ކަނޑުމެދުން، ބޯޓުދަތުރުކުރާ ދެބަފައިންގެ އާދަޔާހިލާފު ބައްދަލުވުން

ދެ ބޯޓެއްގައި ދެ މިސްރާބަކަށް ދަތުރުކުރަމުން ދިޔަ ދެބަފައިންނަށް ކަނޑުމެދުން ދިމާވުން ވެގެން ދިޔައީ މަދުން ނޫނީ ނުފެންނަ ފަދަ ނާދިރު ހިނދުކޮޅަކަށެވެ.

ކަނޑުގެ ބޮޑުކަމާއި އޭގެ ފުންކަމަކީ އިންސާނުންނަށް އަންދާޒާކުރަން ދަތި އެއްޗެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމުގައި އެތައް ހާސް ބޯޓެއް ކޮންމެ ދުވަހަކުވެސް ކަނޑުމަތީގައި ދަތުރުކުރެއެވެ. މިފަދަ ދަތުރުތަކުގައި ދެ ބޯޓެއް ކަނޑުމެދުން ހުރަސްކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް، އެތައް ހާސް މޭލެއްގެ ދުރުގައި، ދެ މިސްރާބަކަށް ދަތުރުކުރަމުންދާ ދެ ބޯޓެއް ހުރަސްކުރާއިރު، އެއް ބޯޓުގައި ހުރި މީހެއްގެ ބައްޕަ އަނެއް ބޯޓުގައި ހުރުމަކީ ގަބޫލުކުރަން ދަތި، ނާދިރު އިއްތިފާގެކެވެ.

މި އާދަޔާހިލާފު ހާދިސާ ދިމާވީ ބޯޓުދަތުރުކުރާ މީހެއް ކަމަށްވާ ރުޝީލް ސަރަންއަށެވެ. އޭނާ އުތުރަށް ދަތުރުކުރަމުން ދަނިކޮށް، އިދިކޮޅުން އައި ބޮޑު ބޯޓެއް ފެނުނެވެ. އެ ބޯޓާ މެދު ޝައުގުވެރިވެ، އޭގެ މައުލޫމާތާއި ދަތުރުކުރާ މަގު ބަލައިލުމުން، އޭނާއަށް އެނގުނީ އެ ބޯޓުގައި ހުރީ އޭނާގެ ބައްޕަ ކަމެވެ. މިއީ ދެބަފައިން ކުރެ އެކަކުވެސް ރާވައިގެން ހިނގި ކަމެއް ނޫނެވެ. ދެ ބޯޓުގެ މިސްރާބު ކަނޑުމެދުން ގުޅި، ދެބަފައިންނަށް އެކަކު އަނެކަކު ފެނުމުގެ ފުރުސަތު ލިބުނީ ކުއްލިއަކަށެވެ.

ރުޝީލް ވަނީ މި އަސަރުގަދަ މަންޒަރު ވީޑިއޯކޮށް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިއީ އޭނާގެ ހަޔާތުގައި އައި އެންމެ ހަނދާނުން ފިލައިގެން ނުދާނެ އެއް ވަގުތުކޮޅެވެ. "ބިލިއަނަކުން އެއް ފަހަރު ލިބޭނެ ފަދަ ފުރުސަތަކުން، ބޯޓުދަތުރުކުރާ ދެ ޖީލެއްގެ ގޮތުގައި އަހަރެންނާއި ބައްޕަ ކަނޑުމެދުން ބައްދަލުވެއްޖެ. ދެ ބޯޓު، ދެ ދަތުރު، އަދި ހަނދާނުން ފިލައިގެން ނުދާނެ އެއް ވަގުތުކޮޅު،" ރުޝީލް ހިއްސާކުރި ވީޑިއޯގައި ބުނެފައިވެއެވެ.

މި ވީޑިއޯއަށް އޭނާގެ ބައްޕަވެސް ވަނީ އަސަރުގަދަ ކޮމެންޓެއް ކޮށްފައެވެ. "ދަ ކްރޮސިންގް ޕޮއިންޓް"ގެ ނަމުން ނަންދީފައިވާ މި ލިޔުމުގައި، ދުރުން އޭނާގެ ދަރިފުޅުގެ ބޯޓު ފެނުނު ހިނދުކޮޅު ސިފަކޮށްދީފައިވެއެވެ. ކުޑަ ބޯޓެއްގައި ހުރި އޭނާގެ ދަރިފުޅު ފެނުމުން ފަހުރުވެރިވި ކަމަށާއި، އޭނާގެ ދަރިފުޅު ބޮޑުވެ، އޭނާ ފަދައިން ކަނޑުމަތީގެ މަސައްކަތްތެރިއަކަށް ވުމުން ކުރެވުނު އިހުސާސްތައް ބައްޕަ ވަނީ ހިއްސާކޮށްފައެވެ. އަދި ދެ ބޯޓު ދެ މިސްރާބަކަށް ދަތުރުކުރަމުން ދިޔަ ނަމަވެސް، ދެމީހުންވެސް ހިއްސާކުރަނީ ކަނޑުމަތީގެ އެއް ދިރިއުޅުމެއްކަން އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، ދަރިފުޅު ސަލާމަތުން އެނބުރި ރަށަށް އައުމަށް އެދޭ ކަމަށްވެސް ބައްޕަ ލިޔެފައިވެއެވެ.

މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ މި ވީޑިއޯއަށް ތަރުހީބުދީ، މިއީ ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެއް ކަމަށް ބުނެފައެވެ. އެކަކު ކޮމެންޓުކުރި ގޮތުގައި މިއީ ބޯޓުދަތުރުކުރާ މީހެއްގެ ހަޔާތުގައި އަންނާނެ އެންމެ ނާދިރު އެއް ވަގުތުކޮޅެވެ. އަދި އެހެން މީހަކު ބުނި ގޮތުގައި، އަމިއްލަ މިސްރާބެއް ކަނޑައެޅި ނަމަވެސް، ދިރިއުޅުމުގެ މިސްރާބު ދަސްކޮށްދިން މީހާއާއެކު ކުރާ ދަތުރު ދުވަހަކުވެސް ނުނިމޭނެއެވެ. އެހެން އަންހެނަކު ވަނީ އޭނާގެ ފިރިމީހާއާއި ފިރިމީހާގެ ބޮޑުބޭބެއަށްވެސް މިފަދަ ގޮތަކަށް އެއް ބަނދަރަކުން ދިމާވި ހާދިސާއެއް ހިއްސާކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާއިލާއާ ދުރުގައި، ކަނޑުމަތީގައި ވަގުތު ހޭދަކުރާ މި ދެބަފައިންނަށް ކުއްލިއަކަށް ދިމާވި މި ބައްދަލުވުމަކީ، ކުރިއަށް އޮތް އެތައް އަހަރަކަށް އެމީހުންގެ ހަނދާނުގައި ހުންނާނެ އުފާވެރި ހިނދުކޮޅެކެވެ.

comment ކޮމެންޓް