މިދިޔަ މެއި މަހުގެ ނިޔަލަށް މެންބަރުންގެ އިންޝުއަރެންސަށް 101 މިލިއަން ރުފިޔާ ޚަރަދުވި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ހެލްތު އިންޝުއަރެންސް ދޭން ފެށިތާ 13 އަހަރުވީ އިރު އެ މުއްދަތުގައި މެންބަރުންގެ އިންޝުއަރެންސަށް 101 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެ އިދާރާއިން ހިއްސާކުރި މައުލޫމާތުން ދައްކާ -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ދޭން ފެށިފަހުން މިދިޔަ މެއި މަހުގެ ނިޔަލަށް 101.01 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހިއްސާކުރި މައުލޫމާތުން ދައްކައިިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، 'ސަން'އިން ވާނީ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް އަހަރަކު ކުރާ ޖުމުލަ ޚަރަދު، ކޮންމެ އަހަރެއް ވަކިވަކިން އެނގޭނެހެން ތަފްސީލު ހާމަކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފައެވެ. އަދި ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންގެ އިންޝުއަރެންސަށް އަހަރަކު ކުރި ޚަރަދު ވަކިވަކިން ހިމެނުމަށް ވެސް ވާނީ ހުށަހަޅައިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހިއްސާކުރި މައުލޫމާތުގައި ވަނީ މެއި 28، 2013އިން ފެށިގެން މެއި 27، 2014ގެ ނިޔަލަށް މެންބަރުންގެ އިންޝުއަރެންސަށް 2.94 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށެވެ. އެއީ 17ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު އަހަރެވެ.

އެއަށްފަހު އައި 18ވަނަ ރައްޔިތުންގެ މަޖިލިސް ހިނގި މުއްދަތުގައި މެންބަރުންގެ އިންޝުއަރެންސަށް 25.48 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށާއި އެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް 3.63 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް އެ މައުލޫމާތުގައިވެއެވެ.

ހަމަ އެ މައުލޫމާތުގައިވާ ގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލިސް ކުރިއަށް ދިޔަ މުއްދަތުގައި، އެ މަޖިލީހުގައި އޭރު ތިއްބެވި މެންބަރުންގެ އިންޝުއަރެންސަށް 35.6 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށާއި، އެ މަޖިލީހުގެ ކުރިން މެންބަރުކަން ކުރެއްވި މެންބަރުންގެ އިންޝުއަރެންސަށް 10.65 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް ވެސް، މަޖިލީހުގެ އިދާރާއިން ހިއްސާކުރި މައުލޫމާތުގައިވެއެވެ.

އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް މިދިޔަ މެއި މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް 15.92 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް އެ މައުލޫމާތުގައި ދެއްކިއިރު، ކުރީގެ މެންބަރުންގެ އިންޝުއަރެންސަށް އެ މުއްދަތުގައި 6.79 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް ވެސް އެ މައުލޫމާތުން ދައްކައެވެ.

އެހެންކަމުން މެއި 28، 2013އިން ފެށިގެން މިދިޔަ މެއި މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސަށް 101.01 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް، މަޖިލީހުގެ އިދާރާއިން ހިއްސާކުރި މައުލޫމާތުން ހާމަވެއެވެ.

މީގެ އިތުރުން މި އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުން އަންނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 11.3 މިލިއަން ރުފިޔާ މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސަށް ވަނީ ބަޖެޓުކޮށްފައެވެ.

https://sun.mv/225835

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައަކާއި އިނާޔަތެއް ލިބޭ ބައެކެވެ. ނަމަވެސް އެ މުސާރައާއި އިނާޔަތާ އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާ ކަމުގެ ޝަކުވާތައް އަބަދު ވެސް އާންމުން ކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ބޭނުންކޮށްގެން ރާއްޖޭންނާއި ބޭރު ގައުމުތަކުން ފަރުވާ ހޯދަން ދަތިވެފައިވާ ކަމަށް ބުނެ، މެންބަރުންނަށް އިންޝުއަރެންސްގެ ޚިދުމަތްދޭ އެލައިޑް އިންޝުއަރެންސް ކުންފުނި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް މިދިޔަ އޮގަސްޓު މަހުގެ 10ވަނަ ދުވަހު ހާޒިރުކުރިއެވެ.

މެންބަރުން އެލައިޑާ ބައްދަލުކުރީ މެންބަރުންގެ ހެލްތު އިންޝުއަރެންސް ބޭނުންކޮށްގެން ރާއްޖޭންނާއި ބޭރު ގައުމުތަކުން ފަރުވާ ހޯދަން ދަތިވެފައިވާ ކަމަށް ބުނެއެވެ.

comment ކޮމެންޓް