"ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާވޭ 2026"ގެ ނަމުގައި ގްރޭޓާ މާލެ ސަރަޙައްދުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ސާވޭއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެމްބީއެސްއިން އިއުލާނުކޮށްފައިވާ ގޮތުގައި މި ސާވޭގެ ފީލްޑް މަސައްކަތްތައް ގްރޭޓާ މާލެ ސަރަޙައްދުގައި ކުރިއަށްދާނީ މާދަމާއިން ފެށިގެން ފަސް ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ސާވޭއަށް ހޮވާލެވިފައިވާ ގޭބިސީތަކަށް އެ ބިއުރޯގެ ޓީމުތަކުން ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރާނެއެވެ. އަދި މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާ ހުރިހާ އެނިއުމަރޭޓަރުން ވެސް ހަރަކާތްތެރިވާނީ އެމްބީއެސްގެ ރަސްމީ ފާސް އަޅައިގެން ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ސާވޭގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ގޭބިސީގެ އެވްރެޖް އާމްދަނީއާއި ޚަރަދުގެ މިންވަރު ދެނެގަތުމާއި، ރާއްޖޭގެ ފަގީރުކަމުގެ މިންގަނޑު ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން ބާޒާރުގެ އަގުތަކުގެ މިންގަނޑު ނުވަތަ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ ބުރަދަން އެކުލަވާލުމާއި، ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުތަކުގެ ފަރަގުތައް ދެނެގަތުމަށް ބޭނުންވާ މިންގަނޑުތައް އެކުލަވާލުން ވެސް މި ސާވޭގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ސާވޭގެ ދަށުން ގޭބިސީތަކާއި ވަކިވަކި ފަރުދުންނާ ގުޅޭ މުހިންމު ގިނަ މައުލޫމާތުތަކެއް އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:
- ގޭބިސީގެ މައުލޫމާތު: ގިނަ ދުވަހު ބޭނުންކުރެވޭ ހަރުމުދަލާއި، ފަރުނީޗަރު، ފޯނު، ކަރަންޓު އަދި ފެން ބިލުތަކުގެ ޚަރަދު، ޞިއްހީ އަދި ދަތުރުފަތުރުގެ ޚަރަދު، އަންނައުނާއި ފައިވާނުގެ ޚަރަދު، ތައުލީމީ ޚަރަދުތައް، ލޯނު އަދި ކްރެޑިޓްގެ އިތުރުން ގޭގައާއި ގެއިން ބޭރުން ކާބޯތަކެއްޗަށް ކުރާ ޚަރަދުތައް.
- ފަރުދުންގެ އާންމު މައުލޫމާތު: ހިޖުރަކުރުމާ ގުޅޭ މައުލޫމާތު، ތަޢުލީމީ ފެންވަރު، އަދާކުރާ ވަޒީފާއާއި މަސައްކަތުގެ މައުލޫމާތު، ލިބޭ އާމްދަނީ، އަދި އުޖޫރައެއް ނުލިބޭ ގޮތަށް އާއިލާއަށް ކޮށްދޭ މަސައްކަތްތަކާއި އެހީތެރިކަމުގެ މައުލޫމާތު.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ މި މަސައްކަތަށް ހޮވާލެވޭ ހުރިހާ ގޭބިސީތަކަކުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެދިފައެވެ. އަދި މިހާތަނަށް ވެސް އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެ އިދާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިހާރު ބާޒާރުގައި އާންމު ދިރިއުޅުމަށް ބޭނުންކުރާ ތަކެތީގެ ވެސް އަގުތައް އިންތިހާއަށް އުފުލެމުން ދިއުމެވެ. އެ ކަންބޮޑުވުންތަކާއެކު، އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ވަނީ ވަރަށް ފަހުން ގޭބިސީއަކަށް ހިނގާ ޚަރަދުގެ ތަފާސްހިސާބުތަކެއް ވެސް އާންމުކޮށްފައެވެ.