ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހްމާނާ އެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ބަނގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. ހަލީލުއްރަހްމާނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ބަނގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް އެ މަނިކުފާނު މަރުހަބާއާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދޭދޭ މަސްލަހަތު ހިމެނޭ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަރިސްކުރެއްވި ތަހުނިޔާއާއި ހެޔޮއެދުންތަކަށް ބަނގްލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހްމާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އދ. އާއި އެހެނިހެން ބައިނަލްއަގްވާމީ މަންސަތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދޭދޭ މަސްލަހަތު ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖެއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ބަންގްލަދޭޝް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވިއެވެ.