މެޑިކަލް މާހިރުން މިހާރު ފާހަގަކުރައްވާ ގޮތުގައި، އިންސާނާ ދުނިޔޭގައި ހުންނަ ޖުމްލަ މުއްދަތާއި، ދުޅަހެޔޮ ޞިއްހަތެއްގައި ދިރިއުޅޭ މުއްދަތާ ދެމެދު ބޮޑު ތަފާތެއް ވެއެވެ. ޢުމުރުން ދުވަސްވުމަކީ ޠަބީޢީ ގޮތުން ހުއްޓުވޭނެ ކަމެއް ނޫން ނަމަވެސް، ނުކުޅެދުންތެރިކަމާއި، ބަލިކަށިކަން އަދި އެހެން މީހުންގެ އެހީތެރިކަމަށް މުޅިން ބަރޯސާވާންޖެހުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫންކަމަށް މެޑިކަލް މާހިރުން އިއްތިފާގުވެއެވެ.
ޢުމުރުން ދުވަސްވުމަކީ ޤަދަރުވެރި ކަމެކެވެ. ނަމަވެސް، އެ ދުވަސްތައް ވޭތިކުރާނެ ގޮތް ކަނޑައެޅުމުގެ އިޚްތިޔާރު މިއަދު އޮތީ އަޅުގަނޑުމެންގެ އަމިއްލަ އަތްމަތީގައެވެ. އިންސާނާގެ އުމުރު ދިގުވަމުން އަންނަ މިންވަރަކަށް، މި މައުޟޫޢުގައި ކުރެވޭ މަޝްވަރާތައް މިހާރު އަމާޒުވަނީ ހަމައެކަނި އުމުރުގެ ދިގުމިނަށް އަހަރުތަކެއް އިތުރުކުރުމުގެ ބަދަލުގައި، އެ ދުވަސްތަކަކީ ޖިސްމާނީ ހަކަތަ އާއި މިނިވަންކަމާއި ސިކުނޑީގެ ދުޅަހެޔޮކަމާއި، ފުރިހަމަ ދިރިއުޅުމެއް ލިބިގެންވާ އަހަރުތަކަކަށް ހެދުމަށެވެ.
އެޕޯލޯ ހޮސްޕިޓަލްގެ އިންޓާނަލް މެޑިސިން ކޮންސަލްޓަންޓް ޑރ. ވެންކަޓް ނާނީ ކުމާރު ބީ ވިދާޅުވި ގޮތުގައި، ދުޅަހެޔޮކަމާއެކު ޢުމުރުން ދުވަސްވުމަކީ ހަމައެކަނި ބައްޔެއް ނެތުމެއް ނޫނެވެ. އޭގެ އަސްލު މާނައަކީ ޖިސްމާނީ ވަރުގަދަކަމާއި ޙަރަކާތްތެރިކަމާއި ނަފްސާނީ ހަމަޖެހުމާއި ވިސްނުމުގެ ތޫނުފިލިކަން ދެމެހެއްޓުމާއެކު ޖެހިފައިވާ ބަލިތައް އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލްކޮށްގެން އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުން ކަމަށް ޑރ. ވެންކަޓް ވިދާޅުވެއެވެ.
އެހެން ޢިބާރާތަކުން ދަންނަވާނަމަ، ހަކުރުބަލި ނުވަތަ ލޭމައްޗަށް ދިއުން ފަދަ ދާއިމީ ބައްޔެއް ހުރި ނަމަވެސް، އެ ބައްޔެއް ރަނގަޅަށް ކޮންޓްރޯލްކޮށް، އާންމު ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ކުރުމުގެ ޤާބިލުކަން ހުރިނަމަ، އެމީހަކީ ދުޅަހެޔޮކަމާއެކު އުމުރުން ދުވަސްވަމުންދާ މީހެކެވެ.
ޤަވާއިދުން ކަސްރަތުކުރުމާއި، ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، އެކަށީގެންވާ ނިދި ހޯދުމާއި އަދި ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަކީ ދުޅަހެޔޮ މުސްކުޅި ޢުމުރަކަށް ތައްޔާރުވުމަށްޓަކައި މުހިންމު ކަމެއް--ފޮޓޯ/ޕިންޓްރެސްޓްރެނޯވާ ސެންޗަރީ ހޮސްޕިޓަލްގެ އިންޓާނަލް މެޑިސިން ޑިޕާޓްމަންޓްގެ ޑައިރެކްޓަރ ޑރ. ކޭ. ކްރިޝްނާ ޕްރަބާކަރު ފާހަގަކުރެއްވި ގޮތުގައި، ޢުމުރުގެ ދިގުމިނާއި ދުޅަހެޔޮ ޞިއްޙަތެއްގެ މުއްދަތާ ދެމެދު އޮތް ފަރަގު ވަރަށް މުހިންމެވެ.
