ފީފާގެ ރިޒާވްގައި ހުރި ހަ ބިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފީފާގެ މެންބަރު އެސޯސިއޭޝަންތަކަށް ދިނުމަށް ޔޫއެފާ އަދި ކޮންކާކަފްގެ ރައީސުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އަރިހުން އެދިއްޖެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔޫއެފާގެ ރައީސް އެލެކްސެންޑަ ސެފެރިން އަދި ކޮންކާކަފްގެ ރައީސް ވިކްޓަ މޮންޓަގްލިއާނީ ވަނީ މިކަމާ ގުޅޭގޮތުން އިންފަންޓީނޯއަށް ސިޓީއެއް ފޮނުއްވާފައެވެ.
މި ދެ ބޭފުޅުން ހުށަހަޅާފައިވަނީ ފީފާގެ 211 މެންބަރު އެސޯސިއޭޝަންތަކުގެ ތެރެއިން ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން 10 މިލިއަން ޑޮލަރު ދިނުމަށެވެ. އެއީ 2027 އިން 2030 އަށް ހިނގާ ވިޔަފާރި ސައިކަލްގެ ތެރޭގައި އެއްފަހަރު ދޭ ފައިސާއެއްގެ ގޮތުގައެވެ.
މި ފައިސާއަކީ މިހާރު ވެސް ފީފާ ފޯވަޑް ޕްރޮގްރާމުގެ ދަށުން ކޮންމެ އެސޯސިއޭޝަނަކަށް ދޭ ގާތްގަނޑަކަށް އަށް މިލިއަން ޑޮލަރުގެ އިތުރުން ދިނުމަށް ހުށަހެޅި ފައިސާއެކެވެ. މުޅި ޖުމްލަ މި ޕްލޭނަށް ގާތްގަނޑަކަށް 2.1 ބިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އިންފަންޓީނޯއަށް ފޮނުއްވި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މިންވަރަށް ފައިސާ ބެހުމަށްފަހު ވެސް ފީފާގެ ރިޒާވް 1.5 ބިލިއަން ޑޮލަރަށް ވުރެ ދަށަކަށް ނުދާނެއެވެ.
ފީފާގެ މާލީ ހާލަތު އޮތް ގޮތުން، އެއްވެސް މުބާރާތެއްގެ ހިއްސާ ނުވިއްކައި އަދި މެންބަރު ގައުމުތަކުގެ އަތުން އިތުރު ކަމަކަށް އެދުމަކާ ނުލައި ވެސް މެންބަރުންނަށް މިއަށްވުރެ ބޮޑު އެހީތެރިކަމެއް ދިނުމުގެ ގާބިލުކަން ފީފާއަށް ލިބިގެންވާ ކަމަށް ސެފެރިން އަދި މޮންޓަގްލިއާނީ ވިދާޅުވިއެވެ.
ސެފެރިން އަދި މޮންޓަގްލިއާނީ ވަނީ އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ)، ކެފް، ކޮންމެބޯލް އަދި އޯޝޭނިއާގެ ރައީސުންނަށް ސިޓީ ފޮނުއްވައި، މި ހުށަހެޅުމަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ މި ޕްލޭނަށް ތާއީދުކުރައްވާނެ ކަމަށް ބެލެވެއެވެ. މި ހުށަހެޅުން އަންނަ އޮކްޓޯބަރު 15 ގައި ބާއްވާ ފީފާ ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.