ޗައިނާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު، އެ ވަޒީފާ ދޫކޮށްލައި، "ސްޓީމްޑް ބަފް ފިހާރައެއް" (ބަނަސް ވިއްކާ ތަނެއް) ހުޅުވި އަންހެނެއްގެ ވިޔަފާރި ބޮޑު ކާމިޔާބީއެއް ހޯދައި، ދެވަނަ އައުޓްލެޓެއް ހުޅުވައިފި އެވެ.
އުމުރުން 48 އަހަރުގެ ދޮންގް މިން ނަމަކަށް ކިޔާ މި އަންހެން މީހާ 2023 ވަނަ އަހަރު ވުހާން ސިޓީގައި ފެށި މި ވިޔަފާރި، ވާދަވެރި ކާބޯތަކެތީގެ މާކެޓުގައި ކުރިއަރައިގެން ގޮސް މި އަހަރުގެ ޖުލައި މަހު ވަނީ ފިހާރައިގެ ދެވަނަ އައުޓްލެޓެއް ވެސް ހުޅުވާފައެވެ.
ނަވާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު ވުހާން ޔުނިވަސިޓީގެ މެޑިކަލް ސުކޫލުން ދަސްވެނިވި ދޮންގް ވަނީ ޝެންޒެންގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކަކު މަސައްކަތްކޮށްފައެވެ. އޭގެފަހުން އަމިއްލަ ރަށަށް ބަދަލުވެ، ކޮމިއުނިޓީ ހޮސްޕިޓަލެއްގެ ޑޮކްޓަރެއްގެ އިތުރުން އެތަނުގެ ލީގަލް ރެޕްރެޒެންޓެޓިވްގެ މަގާމު އަދާކުރިއެވެ.
ނަފްސާނީ ސިއްހަތަށްޓަކައި 20 އަހަރުގެ ކެރިއަރު ދޫކޮށްލައި، ބަނަސް ވިއްކަން ފެށި ޗައިނާގެ ޑޮކްޓަރެއް --ނަމަވެސް ސަރުކާރުގެ ތަފާތު އިދާރާތަކުން ކުރާ އިންސްޕެކްޝަންތަކަށް ވަގުތު ދޭންޖެހުމާއި، ބަލިމީހުންނާއި ހޮސްޕިޓަލާ ދެމެދު އުފެދޭ މައްސަލަތަކުގެ މުޅި ޒިންމާ ނަގަންޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި ސްޓްރެސްތަކާ ކުރިމަތިލާންޖެހުނު ކަމަށް އޭނާ ބުންޏެވެ.
އެކަމުގެ ސަބަބުން ކުއްލިއަކަށް ވަޒީފާއިން ކެނޑި އަމިއްލައަށް ބަނަސް ވިއްކުމުގެ މަސައްކަތް ދަސްކޮށް، މުޅިން އެ ވިޔަފާރިއަށް ހުސްވާން ދޮންގް ނިންމުމުން އާއިލާއިން ފުރަތަމަ ދެކޮޅުހެދިއެވެ. މުޖުތަމައުގައި ޑޮކްޓަރުކަމަކީ ގަދަރުވެރި ވަޒީފާއަކަށްވީ ނަމަވެސް، ދޮންގް ބުނެފައި ވަނީ އުމުރުން 50 އަހަރާ ގާތްވެފައިވާއިރު އެހެން މީހުން ދެކޭގޮތަށްވުރެ އަމިއްލަ އުފަލުގައި ދިރިއުޅުން މުހިންމު ކަމަށެވެ.
މިހާރު ދުވާލަކު 10 ގަޑިއިރަށްވުރެ ދިގުކޮށް މަސައްކަތްކުރަން ޖެހުނު ނަމަވެސް، ނަފްސާނީ އެއްވެސް ނުކުޅެދުންތެރިކަމެއް ނެތި އުފަލާއެކު މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ޗައިނާގެ މެޑިކަލް ދާއިރާގައި މަސައްކަތުގެ ބުރަކޮށް އަދި ނަފްސާނީ ޕްރެޝަރު ބޮޑުވުމުގެ ސަބަބުން، ޑޮކްޓަރުކަން ދޫކޮށްލުމަށްފަހު އަމިއްލަ ކުދި ވިޔަފާރިތަކަށް މިސްރާބު ޖަހާ ސިއްހީ ޚިދުމަތްތެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރުވެސް 13 އަހަރުގެ ތަޖުރިބާ ހުރި ޑޮކްޓަރަކު ވަޒީފާ ދޫކޮށްލުމަށްފަހު ކާބޯތަކެތި ވިއްކާ ކަންމަތީ ފިހާރައެއް ހުޅުވާފައިވެއެވެ.