"ގިނަ މީހުންގެ ޢުމުރު ދިގުވި ނަމަވެސް، ޢުމުރުގެ ފަހު ދުވަސްތައް ވޭތިކުރަންޖެހެނީ ހަކުރުބަލި، ލޭމައްޗަށް ދިއުން، ހިތުގެ ބަލިތައް، ހުޅުހުޅުގެ މައްސަލަތައް، ލޮލާއި ކަންފަތުގެ އުނިކަން ނުވަތަ ސިކުނޑީގެ ބަލިތަކުގައި. އަޅުގަނޑުމެންގެ ލަނޑުދަނޑިއަކަށް ވާންޖެހޭނީ ހަމައެކަނި ދުނިޔޭގައި ހުންނަ ޢުމުރު ދިގުކުރުމެއް ނޫން. އޭގެ ބަދަލުގައި، އަމިއްލައަށް ހިނގާބިނގާވެ އުޅެވޭ، ސާފުކޮށް ވިސްނޭ، އިޖުތިމާޢީ ގޮތުން ހަރަކާތްތެރި އަދި އަމިއްލަ ކަންކަމުގައި އަމިއްލައަށް ގޮތް ނިންމޭނެ ފަދަ ޞިއްޙަތެއްގައި ހޭދަކުރާ މުއްދަތު އިތުރުކުރުން" ޑރ. ކްރިޝްނާ ވިދާޅުވެފައިވެއެވެ.
ދުޅަހެޔޮ މުސްކުޅި ޢުމުރަކަށް ތައްޔާރުވުމަށްޓަކައި އުމުރުން 30 ނުވަތަ 40ގެ އަހަރުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށަންޖެހޭއިރު، މީގެތެރޭގައި ޤަވާއިދުން ކަސްރަތުކުރުމާއި، ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، އެކަށީގެންވާ ނިދި ހޯދުމާއި، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި، ދުންފަތާއި މަސްތުވާތަކެއްޗާ ދުރުހެލިވުމާއި، ވެކްސިން ފުރިހަމަކުރުން އަދި ޤަވާއިދުން މެޑިކަލް ޗެކަޕް ހެދުން ހިމެނޭ ކަމަށް ޑރ. ވެންކަޓް އިރުޝާދު ދެއްވައެވެ.
ޢުމުރުން ދުވަސްވާއިރު އަމިއްލަ ފައިމައްޗަށް ތެދުވެ ހުރުމަށް އެންމެ މުހިންމު އެއް އަސާސަކީ މަސްތަކުގެ ވަރުގަދަކަމެވެ. މަސްތަކުގެ ވަރު ދެރަވުމުގެ ސަބަބުން ވެއްޓުމާއި، ކަށި ބިނދުމާއި، އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ އާދައިގެ ކަންކަން ކުރުމަށް ވެސް ދަތިވާ ކަމަށް ޑރ. ވެންކަޓް ފާހަގަކުރެއްވިއެވެ. އެހެންކަމުން، 'ސްޓްރެންގްތް ޓްރެއިނިން'، ހިނގުމާއި، ހަށިގަނޑުގެ ހަމަހަމަކަން ހިފެހެއްޓުމަށް ކުރާ ކަސްރަތުތަކަކީ އާންމު މެޑިކަލް ޗެކަޕްތަކެކޭ އެއްފަދައިން ނުހަނު މުހިންމު ކަންކަމެވެ.
ޑރ. ޕްރަބާކަރު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މީހާގެ މިނިވަންކަން ގެއްލިގެންދާ ގިނަ މައްސަލަތަކަކީ ޢުމުރުން ދުވަސްވުމުން ކޮންމެހެން ދިމާވާންޖެހޭ ކަންކަމެއް ނޫނެވެ. ބަލިކަށިވުމާއި، ކާނާ އެކަށީގެންވާ ވަރަށް ނުލިބުމާއި، ހުޅުހުޅުގައި ރިއްސުމާއި، ލޮލާއި ކަންފަތުގެ މައްސަލަތަކާއި، ނިދިނައުމާއި، މާޔޫސްކަމާއި، ހަނދާން ނެތުމުގެ އިތުރުން އެކަނިވެރިވުން ފަދަ ކަންކަމަކީ އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާ ކަންކަމެވެ.
