ޕެންޝަން އޮފީހުގެ ސީއޯއޯ ޝިއުނާ ސަސްޕެންޑުކޮށްފި

ޕެންޝަން އޮފީހުގެ ސީއޯއޯ މަރިޔަމް ޝިއުނާ --

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ ސަސްޕެންޑުކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ޝިއުނާ މަގާމުން ސަސްޕެންޑުކޮށްފައިވަނީ ވަރަށް ފަހުންނެވެ. ނަމަވެސް އޭނާ ސަސްޕެންޑުކުރީ ސީދާ ކޮން ސަބަބަކާ ހުރެކަން އަދި މިހާތަނަށް ޔަގީންވެފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ޓަކައި އެ އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ޝިއުނާ ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ އޮފީހުގެ ކޯޕަރޭޓް އެފެއާޒް ބަޔާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހިންގުމުގައި އިސްދައުރެއް އަދާކުރެއްވުމާއި، މަގުދައްކައިދިނުމާއި، އެ ކަންކަން ބެލެހެއްޓެވުމެވެ.

ޕެންޝަން އޮފީހާ ގުޅިވަޑައިގަތުމުގެ ކުރިން ޝިއުނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާގެ މަގާމު އަދާކުރައްވާފައެވެ. މީގެއިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިސްވެރިއެއްގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ޝިއުނާއަކީ އިދާރާތައް ހިންގުމުގެ އިތުރުން ވެރިކަން ހިންގުމުގެ ނިޒާމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި، އިދާރާތަކުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ ދާއިރާއިން ދިރާސާކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލުމާއި، ވަކާލާތުކުރުމާއި، ސިޔާސަތު އެކަށައެޅުމުގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ތައުލީމީ ގޮތުން ބަލާއިރު، ޝިއުނާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުގެ އެސްއޯއޭއެސް އިން އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ލަންޑަން މެޓްރޯޕޮލިޓަން ޔުނިވާސިޓީން ތާރީޚުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާއިރު، ޔުނިވާސިޓީ އޮފް ލަންޑަނުގެ ބާކްބެކް ކޮލެޖުން ވަނީ ސިޔާސީ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް ފުރިހަމަކުރައްވާފައެވެ.

comment ކޮމެންޓް