ބީއެމްޑަބްލިއު ކުންފުނިން އަންނަ އަހަރު ނެރޭ "ބީއެމްޑަބްލިއު އައި7 ކާރު"، "މޯލްޑިވްސް ބްލޫ" ކުލައިގައި ދައްކާލައިފިއެވެ.
މި ކުލައަކީ ރާއްޖޭގެ ނޫ ކުލައިގެ މޫދާއި ގޮނޑުދޮށްތަކުން ހިޔާލު ހޯދައިގެން އުފައްދާފައިވާ ކުލައެކެވެ.
ބީއެމްޑަބްލިއުބްލޮގް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބީއެމްޑަބްލިއު އިންޑިވިޖުއަލް ކަސްޓަމައިޒޭޝަން ޕްރޮގްރާމްގެ ދަށުން ތައްޔާރުކޮށްފައިވާ މި ކާރުގެ އެތެރޭގައި ބޭނުންކޮށްފައިވަނީ "ސްމޯކް ވައިޓް" ކުލައިގެ ބީއެމްޑަބްލިއު އިންޑިވިޖުއަލް މެރީނޯ ލެދާ އެވެ. މީގެ ސަބަބުން ކާރުގެ ބޭރުގެ ނޫ ކުލައާއި އެތެރޭގެ ހުދު ކުލަ ގުޅިގެންދެއެވެ. މީގެ އިތުރުން، 22 އިންޗީގެ ވީ-ސްޕޯކް 1099 އައި އެރޯޑައިނަމިކް ފުރޮޅާއި، ކަޅު ކުލައިގެ ޑީޓެއިލްތައް ހިމެނޭ އެމް ސްޕޯޓް ޕްރޯ ޕެކޭޖް މި ކާރުގައި ހިމެނެއެވެ.
ބީއެމްޑަބްލިއުގެ އާ ކާރު "މޯލްޑިވްސް ބްލޫ" ކުލައިގައިޖަރުމަނުވިލާތުގެ ކަސްޓަމަރުންނަށް ބީއެމްޑަބްލިއު އިންޑިވިޖުއަލް ކުލައެއްގެ ގޮތުގައި "މޯލްޑިވްސް ބްލޫ" ހިޔާރުކުރެވޭނީ އިތުރު 6،900 ޔޫރޯ ދައްކައިގެންނެވެ.
އޮޓޯމޯޓިވް މަޖައްލާއެއް ކަމަށްވާ ބިމަޓުޑޭ އިން ސިފަކޮށްފައިވާ ގޮތުގައި މިއީ ރާއްޖޭގެ ވަށައިގެންވާ މޫދު ހަނދާންކޮށްދޭ މަޑު ނޫ ކުލައެކެވެ.
ނަމަވެސް، މިއީ ސީދާ ރާއްޖެއަށް ހާއްސަކޮށްގެން ނެރެފައިވާ މޮޑެލްއެއް ނޫން ކަމަށާއި، އަދި ރާއްޖޭގައި މި ކާރު ވިއްކާފައިވާ ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. ބީއެމްޑަބްލިއު ގްރޫޕް މިޑްލް އީސްޓުން މީގެ ކުރިން ވެސް ވަނީ "7 ސީރީޒް" އަދި "އެކްސް7" މޮޑެލްތަކުގައި މި ކުލަ ބޭނުންކޮށްފައެވެ.
ބީއެމްޑަބްލިއުގެ އާ ކާރު "މޯލްޑިވްސް ބްލޫ" ކުލައިގައިރޫމޭނިއާގައި ފޮޓޯ ނަގާފައިވާ މި ކާރަކީ ބީއެމްޑަބްލިއު "އައި7 60 އެކްސްޑްރައިވް" މޮޑެލްއެވެ. ބީއެމްޑަބްލިއުބްލޮގް އިން ބުނެފައިވާ ގޮތުގައި، އެންމެ ފަހުގެ ބެޓެރީ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ މި ކާރަށް ފުލް ޗާޖެއްގައި 728 ކިލޯމީޓަރަށް ދަތުރުކުރެވެއެވެ.
ދެ އިލެކްޓްރިކް މޯޓަރުގެ އެހީގައި ދުއްވާ މި ކާރުން 536 ހޯސްޕަވާ އަދި 745 އެންއެމްގެ ޓޯކް އުފައްދައެވެ. ބީއެމްޑަބްލިއު އިން ބުނާ ގޮތުގައި، 250 ކިލޯވޮޓްގެ ބާރުމިނުގައި ޗާޖުކުރެވޭ މި ކާރުގެ ބެޓެރީ 10 ޕަސެންޓުން 80 ޕަސެންޓަށް ޗާޖުކުރުމަށް ނަގާނީ ގާތްގަނޑަކަށް 28 މިނެޓެވެ.