ސަން ސިޔާމް އިރުފުއްޓަށް އައުމަށް، 322،000 ޕައުންޑުގެ ރެކޯޑު ބުކިންއެއް

ސަން ސިޔާމް އިރުފުށި: މި ރިޒޯޓުގައި ބީޗް ވިލާތަކާއި ވޯޓާ ވިލާތަކާއި ރިޓްރީޓްތަކުގައި ތިބެވޭނެ -- ފޮޓޯ/ ސަން ސިޔާމް އިރުފުށި

އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގައި ހިންގާ އަމިއްލަ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ކްލެރިޑަން ޓްރެވަލް އިން ރާއްޖެއަށް 322،000 ޕައުންޑް (6,654,307.10ރ)އަށް ވުރެ އަގުބޮޑު ރެކޯޑު ބުކިންއެއް ހަދައިފިއެވެ.

ލަގްޒަރީ ޓްރެވަލް އޮޕަރޭޓަރެއް ކަމަށްވާ "އިފް އޮންލީ" އާ ގުޅިގެން ހެދި މި ބުކިންއަކީ ކްލެރިޑަން ޓްރެވަލްގެ 30 އަހަރަށް ވުރެ ދިގު ތާރީހުގައި އެ އެޖެންސީން ހެދި އެންމެ އަގުބޮޑު ސިންގަލް ބުކިންއެވެ. މި ބުކިން ހަދާފައިވަނީ 14 މީހުންގެ އާއިލާއަކުން އާ އަހަރު ފާހަގަކުރުމަށް ރާއްޖޭގެ ސަން ސިޔާމް އިރުފުށީގައި 10 ރޭ ހޭދަކުރުމަށެވެ. މީގެ ތެރޭގައި އެ އާއިލާގެ ބިޒްނަސް ކްލާސް ފްލައިޓް ޓިކެޓުވެސް ހިމެނެއެވެ.

ނ. އަތޮޅުގައި އޮންނަ ސަން ސިޔާމް އިރުފުއްޓަކީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި މަތީ ފަންތީގެ ޚިދުމަތްތައް އެކުލެވިގެންވާ ރިސޯޓެކެވެ. މިއީ އާއިލާތަކަށާއި، ޗުއްޓީ ހޭދަކުރާ ޖޯޑުތަކަށް ޚާއްސަ، އަދި ހިތްހަމަޖެހުން ގެނެސްދޭ ފުރިހަމަ މާހައުލެކެވެ. މި ރިސޯޓުން މަތީ ފެންވަރުގެ ކެއުންތަކާއި، ވެލްނެސްގެ ހިދުމަތްތަކުގެ އިތުރުން، ހަނދާނުން ފޮހެލަން ދަތި ތަޖުރިބާތަކެއް ފޯރުކޮށްދެއެވެ.

ސަން ސިޔާމް އިރުފުއްޓަށް ސީޕްލޭން ޖައްސަނީ

މި ބުކިން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވީ ކްލެރިޑަން ޓްރެވަލްގެ ކޮންސަލްޓަންޓް ޖެމާ ރޮބިންސަންއެވެ. އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނީ ސްޓޯ މެނޭޖަރު ޕެނީ ޖެނިންގްސް އަދި ޑެބީ ހޮވިކްއެވެ.

ޕެނީ ޖެނިންގްސް ބުނި ގޮތުގައި 322،000 ޕައުންޑަށް ވުރެ ބޮޑު މި ބުކިންއަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި "އިފް އޮންލީ" ފަދަ އިތުބާރު ހުރި ޕާޓްނަރަކާ އެކު މަސައްކަތް ކުރުމުން، ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމުގެ ފުރުސަތު ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

އިރުފުށި ހިންގާ، ސަން ސިޔާމް ރިސޯޓްސްއަކީ 1990 ވަނަ އަހަރު އަޙްމަދު ސިޔާމް މުހައްމަދު އުފެއްދެވި، ސައްތައިން ސައްތަ ދިވެހި ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައި ފަސް ލަގްޒަރީ ރިސޯޓެއް ހިންގަމުން އަންނައިރު، އޭގެ ތެރޭގައި ސަން ސިޔާމް އިރުފުށީގެ އިތުރުން، ސިޔާމް ވޯލްޑް، ސަން ސިޔާމް އޮޅުވެލި، ސަން ސިޔާމް އިރުވެލި އަދި ސަން ސިޔާމް ވިލުރީފް ހިމެނެއެވެ. މީގެ އިތުރުން ސްރީލަންކާގައިވެސް އެ ކުންފުނީގެ ރިސޯޓެއް ކަމަށްވާ ސަން ސިޔާމް ޕާސިކުޑާ ހިންގައެވެ. ދިވެހިވަންތަ މެހެމާންދާރީއަށް މަޝްހޫރު މި ބްރޭންޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.

comment ކޮމެންޓް