"ސްރީލަންކާ ބަނގުރޫޓުވީ ހަމައެކަނި ދަރަނީގެ ސަބަބަކުން ނޫން، އަސްލު މައްސަލައަކީ ކޮރަޕްޝަން"

ސިއާބޮކްގެ ޑިރެކްޓަރ ޖެނެރަލް ރަންގަ ޑިސަނާޔަކަ

ސްރީލަންކާއަށް 2022 ވަނަ އަހަރު ކުރިމަތިވި ތާރީހީ އިގުތިސާދީ ކާރިސާއާއި ބަނގުރޫޓުވުމުގެ އަސްލަކީ ކޮބައިތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެއީ ހަމައެކަނި ދަރަނި ބޮޑުވުމާއި އިގުތިސާދު މެނޭޖުކުރުމުގައި ހެދުނު ގޯސްތަކެއްގެ ނަތީޖާއެވެ. ނަމަވެސް، މިއީ މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. އެ ގައުމުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މައި އިދާރާ (ސިއާބޮކް) ގެ ޑިރެކްޓަރ ޖެނެރަލް ރަންގަ ޑިސަނާޔަކަ ވިދާޅުވި ގޮތުގައި، ސްރީލަންކާގެ އިގުތިސާދު ފުނޑުފުނޑުވެގެން ދިޔުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކޮރަޕްޝަނާއި ނަޒާހަތްތެރިކަން ނެތުމެވެ.

ވޮޝިންޓަންގައި ބޭއްވި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑިސަނާޔަކަ ފާހަގަކުރެއްވި ގޮތުގައި، 1960 ގެ އަހަރުތަކުގައި ސިންގަޕޫރާ އެއްފަދަ ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ބެލެވުނު ސްރީލަންކާ، 2022 ވަނަ އަހަރު ބަނގުރޫޓުވުމަކީ ގޯސް ވެރިކަމެއްގެ ސަބަބުން އިގުތިސާދެއް ހަލާކުވެގެންދާނެ ގޮތުގެ އެންމެ ފުރިހަމަ އެއް މިސާލެވެ. މި ކާރިސާއާ ގުޅިގެން، އައިއެމްއެފްގެ ގަވަނަންސް ޑައިގްނޯސްޓިކް އެސެސްމަންޓެއް ހެދުމަށް އެދުނު އޭޝިއާގެ ފުރަތަމަ ގައުމަކަށް ސްރީލަންކާ ވެގެންދިޔައެވެ. މީގެ އިތުރުން، ސްރީލަންކާގެ ސުޕްރީމް ކޯޓުން ވެސް ވަނީ އެ ގައުމުގެ އިގުތިސާދީ ކާރިސާގެ ސަބަބުތަކުގެ ތެރޭގައި ކޮރަޕްޝަން ހިމެނޭކަން ކަނޑައަޅާފައެވެ.

‎2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ސްރީލަންކާގެ ސުޕްރީމް ކޯޓުން ކުރި ތާރީހީ ހުކުމެއްގައި، ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި، ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސަ ވަނީ އިގުތިސާދު ހަލާކުކޮށްލުމާއި ރައްޔިތުންގެ އިތުބާރާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅާފައެވެ. މީގެ އިތުރުން، ސެންޓްރަލް ބޭންކުގެ ބޮންޑު ސްކޭމް ފަދަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި އަސްކަރީ މުއާމަލާތްތަކުގައި އިސް ސިޔާސީ ފަރާތްތަކުން ބައިވެރިވެފައިވާކަން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. ހަމައެހެންމެ، ކޮރަޕްޝަނާ ދެކޮޅަށް މިހާރުގެ ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ދަށުން، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ސިއާބޮކްގެ ޑިރެކްޓަރ ޖެނެރަލް ރަންގަ ޑިސަނާޔަކަ

ކޮރަޕްޝަނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ސްރީލަންކާއިން ވަނީ 2023 ވަނަ އަހަރު އާ އެންޓި-ކޮރަޕްޝަން ގާނޫނެއް ވުޖޫދަށް ގެނެސްފައެވެ. ޑިސަނާޔަކަ ވިދާޅުވި ގޮތުގައި، 2004 ވަނަ އަހަރު އދ. ގެ ކޮރަޕްޝަނާ ދެކޮޅު މުއާހަދާގައި ސްރީލަންކާއިން ސޮއިކުރި ނަމަވެސް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ފުރިހަމަ ގާނޫނެއް އެކުލަވާލުމަށް ގާތްގަނޑަކަށް ވިހި އަހަރު ނެގިއެވެ. މި އާ ގާނޫނުގެ ދަށުން، ސިއާބޮކް އަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ، މާލީ ގޮތުންނާއި އިދާރީ ގޮތުން ފުރިހަމަ މިނިވަންކަން ލިބިފައިވާ މުއައްސަސާއަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެ ކޮމިޝަނުގެ ބަޖެޓު ފިނޭންސް މިނިސްޓްރީގެ ބަދަލުގައި ސީދާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ގާނޫނީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާއެކު، ފުލުހުންނެކޭ އެއްފަދައިން މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމުގެ ބާރު ވެސް މިހާރު ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދީފައެވެ. މީގެ އިތުރުން، ޓެކްނޮލޮޖީގެ އެހީގައި ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ 2026 ވަނަ އަހަރު ތައާރަފުކުރި މުދަލާއި ފައިސާގެ ބަޔާން ހުށަހަޅާ އިލެކްޓްރޯނިކް ނިޒާމެވެ. ޑިސަނާޔަކަ ހާމަކުރެއްވި ގޮތުގައި، ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފެށި މި ނިޒާމުގެ ތެރެއިން މިހާތަނަށް 80،000 އަށް ވުރެ ގިނަ ބަޔާން ލިބި، އެ މައުލޫމާތު ސައްހަތޯ ބެލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިއީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

2022 ވަނަ އަހަރު ސްރީލަންކާގެ ރައްޔިތުން މަގުތަކަށް ނުކުމެ ކުރި މުޒާހަރާތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި، ގެއްލިފައިވާ ދައުލަތުގެ މުދާ ހޯދުމަށް ރައްޔިތުންގެ ފަރާތުން ލިބުނު ވަރަށް ބޮޑު ބާރެކެވެ. މި މަސައްކަތުގައި މަދަނީ ޖަމިއްޔާތަކުން އިސް ދައުރެއް އަދާކުރިއިރު، ވޯލްޑް ބޭންކާއި އދ. ގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޑިސަނާޔަކަ ވިދާޅުވި ގޮތުގައި، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށާއި ގައުމުން ބޭރުކޮށްފައިވާ މުދާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ވަރަށް މުހިންމެވެ.

ކުރިމަގަށް ބަލާއިރު، ސްރީލަންކާގެ އެންޓި-ކޮރަޕްޝަން މަސައްކަތްތަކުގެ އެންމެ ބޮޑު އަމާޒަކީ ކޮރަޕްޝަން ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުމެވެ. 2025 އިން 2029 އަށް އެކުލަވާލާފައިވާ ގައުމީ އެކްޝަން ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ނަޒާހަތްތެރިކަން އާލާކުރުމަށެވެ. ޑިސަނާޔަކަ ގަބޫލުކުރައްވާ ގޮތުގައި، ޅަފަތުން ފެށިގެން މީހުންގެ ވިސްނުން ބަދަލުކޮށްގެން މެނުވީ ކޮރަޕްޝަން އެކަށީގެންވާ ގޮތެއްގައި މަދުނުކުރެވޭނެއެވެ. އެހެންކަމުން، ސްކޫލް ދައުރުން ފެށިގެން ނަޒާހަތްތެރިކަމުގެ ސިފަތައް އަށަގެންނެވުމަށްޓަކައި ތައުލީމީ ދާއިރާއާއި ޔުނިވާސިޓީ ގްރާންޓްސް ކޮމިޝަނާއެކު ސިއާބޮކް އިން ވަނީ އެއްބަސްވުންތަކެއް ހަދާފައެވެ. ކޮރަޕްޝަން މަދުކުރުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ އެކަން ހިނގިޔަނުދީ ހުއްޓުވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް