ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި 5,000 ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ކުންފުނިން އަޅާ 5,000 ހައުސިން ޔުނިޓަށް ސަރުކާރުން އެއްވެސް މާލީ ޒިންމާއެއް އުފުލާކަށް ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން އެ ކުންފުންޏަށް ސަވަރިން ގެރެންޓީއެއް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި، ފައިސާ ދައްކާނީ ހައުސިން ޔުނިޓްތައް ނިންމައި ހަވާލުކުރުމުން އެ ތަންތަން ވިއްކައިގެން ލިބޭ ފައިސާއިން ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރު ތަފްސީލް ހޯދަން "ސަން" އިން މަސައްކަތް ކުރި ނަމަވެސް މި ނޫހަށް އަދި މިނިސްޓަރުގެ ބަސްފުޅެއް ނުލިބެއެވެ.
އަބޫދާބީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ ދުބާއީގެ މަޝްހޫރު ބުރުޖު ޚަލީފާ އާއި ދުބާއީ މޯލް ތަރައްގީކުރި އެމާރު ޕްރޮޕަޓީސްގެ ވެސް ބާނީ، މުޙައްމަދު އަލްއައްބާރެވެ.
އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީމިނިސްޓަރު ވިދާޅުވީ، އީގަލް ހިލްސްއާ އެކު ވެވުނު މި ތާރީޚީ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ޕްރޮގްރާމް ކަމަށެވެ. މިއީ ދައުލަތުން އެއްވެސް ދަރަންޏެއް ނުނަގައި، އަދި ޓެކްސް އިނާޔަތްތަކެއް ނުދީ، 20 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖޭގެ އިގްތިސާދަށް ވައްދައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީ ލިބި 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ މަޝްރޫއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރު ފަޅުގައި ހިއްކަމުންދާ "ރަސްމާލެ" ސިޓީގައި ހިންގާ މި ބިޔަ މަޝްރޫއުގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި، ރިއަލް އެސްޓޭޓް އިމާރާތްތަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް ހިމެނެއެވެ.
މި މަޝްރޫއު އެއްކޮށް ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.