އާއިލީ އަދި ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކުރުމާއި، ހިތްހަމަޖެހޭ ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ނަފްސާނީ އަދި ފިކުރީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަންކަން--ފޮޓޯ/އިންސްޓަގްރާމްމިކަންކަމުގެ ސަބަބުން ހަރަކާތްތެރިކަން ކުޑަވެ، މަސްތައް ބަލިކަށިވެ، ވެއްޓުމުގެ ފުރުޞަތު ބޮޑުވެ އަދި އަނެކުންގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު އިތުރުވެއެވެ. މީގެއިތުރުން ގިނަ ބޭސްތަކެއް އެއްފަހަރާ ބޭނުންކުރުމަކީ ވެސް ޤަވާއިދުން ޑޮކްޓަރުން ލައްވައި މުރާޖަޢާކުރަންޖެހޭ މުހިންމު ކަމެކެވެ.
އުފާވެރި ޚަބަރަކީ، އުމުރުން ދުވަސްވުމާ ގުޅިގެން ދިމާވާ ބަލިކަށިކަމަކީ ހުއްޓުވިދާނެ ކަމެއް ކަމެވެ. އުމުރުން ދުވަސްވުން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ނުކުޅެދުންތެރިކަން ހުއްޓުވިދާނެއެވެ. ޤަވާއިދުން ކަސްރަތުކުރުމާއި، އެކަށީގެންވާ ޕްރޮޓީން އަދި ފައިދާހުރި ކާނާ ބޭނުންކުރުމާއި، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި، ލޭގެ ޕްރެޝަރާއި ހަކުރު ކޮންޓްރޯލްކުރުމާއި، ރައްކާތެރިކަމުގެ ވެކްސިންތައް ޖެހުމާއި، އަރާމު ނިދި ހޯދުމުގެ އިތުރުން އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމަކީ ދުޅަހެޔޮކަމާއެކު ޢުމުރުން ދުވަސްވުމަށް މަގުފަހިކޮށްދޭނެ މުހިންމު ކަންކަމެވެ.
ކެއިންބުއިމުގެ ވައްޓަފާޅިއަކީ ވެސް މިކަމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެކަށީގެންވާ ޕްރޮޓީންއާއެކު ވިޓަމިން ޑީ، ކެލްސިއަމް، މޭވާ، ތަރުކާރީ އަދި ގޮވާމުގެ ބާވަތްތަކަކީ މަސްތަކާއި ކަށީގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ބާވަތްތަކެވެ. ޑރ. ވެންކަޓް އިރުޝާދު ދެއްވާ ގޮތުގައި ޕްރޮޓީން ބޭނުންކުރަންވާނީ ހުރިހާ އިރެއްގެ ކެއުމަށް ބަހާލައިގެންނެވެ. އަދި ކޮންމެ މީހަކުވެސް ކާނާގެ ބާވަތްތައް އިޚްތިޔާރުކުރަންވާނީ އެމީހެއްގެ ޞިއްޙީ ޙާލަތަށް ރިޢާޔަތްކުރުމަށްފަހުގައެވެ.
ދުޅަހެޔޮ މުސްކުޅި ޢުމުރެއް ވޭތިކުރުމަކީ ހަމައެކަނި ހަށިގަނޑުގެ ދުޅަހެޔޮކަމެއް ނޫނެވެ. ނިދި މަދުވުމާއި އަބަދު ފިކުރުބޮޑުވުމަކީ ހަނދާނަށާއި، މިޒާޖަށާއި އަދި ހިތުގެ ޞިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަންކަމެވެ. އެކަނިވެރިވުމުގެ ސަބަބުން ނަފްސާނީ މައްސަލަތަކާއި ޑިމެންޝިއާ ފަދަ ހަނދާން ނެތޭ ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުވެގެންދެއެވެ. އާއިލީ އަދި ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކުރުމާއި، ހިތްހަމަޖެހޭ ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، ސިކުނޑި ހޭލައްވައިލާ ފަދަ އާ ކަންކަން ދަސްކުރުމުގެ އިތުރުން، ދުވަހުގެ ތާވަލު ތަރުތީބުވެފައި އޮތުމަކީ ނަފްސާނީ އަދި ފިކުރީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަންކަމެވެ.
ހަށިގަނޑަށް އަންނަ ކޮންމެ ނޭދެވޭ ބަދަލަކީ އެއީ ހަމައެކަނި "މުސްކުޅިވުމުގެ ސަބަބުން" ދިމާވާ ކަމެއް ކަމަށް ނިންމައި ފަރުވާކުޑަ ނުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާ--ފޮޓޯ/އިންސްޓަގްރާމްޢުމުރުން ދުވަސްވަމުންދާ ވަރަކަށް، ގަވާއިދުން ހަދަންޖެހޭ މެޑިކަލް ޓެސްޓުތަކަށް ވެސް ބަދަލުތަކެއް ގެންނަންޖެހެއެވެ. ދެ ޑޮކްޓަރުންވެސް ލަފާދެއްވާ ގޮތުގައި، އުމުރުން 40 އަހަރުން މަތިވުމުން ލޭގެ ޕްރެޝަރާއި، ހަކުރާއި، ކޮލެސްޓްރޯލާއި، ހަށިގަނޑުގެ ބަރުދަން އަދި ހިތުގެ ބަލިތަކަށް ހުށަހެޅިދާނެ މިންވަރު ގަވާއިދުން ބަލަމުން ގެންދަންވާނެއެވެ.
އުމުރުން 50 އަހަރު ފުރުމަށްފަހު، ޢުމުރާ ގުޅޭ ކެންސަރުގެ ސްކްރީނިންގްތަކާއި ކަށީގެ ދުޅަހެޔޮކަން ދެނެގަތުމަށް ޓެސްޓުތައް ހެދުން މުހިންމެވެ. އަދި 60 އަހަރުން މަތިވުމުން ފެނުމާއި، އަޑުއިވުމުގެ ޙިއްސާއި، ކިޑްނީގެ މަސައްކަތާއި، ވިސްނުމާއި ހަނދާނުގެ ބާރު، ވެކްސިން ފުރިހަމަކޮށްފައިވާ މިންވަރު އަދި ވެއްޓުމުގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަކީ ދުޅަހެޔޮކަމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ހުރިހާ ކަމެއްގައިވެސް އެންމެ މުހިންމު ނުކުތާއަކީ، ހަށިގަނޑަށް އަންނަ ކޮންމެ ނޭދެވޭ ބަދަލަކީ އެއީ ހަމައެކަނި "މުސްކުޅިވުމުގެ ސަބަބުން" ދިމާވާ ކަމެއް ކަމަށް ނިންމައި ފަރުވާކުޑަކޮށް ދޫކޮށްނުލުމެވެ.
"ހިނގުމުގެ ދުވެލި ލަސްވުމާއި، ގޮނޑިން ތެދުވަން ދަތިވުމާއި، ތަކުރާރުކޮށް ވެއްޓުމާއި، ސަބަބެއް ނެތި ބަރުދަން ލުއިވުމާއި، އަބަދު ވަރުބަލިވެފައި ހުރުމާއި، މަސްތަކުގެ ބާރު ދެރަވުން ނުވަތަ އަނެކުންގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރު ކުއްލިއަކަށް އިތުރުވުމަކީ ޚާއްޞަ ސަމާލުކަމެއް ދީގެން ޑޮކްޓަރަށް ދައްކަންޖެހޭ ކަންކަމެވެ،" ޑރ. ޕްރަބާކަރު ވިދާޅުވިއެވެ.
މީގެއިތުރުން، ހަނދާނަށް އަންނަ ކުއްލި ބަދަލުތަކާއި، ބޭސް ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި، ނުވަތަ މީހުންނާ ގުޅުން ބޭއްވުމުން އެއްކިބާވުން ފަދަ ކަންކަމަކީ ވެސް ފަރުވާކުޑަކޮށް ދޫކޮށްލައިގެން ވާނެ ކަންކަމެއް ނޫނެވެ. ދުޅަހެޔޮކަމާއެކު ޢުމުރުން ދުވަސްވުމަކީ ހަމައެކަނި ޢުމުރާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫނެވެ. އެއީ ދުރާލައި އެ ޢުމުރަށްޓަކައި ވާ ފުރިހަމަ ތައްޔާރީއެކެވެ. އޭގެ މައިގަނޑު އަމާޒަކީ ހަމައެކަނި ޢުމުރުގެ ދިގުމިނަށް އަހަރުތަކެއް އިތުރުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެ އިތުރުވާ ކޮންމެ އަހަރަކީ ވެސް ޖިސްމާނީ ވަރުގަދަކަމާއި، ފުރިހަމަ މިނިވަންކަމާއި، އިޖުތިމާޢީ ގުޅުންތަކާއި އަދި ޢިއްޒަތާއި ޤަދަރުވެރިކަންމަތީ ދެމިތިބެވޭނެ އަހަރުތަކަކަށް ހެދުމެވެ.