ތައުޒަންޑް މާޓިއާސް ކަޕް' ގެ ނަމުގައެވެ. މި މުބާރާތް ނިސްބަތްކޮށްފައި ވަނީ އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި 1،014 ކުޅިވަރު އެތުލީޓުންނަށެވެ.

މީގެތެރޭގައި ޣައްޒާގައި އެހީ ހޯދަން މަޑުކޮށްގެން ހުއްޓައި ޝަހީދުވި ގައުމީ ޓީމުގެ ފޯވާޑް ސުލައިމާން އަލް-އުބައިދު އަދި 2024 ވަނަ އަހަރު ޝަހީދުވި އޮލިމްޕިކް ޓީމުގެ ކޯޗު ހާނީ އަލް-މަސްދަރު ހިމެނެއެވެ.

ފަލަސްތީނިއަން ފުޓްބޯލް އެސޯސިއޭޝަން (ޕީއެފްއޭ) ގެ ސެކްރެޓަރީ ޖެނެރަލް ފިރާސް އަބޫ ހިލާލް ވިދާޅުވީ، ފަލްސްތީނުގެ އެތުލީޓުން އެނބުރި މައިދާނަށް މިއައީ މުޅި ދުނިޔެއަށް އެމީހުންނަކީ ވެސް ދިރިއުޅެން ޖެހޭ ބައެއްކަން ސާބިތުކޮށްދިނުމަށް ކަމަށެވެ. އަދި އިޒްރޭލުގެ ޗެކްޕޮއިންޓްތަކާއި ދަތުރުފަތުރުގެ ދަތިތަކުގެ ސަބަބުން ކުޅުންތެރިންނަށް އެތައް ހުރަސްތަކެއް ކުރިމަތިވި ނަމަވެސް އަދި މެޗުތައް ފަސްކުރަން ޖެހުނަސް ކެންސަލް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެފްއޭއިން މައުލޫމާތު ދޭ ގޮތުގައި ޣައްޒާގެ ސްޓޭޑިއަމްތަކުގެ 90 އިންސައްތަ ވަނީ ހަލާކުވެފައެވެ. އަދި އޮކްޓޫބަރު 2023 ގެ ފަހުން 265 އަށްވުރެ ގިނަ ކުޅިވަރު ވަސީލަތްތަކަށް ވަނީ ގެއްލުންދީފައެވެ.

ނަމަވެސް މިހާރު ހުޅަނގު އައްސޭރިއާއި ޣައްޒާ އަދި ލުބުނާނުގައި ހުރި ރެފިއުޖީ ކޭމްޕުތަކުގައި 200 އަށް ވުރެ ގިނަ ކްލަބުން ދަނީ ކުޅުން ކުރިއަށް ގެންދަމުންނެވެ.

މާލީ ދަތިތަކާއި ސަލާމަތީ ނުރައްކާތަކާ އެކުވެސް، ޒުވާން ކުޅުންތެރިން ދަނީ އުންމީދާއެކު ކުޅިވަރުގެ ތެރޭގައި ދެމިތިބުމަށް މަސައްކަތް ކުރަމުންނެވެ.

ބައިތު ޖާލާ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ސީޒާރު ސައްރާސް ބުނި ގޮތުގައި، އޭނާ ހުވަފެންތަކުގައި ދިރިއުޅުމަކީ އުންމީދު ގެނެސްދޭ ކަމެކެވެ. އަދި އެމީހުންނަކީ ހަމައެކަނި އަދަދެއް ނޫންކަމަށާއި ވުޖޫދުގައި އެބަތިބިން ކަަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް